
ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ރާއްޖޭގެ އެޗްއައިވީގެ ހާލަތު ބަޔާންކޮށް އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭން އެބަލި ޖެހުނު 40 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ.އޭގެ ތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ބާކީ ތިން މީހުންނަށް ވީ ގޮތެއް ރިޕޯޓުގައި ބުނެފައެއް ނެތެވެ.އާބާދީގެ ގޮތުން ކުޑަ ރާއްޖޭގެ މުޖުތަމައުގައިވެސް އެއިޑްސް ބައްޔަށް މަގުފަހިވާ ނޭދެވޭ އެތައް އާދަތަކެއް ހަރުލާފައިވުމުގެ ކަންބޮޑުވުން ސިއްޙީ ދާއިރާއިން ފާހަގަކުރެއެވެ. ފުރާނައަށް ނުރައްކާވެދާ މިބަލިން ސަލާމަތްވުމަށް ރައްކާތެރިކަމަށް ސަމާލުވުމާއެކު ޓެސްޓުކުރުމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ.