
ރިޔާސީ އިންތިހާބުގެ ނަތީޖާ މިރޭ ސާފުވެގެން ދިޔައިރު އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ. މުއިއްޒު އެވެ. އެއީ 100،841 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ސޯލިހް އެވެ. އެއީ 85،649 ވޯޓެވެ. މިހާރު ގާތްގަނޑަކަށް ހުރިހާ ފޮއްޓެއް ގުނާފައިވާއިރު ނާޒިމަށް ލިބުނީ 1906 ވޯޓެވެ. އެއީ އަށް ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގެ ފުލުން ދެވަނައެވެ. އެއާ އަޅާބަލާއިރު އަމިއްލަ ގޮތުން ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ އުމަރު ނަސީރާއި ފާރިސް މައުމޫން ވެސް މާ ގިނަ ވޯޓު ކާމިޔާބު ކުރެއްވިއެވެ.އުމަރު ނަސީރަށް ލިބުނު ވޯޓުގެ އަދަދު 6339 އަށް އަރާއިރު ފާރިސްއަށް ލިބުނު ވޯޓުގެ އަދަދު ވަނީ 2979 ހުރަސްކޮށްފައެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ނާޒިމަށް މި ނިމުނު އިންތިހާބުގައި މަދު ވޯޓު ކޮޅެއް ލިބުނު ކަމަށް މި ބެލެވެނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި ނާޒިމް އަދާކުރެއްވި ދައުރަށް އެޅުނު "ހިޔަނި" ކަމުގައި ވުން ގާތެވެ.ފެބްރުއަރީ 7، 2012ގައި ނަޝީދުގެ ވެރިކަން ވެއްޓުނު ހިސާބުން ފެށިގެން އެމްޑީޕީ މީހުން އެންމެ ނުރުހޭ މީހުންގެ ތެރޭގައި ނާޒިމް ހިމެނެ އެވެ. އެއީ ވެރިކަން ބަދަލު ކުރުމުގައި އޭނާ އިސްކޮށް އުޅުއްވުމާއި ދެން އުފެދުނު ސަރުކާރުގައި ވެސް އޭނާ އިސްކޮށް ހަރަކާތްތެރިވެފައި ވާތީ އެވެ. ވޭތުވެދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެހާ ހިސާބުން ނާޒިމް މަސައްކަތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށެވެ. ނާޒިމްގެ އަރިސް ބައެއް ބޭފުޅުން ކުރިން ވިދާޅުވިގޮތުގައި ނާޒިމް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްގެންނެވެ.