ކުޅިވަރު
ގައްދޫގައި ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް ވިއްކާތީ ކައުންސިލުން އިންޒާރު!
ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް، ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކާ ވިޔަފާރިވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގދ. ގައްދޫ ކައުންސިލުން އިއްޔެ ދީފި އެވެ.

ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިކޮނޮމިކް މިނިސްޓްރީން ވަކި އަގުތަކެއް ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް އެ ރަށުގެ ބައެއް ފިހާރަތަކުން ބޮޑު އަގުގައި ވިއްކަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގަވައިދާ ހިލާފު އަމަލެއްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމާ ބެހޭ ގަވައިދާ ހަވާލަދީ ކައުންސިލުން ބުނީ، ކާޑުގެ ބާވަތްތައް ޕެކެޓުކޮށްގެން ވިއްކިދާނެއެވެ. އެކަމަކު، މިނިސްޓްރީގެ އަގަށްވުރެ ބޮޑުކޮށް ވިއްކޭނީ ޕެކެޓު ކުރުމަށް ހިނގާ ޚަރަދު ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅައިގެން އެ ހުއްދަ ލިބުމުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އެ ގަވައިދާ ހިލާފަށް މުދާ ވިއްކާ ވިޔަފާރިވެރިންގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީއަށް ރިޕޯޓުކުރާނެ ކަމުގެ އިންޒާރު ގައްދޫ ކައުންސިލުން އެ ރަށުގެ ވިޔަފާރިވެރިންނަށް ވަނީ ދީފައެވެ.

މިގޮތުން، އެ ފަދަ ހާލަތުގައި މިނިސްޓްރީން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ގަވައިދާ ޚިލާފުވި ވިޔަފާރިއެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި، އެ ކުށް ތަކުރާރުކޮށްފިނަމަ، ހަ މަސް ދުވަހަށް ފިހާރަ ބަންދުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބޭކަން ގައްދޫ ކައުންސިލުން ހަނދާންކޮށްދިނެވެ.

މާލެއާއި ރަށްރަށުން ކާޑުގެ ބާވަތްތައް އެއް އަގެއްގައި ލިބޭނެ ގޮތަށް އެސްޓީއޯއިން އިންތިޒާމުތައް ހަމަޖައްސާއިރު، ކާޑުގެ ބާވަތްތަކުގެ ސަބްސިޑީއަށް ބަޖެޓުން ބޮޑު އަދަދެއް ހަރަދުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު