އެމްޑީޕީގެ ކުރީ ސަފުން އަދިވެސް ޖާގަ ލިބޭނެ ކަމަށާއި ވިސްނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދައުވަތު ދެއްވައިފިއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މިއަދު ހެނދުނު އެ އަތޮޅު ވިލުފުއްޓަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އަފީފް އެމްޑީޕީގައި ނެތުމަކީ އެ ރަށުގައި ހުރެ ވާހަކަފުޅު ދައްކަވާއިރު ލިބިވަޑައިގަންނަވާ އުނިކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އަފީފް އަކީ އެ މަނިކުފާނު ވަރަށް އިހުތިރާމުކުރައްވައި ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޕާޓީގެ އެތެރެއަށް އައި ހަލަބޮލިކަމުގެ ތެރޭގައި ޕާޓީ ދޫކޮށް އަފީފް ވަޑައިގެންފައިވާއިރު، އެއީ އޭނާ އިތުރަށް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށެވެ."އަޅުގަނޑު ދަންނަވާނީ އަފީފަށް ވިސްނާވަޑައިގެން، އަލުން އަނބުރާ އަޅުގަނޑުމެންނާ ގުޅިވަޑައިގެން މި މަސައްކަތައިގެން ކުރިއަށް ވަޑައިގަންނަވާށޭ،" ޑިމޮކްރެޓްސްގައި މިހާރު ހުންނެވި އަފީފަށް ދައުވަތު ދެއްވަމުން ރައީސް ވިދާޅުވި އެވެ."އަބަދުވެސް އެމްޑީޕީގައި އެ ބޭފުޅުންނަށް ޖާގަ އޮންނާނެ. ކުރީ ގޮނޑިބަރިން ޖާގަ އޮންނާނެ. އެއީ ހިދުމަތް ކުރެއްވި ބޭފުޅުން."އެ މަނިކުފާނު ވިދާޅުވީ، ކުރިމަގު އޮތީ އެމްޑީޕީއާ އެކު ކަމަށެވެ.މީގެ އިތުުރުން ޕާޓީއަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މެންބަރުން ޕާޓީން ވަކިވެގެން ދިއުމަކީ އެއް ގޮތަކަށް ވެސް ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށާއި އެ މެންބަރުން ވަކިވެ ދިއުމަކީ ދޫކޮށްލެވޭވަރު ކަމަކަށް ނުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގައި އަފީފް މަސައްކަތް ކުރެއްވި ނަމަވެސް ޕާޓީގެ ހަރަކާތްތަކުން އޭނާ ފެންނަނީ ވަރަށް މަދުންނެވެ. ޚިޔާލު ތަފާތު ނަމަވެސް ބަހުގެ ހަމަލަތައް ރައީސަށް ސީދާގޮތުން އަމާޒެއް ނުކުރައްވައެވެ.އަފީފަށް ރައީސް ދައުވަތު ދެއްވިއިރު އެމްޑީޕީން ވަކިވި މެންބަރުންގެ ތެރެއިން ކުޅުދުއްފުށީ ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.