ވިޔަފާރި
އެލައިޑުގެ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ހުޅުވާލައިފި
ލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން (ކ) ނޫސްވެރިންނާ ވާހަކަދައްކަވަނީ.
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އެލައިޑްގެ ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

އެލައިޑުގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 15 އޮގަސްޓް 2023 ގެ ނިޔަލަށެވެ. މި ފަންޑަށް އެދި communityfund@allied.mv އަށް އީމެއިލްކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000ރ ފައިސާގެ އެހީ ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑްގެ އެޑިޔުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިންގ ޕްރޮގްރާމެކެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިވެސް ހަމަވާނީ 15 އޮގަސްޓް 2023 ގެ ނިޔަލަށެވެ. އެލައިޑުން ބުނީ މި ފަންޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަށް ފަރާތެއް ހޮވައި ކޮންމެ ފަރާތަކަށް 25،000ރ ގެ ފައިސާ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ފަންޑަށް ހުށަހަޅާ ފަރާތްތަކުން educationfund@allied.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެ އެވެ.

އެލައިޑުން ބުނި ގޮތުގައި މި ފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ މުޖުތަމައުތަކުގައި ފާހަގަވެފައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށް އެހީތެރިވުމެވެ. އެލައިޑުން ބުނީ މި ޕްރޮގުރާމު މެދުވެރިކޮށް ބާރުވެރި ރައްޔިތުންތަކެއް އުފެދި ދުޅަހެޔޮ މުޖްތަމައުތަކެއް ބިނާވާން ފަށާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން މި ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް އިތުރަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.

އެލައިޑުގެ އިޖްތިމާއީ ޒިންމާގެ ދަށުން ޕްރޮގުރާމުތައް ހިންގުމަށް ޕްރިމިއަމް ފޯ ގުޑް ތައާރަފް ކުރީ 2018 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު