ޚަބަރު
ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ
ޕީއެސްއެމްގެ ޓީވީ ހިންގާ އިމާރާތް ---
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ހިންގި ހިޔާނާތުގައި، އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު އޭނާގެ އަމިއްލަ ދަރިއެއްގެ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ކުންފުނިން ގެއްލިފައި ވަނީ 2020 އިން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެކައުންޓަށް ޖަަމާކޮށްފައިވާ 4.6 މިލިއަން ރުފިޔާ އާއި 2017 އިން 2024 ވަނަ އަހަރުގެ އޭޕްރީލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން 4.3 މިލިއަން ރުފިޔާ އަދި ތިޖޫރީގައި ހުރި 190،000ރ. ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 373،988 ޑޮލަރު ގަތުމަށް 5.8 މިލިއަން ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން 80 ޕަސެންޓު ފީއެސްއެމަށް ނުލިބޭ ކަމަށް ބުނެފައިވެ އެވެ. ޕީއެސްއެމަށް ލިބުނީ އެ ރުފިޔާއަށްވާ ޑޮލަރުގެ ތެރެއިން އެންމެ 76،731 ޑޮލަރު އެކަންޏެވެ. ބާކީ 297،257 ޑޮލަރު އެ ކުންފުންޏަށް ވަދެފައިވާކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، ޑޮލަރު ގަތުމަށް ހިންގި މުއާމަލާތްތަކުގެ ތެރެއިން 4.5 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ޗެކް މެދުވެރިކޮށެވެ. އޭގެ ތެރެއިން 968،580ރ. އާ ހަވާލުވެ، ސޮއިކޮށްފައި އޮތީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑައިރެކްޓަރެވެ.

އޭރު އެ މަގާމުގައި ހުރީ އަހްމަދު ހަނީފެވެ. މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހު އޭނާ ސަސްޕެންޑް ކުރުމަށް ފަހު، މެއި މަހު ވަނީ އޭނާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ. އަދި ޕީއެސްއެމް އިން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

ޑޮލަރު ގަތުމަށް ކަމުގައި ބުނެ ޕީއެސްއެމް އެކައުންޓުން 5.79 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އެއީ 373،988 ޑޮލަރު ގަތުމަށް ކަމުގައި ބުނެ ނެގި ފައިސާ އެވެ. ކުންފުންޏަށް ލިބުނީ އެންމެ 76،731 ޑޮލަރެވެ. އެއީ 1.2 މިލިއަން ރުފިޔާއަށްވާ ޑޮލަރެވެ. ބާކީ 4.5 މިލިއަން ރުފިޔާއަށްވާ 297،257 ޑޮލަރު އެ ކުންފުންޏަށް ލިބިފައިނުވެ އެވެ. 

މި ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާ ނަގާފައިވަނީ ޗެކު މެދުވެރިކޮށެވެ. ބާކީ 1.2 މިލިއަން ރުފިޔާ ނަގާފައިވަނީ އޮންލައިން ޓްރާންސްފާ މެދުވެރިކޮށްކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. 

ޗެކުތައް މެދުވެރިކޮށް ގިނަ  ފައިސާ ނަގާފައިވަނީ ކުންފުނީގެ މެސެންޖަރެއްގެ ވަޒީފާގައި ހުރި މުވައްޒަފެއް މެދުވެރިކޮށެވެ. ނަމަވެސް ފައިނޭންސް ޑިރެކްޓަރު އަމިއްލައަށް 532،240 ރުފިޔާ ޗެކު މެދުވެރިކޮށް ނަގާފައިވެ އެވެ. އިތުރު ދެ މުވައްޒަފަކު މެދުވެރިކޮށްވެސް ޗެކުން ފައިސާ ނެގި އެވެ. 

ކުންފުނީގެ އެންމެ މުވައްޒަަފެއް މެދުވެރިކޮށް، 3.5 މިލިއަން ރުފިޔާ ޗެކުން ނަގާފައިވާއިރު އެ ފައިސާ ނުލިބިގެން ކުންފުނީގެ ފައިނޭންސް ޔުނިޓުން ފިޔަވަޅެއް އަޅާފައި ނެތެވެ. އެހެންކަމުން އެ މުވައްޒަފު އެ ފައިސާ ދިނީ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރު އަތަށް ކަމަށް ބެލެވޭ ކަމުގައި އޮޑިޓު އޮފީހުން ބުނެފައިވެ އެވެ، 

އޮޑިޓު އޮފީހަށް މައުލޫމާތު ދެމުން ފައިސާ ނެގި މުވައްޒަފުވެސް ބުނެފައިވަނީ ފައިސާ ހަވާލުކުރަނީ ފިނޭންސް ޑިރެކްޓަރާ ކަމަށެވެ. އަދި ބައެއް ފަހަރު ތިޖޫރީ ބަލަހައްޓާ މުވައްޒަފުންނާވެސް ފައިސާ ހަވާލުކުރި ކަމަށް އޭނާ ބުނެފައިވެ އެވެ. އިތުރަށް އޭނާ ކިޔައިދިން ގޮތުން ފައިސާ ހަވާލުކުރުމުން ފައިސާ ހަވާލުކުރިކަން އެނގޭ ލިޔުމެއްގައި އޭނާ ލައްވައި ސޮއިކުރުވާފައި ނުވެ އެވެ. 

އޮންލައިން ޓްރާންސްފާތަކުގެ ޒަރީއާއިން 1.2 މިލިއަން ރުފިޔާ ނަގާފައިވާއިރު އޭގެ 91 އިންސައްތަ ފައިސާ ޖަމާކޮށްފައިވަނީ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވަފައިވާ އެކައުންޓަކަށްކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޭނާއަށް 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

  •  ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނަމުގައި ކުންފުނީގެ އެކައުންޓުން ފައިސާ ނެގީ އެއް ބިލުތަކެއް ބޭނުންކޮށްގެން އެކި ތާރީހުތަކުގައި ޕޭމެންޓު ވައުޗަރު ހަދައިގެން
  •  ބިލުތައް ދެއްުމަށް 74،329 ޑޮލަރު ގަތުމަށް 1.1 މިލިއަން ރުފިޔާ ދިވެހި ރުފިޔާ އެކައުންޓުން ނެގުމަށްފަހު ބިލުތައް ދެއްކީ އެ އެކައުންޓުގައި ހުރި ފައިސާއިން
  •  ބިލުތައް ދެއްކުމަށް ކަމުގައި ބުނެ ފައިސާ ނެގީ އެ އެކައުންޓުން ޑެބިޓުކޮށް ބިލުތައް ދެއްކިތާ ދެތިން މަސްފަހުން
ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ އިތުރަށް ޕީއެސްއެމްއަށް 2017 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2024 އާ ދެމެދުގައި އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ލިބުނު 4.2 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. 

އޮޑިޓު އޮފީހުން ބުނެފައިވަނީ އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ލިބުނު 4.2 މިލިއަން ރުފިޔާ ގެއްލިފައިވާއިރު އެ ފައިސާގެ ތެރެއިން 4.1 މިލިއަން ރުފިޔާއާ ކުންފުނީގެ ކުރީގެ ފައިނޭންސް ޑައިރެކްޓާ ހަވާލުވެފައިވާކަން އެނގެން އޮތް ކަމަށެވެ. 

މީގެ އިތުރުން ވެސް އޮޑިޓު ރިޕޯޓުގައި ތަފްސީލީ ގޮތެއްގައި ހިޔާނާތާ ގުޅޭ ކަންކަން ވަނީ ގެނެސްފަ އެވެ.

އޮޑިޓް އޮފީހުގައި ޕީއެސްއެމްގެ އޮޑިޓެއް ހެދުމަށް އެދުނުއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރުއެވެ. އޮޑިޓް އޮފީހުގެ ރިޕޯޓާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޒީނާ ވިދާޅުވީ، މި ހިޔާނާތުގެ އަޑީގައި ހުރި މުވައްޒަފު ވަޒީފާއިން ވަކިކުރުމުން އޭނާގެ އަބުރު ކަތިލުމަށް މަސައްކަތްކުރިކަމަށެވެ. އެހެންނަމަވެސް އޭނާއަކީ ތެދުވެރިކަމާއެކު ހެޔޮ ނިޔަތުގައި މަސައްކަތްކުރި މީހެއްކަމަށް ޒީނާ ބުނެފައިވެ އެވެ.

އޮޑިޓް އޮފީހުން ވަނީ، ޑޮލަރު ގަތުމަށާއި އާމްދަނީން އަދި ނަގުދު ފައިސާގެ ތެރެއިން ގެއްލުނު ނުވަ މިލިއަން ރުފިޔާ ހޯދުމަށް، އެ ކަންކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އަންގައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު