ޚަބަރު
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާނަމަ އެމީހަކު ސަރުކާރުން ބޭރުކުރާނަން: ޑރ. މުއިއްޒު
ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ މީހުން އޭނާގެ ވެރިކަމެއްގައި މަގާމުން ވަކިކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، ގަލޮޅު ކަންމަތީގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކޮށްލެވުމަށް ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ގާނޫނާއަސާސީގައި ހަމައެކަނި "މިނިވަން" ޖަހާލައިފައި އޮތް ތަންތަނުގެ ބަދަލުގައި ހަގީގީ މާނާގައި މިނިވަން ތަންތަނަށް އޭނާ ހަދައިދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މުއައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ކަނޑައަޅަން މަޖިލީހަށް ފޮނުވާ ނަންތައް ހަމައެކަނި ސިޔާސީ ވިސްނުމެއްގައި ފޮނުވާ ނަންތަކަކަށް ނުވާނެ ކަމަށެވެ. ނަން ކަނޑައެޅުމުގައި ބަލާނީ ތައުލީމީ އަދި ގާބިލު މީހުން އެ މަގާމުތައް ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާބިލު، ތައުލީމީ ބޭފުޅުން ކަން ޔަގީންކުރާނަން. މެރިޓް ބޭސްޑް ލިސްޓު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާ ހަގީގީ މާނައިގައި މިނިވަން ވުމުން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވި ހަމަލާގައި މިހާތަނަށް ނުބެލި އޮތް މައްސަލަ ބެލި އެމަނިކުފާނަށް ވެސް އިންސާފު ލިބިގެންދާނެ ކަމަށެވެ.

"އޭރުން ކުޑަ މީހެއް ބޮޑު މީހެއް ބެލުމެއް ނެތި، މަގާމުގެ ތަފާތެއް ބެލުމެއް ނެތި، އިންސާފު ހަމަހަމަކަމާއެކީގައި ކޮންމެ ރައްޔިތަކަށް އަދުލުވެރިކަމާއެކު އެ ޖުޑިޝަރީ ތެރެއިން ފޯރުވައިދިނުމުގައި ޖުޑިޝަރީ ތެރޭގައި ތިއްބެވި ފަނޑިޔާރުންނަށް ފުރިހަމަ މިނިވަން ޖައްވެއް ލިބިގެންދާނެ. އެކަން ގާއިމުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

"މިޤައުމުގު އިންސާފުވެރިކަން އޮތީ ގެއްލިފައި، ޖުޑީޝިއަރީ އޮތީ ފެއިލްވެފަައި، އަޅުގަނޑުގެ ސަރުކާރެއްގައި ޝަރުއީ ދާއިރާ ޖުޑީޝިއަރީ ވާނީ ހަޤީޤީ މާނައިގައި މިނިވަން ތަނަކަށް. މިޤައުމަށް މިނިވަންކަމާ ހަމަޖެހުންގެންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގަލޮޅު ކަންމަތީގައި ބޭއްވި މި ޖަލްސާގައި އެމްއާރުއެމްގެ ލީޑަރޝިޕްގައި މަސައްކަތް ކުރެއްވި ގިނަ ބަޔަކުވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ގަލޮޅުގައި ޑޯޓުޑޯގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު