ވިޔަފާރި
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ރާއްޖެ އަންނަނީ
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ ތަރި، ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ޖުލައި މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފި އެވެ.

އުރީދޫގެ މޯލްޑިވްސްގެ ދައުވަތަކަށް ފުޓްބޯޅަ ލެޖެންޑު އޮކޯޗާ ރާއްޖެ އަންނަނީ ޖުލައި މަހު އެވެ. އުރީދޫން ބުނީ މި ދަތުރަކީ އުރީދޫގެ ޕްރިމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހިވި ދަތުރެއް ކަމަށެވެ.

އުރީދޫން ބުނީ ހިތްގައިމު ހުނަރާއި އާދަޔާ ހިލާފު ޕްލޭމޭކިން ގާބިލު ކަމަށް މަޝްހޫރު ޖޭ-ޖޭ އޮކޯޗާ ރާއްޖޭގައި ހުންނާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އޮކޯޗާގެ މި ދަތުރުގައި ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން އޭނާގެ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެ ކަމަށް އުރީދޫން ބުނެ އެވެ. 

އޭގެ ތެރޭގައި އެ ކުޅުންތެރިޔާއާ އެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ވެސް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެ ފުރުސަތު ހޯދަން ބޭނުންވާ ކަސްޓަމަރުން، ސޯޝަލް މީޑިއާ ކޮންޓެސްޓްގައި އެކަމަށް ހާއްސަ ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭނެ އެވެ.

މި ކޮންޓެސްޓުގައި އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބައިވެރިވެވޭނެ އެވެ. މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަށް އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ 2 ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދާނެ އެވެ. މި ސެޝަންތައް ކުރިއަށް ދާނީ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުންނާއި އެކު އެވެ.


އޭގެ އިތުރުން ވިން އަ ޓްރިޕް ޓު ލާމުގެ ނަމުގައި ބާއްވާ މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތަކަށް އޮކޯޗާއާ ބައްދަލުކޮށް، ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެ ޕްރޮމޯޝަންގައި ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އޮކޯޗާ ލ އަތޮޅަށް ކުރާ ދަތުރުގައި އުރީދޫގެ ފަން ރަންގައި ވެސް ބައިވެރިވާނެ އެވެ. އެ ދުވުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު