ޚަބަރު
ޖަމީލު ދެއްކި ވާހަކައަށް އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލު އަދި އެ މަނިކުފާނާ އެކު މިހާރު އާންމުކޮށް ފެނިވަޑައިގަންނަވާ ލީޑަޝިޕްގެ ބޭފުޅާ ޑރ. މުހައްމަދު ޖަމީލު އަހުމަދު، ޔާމީންގެ ވެރިކަން 2018ގައި ނިމުމަކަށް ގެނެސް، އެމްޑީޕީ ވެރިކަމަށް ގެނައުމަށް އޭރު ކުރެއްވި މަސައްކަތް ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމް-ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރޭ ޖަމީލަށް ހޫނު ރައްދެއް ދެއްވައިފި އެވެ.

އަބްދުއް ރަހީމް ޖަމީލަށް ރައްދު ދެއްވީ މިދިޔަ ހަފުތާގައި ޕީޕީއެމް އޮފީހުގައި އޮތް ރައީސް ޔާމީން ބައިވެރިވެލެއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަ އަށެވެ. އެ ޖަލްސާގައި ޖަމީލު ވިދާޅުވީ ވެރިކަމަށް އާދެވުމުން ހެއްދެވޭނެ އެންމެ ބޮޑު ގޯހަކީ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނެތުންކަމަށެވެ.

"ހެދޭނެ އެންމެ ބޮޑު ގޯހަކީ އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔަބީ ލިބުނު ގޮތް ހަނދާން ނައްތާލުން، ހަނދާން ނައްތާލުން، ކިހިނެއްހޭ އައީ، ކާކުހޭ އެންމެ ބޮޑު ގުރުބާނީއެއްވީ، ކޮންބައެއްގެ މަސައްކަތް ހޭ؟ ދިވެހިރާއްޖޭގެ އެތަކެއް ރައްޔިތުން، އަޅުގަނޑުމެން ޕާޓީން އެކަންޏެއް ނޫނޭ، ބައިވަރު ހެޔޮއެދޭ ގާތް ތިމާގެ އެތައް ރަހުމަތްތެރި އެތައް ބައެއްގެ ބުރަ މަސައްކަތުން،" ޖަމީލް ވިދާޅުވެފައިވެ އެވެ.

ޖަމީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ނިމިގެން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ވެރިކަމުގައި މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވެ، ދިވެހި ގައުމަށް ހިޔާާނާތްތެރި ވެފައިވާ ކަމަށެވެ. އެއާ އެކު، ސަޕޯޓަރުންގެ ކިބައިން އޭނާ އެދިވަޑައިގެންވީ، މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ފަރާތްތައް ހަނދާން ނައްތާލުމަށެވެ.

"[2018ގައި] އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން، މުޅި މި ގައުމު ސުންނާފަތިކޮށްލީ ކޮން ބައެއްކަން އަޅުގަނޑުމެންގެ ހަދާނުގައި އެބަހުރި. އެ މަންޒަރު އަޅުގަނޑުމެންގެ ލޮލަށް އެބަ ފެެނޭ. އެ އަޑުތައް މިހާރު ވެސް އަޅުގަނޑުމެންގެ ކަންފަތަށް އިވޭ،" ޔާމީންގެ ސަރުކާރާ ދެކޮޅަށް، އޭރު ބޭރުގައި ތިއްބެވި އިދިކޮޅު ވެރިން ގުޅިގެން އުފެއްދި މޯލްޑިވްސް ޔުނައިޑް އޮޕޮޒިޝަން (އެމްޔޫއޯ) ކޯލިޝަންގެ ލީޑަރަކަށް ހުންނެވި ޖަމީލްގެ ނަން ނުގެންނަވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއާއި ޕީޕީއެމް ވަކި ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމް ޕީއެންސީ، އަޅުގަނޑުމެންގެ ދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކީ އެއްވެސް ބަޔަކަށް އިރާދަކުރެއްވިއްޔާ ކުރެވޭނެ މަސައްކަތެއް ނޫން، އެ ފުރުސަތެއް އެއްވެސް ފަރަތަކަށް އަޅުގަނޑުމެންނެއް ނުދޭނަން،" ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕް ބޭފުޅުން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ރޭ ހުޅުދޫގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލްގެ އިތުބާރު ނެތް މައްސަަލައެއް ނަގައި މަގާމުން ދުރު ކުރި ހިސާބުން ފެށިގެން އޭނާ ގެންދެވީ ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޔާމީނަށް ވައްކަމާއި ހިޔާނާތުގެ އެތައް ތުހުމަތެއް ޖަމީލް ކުރެއްވި އެވެ. އެ އަށް ޔާމީންގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީ އާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު ފުރަތަމަ އުފެއްދި އިދިކޮޅު އިއްތިހާދުގެ ވެސް ކުރީގައި ޖަމީލް ހުންނެވި އެވެ. ޔާމީންގެ ވެރިކަން ބަދަލުކުރަން އެންމެ އިސްވެ، މަސައްކަތް ކުރެއްވި ޖަމީލް ވަނީ ޔާމީންގެ އަބުރަށް ހުތުރުވާ ގޮތަށް އެތައް ވާހަކަފުޅެއް އެކިއެކި ޕްލެޓްފޯމުތަކުގައި އޭރު ދައްކަވައިފަ އެވެ.

ނަމަވެސް މި ވެރިކަމުގެ ތެރޭގައި ޖަމީލް އަނެއްކާވެސް ޕީޕީއެމާ ގުޅިވަޑައިގެން ޔާމީނާ އެކު، މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލަކީ ވެސް ޖަމީލެވެ.

 

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު