އިސްމާއިލް ރިޒާ
30 އޮކްޓޫބަރ 2023 - 14:47
0 comments
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުން 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފި އެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
އެ އިދާރާ އިން މިއަދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމާ ގުޅޭ ކަންކަން ޓެންޑާ ބޯޑުން 22.9 މިލިއަން ރުފިޔާ އަށް ސިވެކްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގެ ތައްޔާރުތައް ވާން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ވަށައިގެން ފެންސްޖަހާ މަސައްކަތް ވަނީ ފަށައިފަ އެވެ.ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރުން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.