ޚަބަރު
ދެވަނަ ބުރުގެ ވޯޓު ލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި
މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭނެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނެ ވަގުތެއްގެ ގޮތުގައި އެިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުއްވީ ހެނދުނު 8:00އިން ހަވީރު 16:00 އަށެވެ. އެހެންނަމަވެސް ގިނަބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާއާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓުލެވޭ ވަގުތަށް އެއްގަޑިއިރު އިތުރުކޮށްދީފައެވެ. 

އީސީން މި ވަގުތު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މެންދުރުފަހު ހޫނު ގަދަވުމުގެ ސަބަބުން ކިއޫގައި ތިބުމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ ދެވަނަ ބުރުގެ ވޯޓު ލާން ފުރަތަމަ ބުރަށް ވުރެ އިތުރަށް ގަޑިއިރެއް ދޭން ނިންމާފައިވާ ކަމަށެވެ.

"ލަފާ ދޭ ކޮމިޓީތަކުން ލަފާ ލިބުނު ގޮތާއި، އަޅުގަނޑުމެންނަށް ކުރެވުނު އޮބްޒަވޭޝަންތަކުން ވެސް އެނގުނު ގޮތުގައި، ބައެއް މީހުނަކީ ބޭސްފަރުވާ ކުރާ ބައްޔެއް، ސިއްހީ ގޮތުން މެންދުރުފަހު ނުކުުމެވޭ މީހުން، އެހެންވެ ވޯޓާސް ޓާން އައުޓް އިތުރު ވުމަކީ ގާތް ކަމެއް،" ހަބީބު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައިި، ވޯޓުލުން ކުރިއަށް ދިޔަ ދުވަހު ވެސް ވޯޓުލާ ވަގުތު އިތުރު ވެސް ކޮށްދީފައިވެ އެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެ ފުރުސަތު ކޮމިޝަނުން ދީފައެއް ނުވެ އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި ބައެއް މައްސަލަތަކަށް އަލިއަޅުވާލައްވަމުން ހަބީބް ވިދާޅުވީ ވޯޓިން ބޫތުތައް ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސައްޙަކަން ކަށަވަރުކުރުމުގައި ދަތިތަކެއް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރިކަމަށެވެ. އަދި ދެވަނަބުރުގައި އެކަންކަމަށް ބެލުމަށްފަހު ވޯޓިން ބޫތުތަކުގެ ޑިޒައިނަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ވޯޓުލާ އެކި މަރުކަޒުތަކުގެ އޮފިޝަލުންނާއި ވޯޓު ފޮށިތަކުގެ ވެރިންގެ އަމަލުތައް ތަފާތުކަމަށާއި ދެވަނަ ބުރުގައި އެކަންތައް ރަނގަޅުކުރުމަށް އިތުރު ތަމްރީންތަކެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ހަބީބް ވިދާލުވިއެވެ.

"އެއްގޮތަކަށް ވޯޓުލުމުގެ މަރުކަޒުތަކުގައި ކަންތައްތައްކުރުމަށް އޮފިޝަލުންނަށް އިތުރު ތަމްރީންތައް ދޭނަން. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކިއުގައި ނުޖެހި ވޯޓުލެވޭނެ އިންތިމާޒްތައް ހަމަޖެސުމަށް މަސައްކަތް ކުރާނަން."އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީށް އިސްމާއިލް ޙަބީބް ވިދާޅުވިއެވެ. 

ފުރަތަމަ ބުރުގައިވެސް ވޯޓުލާން ފަށައިގެން ވަކި ހިސާބަކަށް ދިއުމުން ވޯޓުލާ ވަގުތު އިތުރުކޮށްދިނުމަކީ ކޮމިޝަނުގެ ހަތަރު މެންބަރުންވެސް ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި، ދެވަނަ ބުރުގައިވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދާއި، ޑރ، މުހައްމަދު މުއިއްޒު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު