ޚަބަރު
ލުތުފީ މިނިވަން ވެއްޖެ
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ބާޣީ އަބްދުﷲ ލުތުފީ އަށް އިއްވި ޖަލު ހުކުމް ތަންފީޒްކޮށް ނިމުމުން މިނިވަން ވެއްޖެ އެވެ.

ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައި ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ. އެކަމަކު، ފަހުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އޭނާގެ އަދަބު އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ.

އެ މައްސަލާގައި އޭނާއަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށް ނިމުނީ މިއަހަރުގެ އޭޕްރީލް 25 ގަ އެވެ. އެއަށްފަހު އޭނާ ގެންދިޔައީ ރާއްޖެއިން ފިލައިގެން ދިޔަ މައްސަލާގައި އޭނާއަށް ކުރި ހުކުމް ތަންފީޒު ކުރަމުންނެވެ. އެ ހުކުމް ވެސް މިއަދު ތަންފީޒުކޮށް ނިމުމާއެކު ލުތުފީ ވަނީ މިއަދު މިނިވަން ވެފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލުތުފީ އިސްވެ ހުރެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުކޮށްލި އެވެ. މީގެތެރޭގައި 11 ދިވެއްސަކުވެސް ހިމެނެ އެވެ. 

ނޮވެމްބަރު 3ގެ ހަމަލާގައި ލުތުފީއާ އެކު އިސްކޮށް ބައިވެރިވި އަހުމަދު ނާސިރު (ސަގަރު ނާސިރު) ވެސް ވަނީ ހުކުމް ތަންފީޒުކޮށް ނިމި، 2014 ވަނަ އަހަރު މިނިވަންވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު