ވިޔަފާރި
މޯލްޑިވް ގޭހުގެ ދުވަހުގެ މަސައްކަތް ދެން ފަށާނީ ގައުމީ ސަލާމުން
މޯލްޑިވް ގޭހުގެ ހުރިހާ ސެންޓަރެއްގައި ވެސް ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ގުރުއާން ކިޔަވައި ގައުމީ ސަލާމް ކިޔާ ގޮތަށް، އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު މިއަދު ހަމަޖައްސަވައިފި އެވެ.

މޯލްޑިވްސް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވަނީ އެ ކުންފުނީގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވާ ދުވަހުގެ މަސައްކަތް ގުރުއާނާއި ގައުމީ ސަލާމުން ފެށުމަށް ނިންމާފައިވާ ކަމަށް ހާމަކުރައްވާފަ އެވެ. 

"ވިއްސާރަ ވިޔަސް، ކިތަންމެ އަވިގަދަ ކަމުގައި ވިޔަސް އަދި ކިތަންމެ ބޮޑު ކަމެއް ގައުމުގައި ހިނގައިގެން އުޅުނު ކަމުގައި ވިޔަސް މޯލްޑިވް ގޭސްގެ ހިދުމަތަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ފަދަ ގޮތަކަށް މިއަދާ ހަމައަށް މި ގެނެވުނީ ކުންފުނީގެ ކުރީގެ ވެރިންނާއި މިއަދާ ހަމައަށް ކުންފުނީގައި އުޅުނު މުވައްޒަފުންގެ މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ، މޯލްޑިވް ގޭހަކީ ފައިދާވާ އަދި ރައްޔިތުންނަށް ހެޔޮ އަގުގައި ހިދުމަތް ދޭ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޯލްޑިވް ގޭހަކީ ކާމިޔާބު ކުންފުންޏަކަށް ހަދަން މުވައްޒަފުންގެ އެހީއާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

މޯލްޑިވް ގޭހުގެ އާ މެނޭޖިން ޑިރެކްޓަރަށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު