ވިޔަފާރި
6،000 އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަންރަން ބާއްވައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2023 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އުރީދޫން ބުނި ގޮތުގައި ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 6000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ. މި އަހަރުގެ "ފަން ރަން"ގެ 5ކޭ ދުވުން ބޭއްވީ ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތައް ހިމެނޭ ގޮތަށެވެ. މި ދުވުމުގައި އެކި އުމުރުފުރާތަކުުން ބައިވެރިވެފައި ވާއިރު މިއީ އާއިލާތަކާއި ކުޑަކުދިންގެ މެދުގައި މަގުބޫލު، ފޯރި ގަދަ ދުވުމެއްކަން އުރީދޫން ފާހަގަކުރެ އެވެ.

އުރީދޫ ފަން ރަން 2023 ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ލ. އަތޮޅުގެ ކައުންސިލް ރައީސް އިސްމާއިލް އަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޙާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

މި އަހަރުގެ "ފަން ރަން" އަށް ލިބުނު ބޯޑު ތަރުހީބާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ "ފަން ރަން" އަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި މި ހަރަކާތަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރު އެޅުމުގެ އިތުރުން ދިވެހި މުޖުތަމައުގެ ރޫހު ދައްކުވައިދޭ އުފާވެރި ހަރަކާތެއް ކަމަށެވެ. އަދި މި ދުވުމުގެ ބައިވެރިންގެ ފަރާތުން ފެނުނު ހިނިތުންވުމާއި އުފާވެރިކަމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ދުވުންތެރިން ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރަމުން ދިޔައިރު ފަން ސްޓޭޝަންތަކުން މަރުހަބާ ކިޔައި ކުލަ އާއި އޮބްސްޓެކަލަސް އަދި މަޖާ ފޯމް ޕާޓީ އެއް ފެނިގެންދިޔަ އެވެ. މީގެ އިތުރުން މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕް ގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާ ފަން ރަންގެ މެޑަލް ދައްކާލައި ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ފޮޓޯތައް ދުވުމުގެ ބައިވެރިން ވަނީ ހިއްސާކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްއިން މިހާރުވެސް އަންނަނީ 2024 ވަނަ އަހަރު ބާއްވާ އުރީދޫ ފަން ރަންއަށް ތައްޔާރުވަމުނެވެ. ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު