
މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ނިމިގެންދާ 5 އަހަރަކީ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު ފަސް އަހަރު ކަމަށެވެ. މިގޮތުން، ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި، ޚާއްސަގޮތެއްގައި ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވިފައިވުން ފާހަގަ ކުރެއްވިއެވެ.ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ޚާއްސަކޮށް، ކޯވިޑް-19ގެ ހާލަތުގައި، ފުލުހުން ކުރި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މިގޮތުން ކޯވިޑް-19އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގައި އަމަލީގޮތުން ފުލުހުން އަދާކުރި ދައުރުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.ނައިބު ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުތަކާއި އެކު މަގުމައްޗާއި، ކަނޑުދަތުރާއި، މަސައްކަތުގެ މާހައުލާއި، ގޭތެރޭގައި ދިމާވާ ކަންކަމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށިފައި ހުރި މަސައްކަތްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހާއްސަގޮތެއްގައި މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްޤީކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ.މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަމާން މުޖުތަމަޢެއް ޤާއިމް ކުރުމަށް ފުލުހުންނާއިއެކު ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ހިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.