އިސްމާއިލް ރިޒާ
24 ސެޕްޓެމްބަރ 2023 - 19:18
0 comments
އުތުރު ތިލަފަޅުން ގޯތި ދިނުމަށް ހިއްކަން ނިންމާފައިވާ ސަރަހައްދުގެ ޗާޓު - ފޮޓޯ: ހައުސިން މިނިސްޓްރީ
ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ދޫކުރާ ގޯތި ދޫކުރުމަށް އުތުރު ތިލަފަޅުން ހިއްކުމަށް ނިންމާފައިވަނީ ޖުމްލަ 215 ހެކްޓަރު ބިން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވަނީ އުތުރު ތިލަފަޅު ބިން ހިއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް އާންމުކުރައްވާފަ އެވެ.
މިކުރެހުމުގައިވާ ގޮތުން އުތުުރު ތިލަފަޅުން 215 ހެކްޓަރުންގެ ބިން ހިއްކާއިރު އެ ފަޅުގައި ހަދަމުން އެމްއެންޑީއެފްގެ އަސްކަރީ ބަނދަރު -- ސިފަވަރު އޮންނަނީ މީހުން ދިރިއުޅެން ދޫކުރާ ބިމާއި ވަކިކޮށްލާފަ އެވެ.
ސަރުކާރުން މިހާރު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއު ނިމިގެންދާއިރު އުތުރު ތިލަފަޅުވެސް މި ބްރިޖު ތެރެއިން ގުޅާލުމަށް ނިންމާފަ އެވެ.
މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ގޯތި އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ފްލެޓް ދިނުމަށް ނިންމާ މި ސްކީމު ހުޅުވާލީ ރޭގެ ވަގުތެއްގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން ބިން ދޭ ނިންމާފައިވަނީ މާލޭގައި މަދުވެގެން 20 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށެވެ. އަދި ބިމުގެ ބޮޑު މިނަކީ ކުރިމަތިލީ އެއް ފަރާތްތަކުން ނަމަ 1250 އަކަ ފޫޓެވެ. އަދި އިތުރުވާ ކޮންމެ ކޯ އެޕްލިކެންޓަކަށް 400 އަކަފޫޓު އިތުރުވެއެވެ.ބިންވެރިޔާ ސްކީމަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ކުރިއަށް ގެންދެވޭ މުހިންމު ސްކީމެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.