ޚަބަރު
ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންފި
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު
ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.

މިކަން ވަނީ ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ސްޓިއަރިން ކޮމެޓީގައި އިސްކޮށް އުޅުއްވާ، އައްބާސް އާދިލް ރިޒާ ކަށަވަރު ކޮށްދެއްވާފަ އެވެ.

ޖަމީލު ޕީޕީއެމުން ވަކިވެވަޑައިގެންފައިމިވަނީ އާ ސަރުކާރުގައި ހިއްސާވާ ޕީޕީއެމުން ވަކިވެ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. 

އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ. އެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމި، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

ޖަމީލްގެ އިތުރުން މަލީހް ވެސް ގެންދަވަނީ ޕީޕީއެމާއި އެ ޕާޓީގެ ލީޑަޝިޕަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެންމެ ބޮޑު މައްސަލައަކަށްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ރައީސް ޔާމީން ބާކީކޮށްލެއްވުމެވެ. އަދި ރައީސް ޔާމީން ގުޅުއްވީމަ، ރައީސް މުއިއްޒު ފޯން ވެސް ނުނަންގަވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު