ޚަބަރު
މަންޑޭގެ އަގުބޮޑު މުދާތައް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަނީ
މަންޑޭގެ އަގުބޮޑު އެޕާޓްމަންޓުން ފެނުނު ރަންތަކެއް
ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ރެސިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް ހިފަހައްޓަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލްކޮށް، އެ މައްސަލަ ބަލައިގަތުމަށް ނިންމައިފި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ އުފުލީ މަމްދޫހުގެ އިތުރުން ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާ އުފުލި އެވެ. ޖައިޝާންގެ މައްޗަށް ޖުމްލަ 98 ދައުވާ އުފުލި އެވެ.

އެ މައްސަލާގައި، މަމްދޫހުގެ އަގު ބޮޑު އެޕާޓްމެންޓާއި އަގު ބޮޑު މުދާތައް އެއް އަހަރަށް ހިފެހެއްޓީ ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

މަމްދޫހުގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ދެން މަމްދޫހުގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ ޕެނަލަށް ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް ހުށަހެޅުމުން ފަނޑިޔާރުންގެ ޕެނަލުން ނިންމެވީ މައްސަލަ ބަލައިގަތުމަށެވެ.

އެގޮތަށް ނިންމެވީ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ ރައުޔަކީ އެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތުމުން މައްސަލަ ބަލައިގަންނަން ޖެހޭ ކަމަށެވެ.

ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި، މަމްދޫހުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރާ ސަބަބުތައް ވަރަށް ތަފްސީލްކޮށް ކިޔައިދެއްވި އެވެ.

މަނީ ލޯންޑަރިންގެ ދައުވާ މަންޑޭއަށް ކުރަނީ ހުޅުމާލޭގައި ހުންނަ އެފްޑަބްލިޔު ރެސިޑެންސްއިން ގަނެފައިވާ ޕެންޓްހައުސްއެއްގެ މައްސަލައިގަ އެވެ.

ތަހުގީގުގެ ހޯދުންތަކާ ހަވާލާދީ ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް ގަނެފައި ވަނީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.

ޝަމީމް ވަނީ ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ.

ޕެންޓްހައުސްގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. އަދި އެ ތަނުން އަތުލައިގަތް ތަކެތީގެ އަގު ހަތް މިލިއަން ރުފިޔާގައި އުޅޭއިރު އެ ޕެންޓްހައުސް އާއި އަތުލައިގަތް ތަކެތީ ހިމެނޭހެން ޖުމްލަ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު