
ރައިސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ޙާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެކެވެ. އަދި، އެކަމަށްޓަކައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާކޮށް، މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވަން ޖެހެއެވެ.އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން އެކަމެއް މަތީގައި ސާބިތުކަމާއެކު ދެމިތިބެ، އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ޤައުމު އާރާސްތުކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއެވެ. އަދި، ދިވެހިންގެ މެދުގައި މި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ އަޞްލަކީ، މުޖްތަމަޢުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމަށްވާ ހިނދު، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚުލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެކެވެ.މީގެ އިތުރުން ވެސް، އިސްލާމް ދީން ގެނެސްދިން އިޖްތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ ވެސް، މި ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު މަޤްޞަދެއްކަމަށާއި، އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ވެސް މަސައްކަތް ކުރުމަކީ ހުރިހާ ދިވެހީންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.