ވިޔަފާރި
މޯލްޑިވް ގޭސް އިން އަގުބޮޑުކޮށް ގޭސް ގަންނަ މައްސަަލައެއް!
އަގުބޮޑުކޮށް ގޭސް ވިއްކާ ބައެއްގެ އަތުން ގޭސް ގަންނާތީ، އެކަން އެގޮތަށް ނުކުރަން ރައްޔިތުންގެ މަޖިލީހުން ލާފާ ދިން ނަމަވެސް މޯލްޑިވް ގޭހުން އެކަން ކުރިއަށް ގެންދާތީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އެކަން ބަލަން ފަށައިފި އެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭ ގޮތުން މޯލްޑިވް ގޭހުގެ އިސް ބޭފުޅުންނާ ސުވާލުކުރުމެވެ. އެކަން ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށް ވާތީ ތަފްސީލެއް އަދި ނުލިބެ އެވެ.

އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްުޔާސް ލަބީބު ވިދާޅުވީ، މަޖިލީހުގެ ނިންމުމަކާ ހިލާފަށް މޯލްޑިވް ގޭހުން، ތްރީޑީއެޗް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ގޭސް ގަންނަ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.

މޯލްޑިވް ގޭހުން، ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލާ ސަޕްލަޔަރު ބަދަލު ކުރަން އެންގީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭރު ކޮމިޓީން މައްސަލަ ބެލިއިރު އެނގުނީ މޯލްޑިވް ގޭހުން ރާއްޖެއަށް ބޭނުންވާ ގޭސް ގަންނަ ސަޕްލަޔަރު -- ތްރީ އެޗް ޑީ އިންޓަނޭޝަނަލް އަކީ ގޭސް ބަންދުކުރާ ކުންފުންޏެއް ނޫން ކަމާއި އެއީ ގޭސް ވިއްކާ ތިންވަނަ ޕާޓީއެއް ކަމެވެ. އެގޮތަށް ގޭސް ގަތުމުން ކޮންމެ ޝިޕްމަންޓަކަށް 130،000 ޑޮލަރު އިތުރަށް ހަރަދު ކުރަމުންދާ ކަމަށް ފާހަގަވި އެވެ. އެގޮތަށް ގޭސް ގަންނަނީ މޯލްޑިވް ގޭހުގެ ސްޓޯރޭޖުގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށް އެ ކުންފުނިން އޭރު ބުނެފައިވެ އެވެ.

ސްޓޯރޭޖުގައި އެކަށީގެންވާ ޖާގަ ނެތް ކަމަށް މޯލްޑިވް ގޭހުގެ ވެރިން ކޮމިޓީއަށް އޭރު މައުލޫމާތު ދެއްވުމާ ގުޅިގެން ސްޓޯރޭޖުގެ ޖާގަ އިތުރުކޮށްގެން އަގުތައް ކުޑަކުރެވިދާނެ ގޮތުގެ ޕްލޭނެއް ހެދުމަށްފަހު ދެމަސް ތެރޭގައި ހިއްސާކުރުމަށްވެސް ކޮމިޓީން އޭރު މޯލްޑިވް ގޭހަށް އަންގާފައިވެ އެވެ. އަދި މޯލްޑިވް ގޭހުން ތެޔޮ ގަންނަ އަގުތަކާއި މާކެޓްގައި ހުންނަ އަގުތަކާ ބަލާއިރު ގަބޫލުނުކުރެވޭ ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އޭސީސީ އަށް އެންގުމަށްވެސް ކޮމިޓީން އޭރު ފާސްކޮށްފައިވެ އެވެ.

ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ގޭސް ގަނެ، ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމަކީ މިއަދު ދުނިޔޭގެ މަޝްރަހަށް ބަލާއިރު ނާޒުކު ކަމެއް ކަމަށާއި އަދި ގޭސް ގަންނަން ޖެހެނީ ޕްރައިވެޓް ކުންފުނިތަކުން ކަމަށްވާތީ އެ ހިދުމަތަށް ބުރުނާރާނެ ކަން ކަށަވަރުކުރެވޭނީ ބައްދަލުވުން ސިއްރުކޮށްގެން ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު