ޚަބަރު
ކޯޓަށް ހާޒިރު ނުވާތީ ކޭޕާކް މަންޑޭ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި
މަންޑޭ: އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި
ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް ހާޒިރު ނުވާތީ، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި އަމަރުކުރީ އެއްވަސް މަގުބޫލު ސަބަބެއް ނެތި ކޯޓުގެ އަަޑުއެހުންތަކަށް ހާޒިރުނުވާތީ، ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުމުންނެވެ.

މަންޑޭ ވަނީ މީގެ ކުރިން އޭނާއަަށް ހާޒިރު ނުވެވޭތީ ޑޮކްޓަރުގެ ލިޔުން ވެސް ހުށަހަޅާފަ އެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އެ ލިޔުންތަކުގައި ޝަރީއަތަށް ހާޒިރުނުވެވޭ ވަރު ސަބަބެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.

މަންޑޭ ކޯޓަށް ހާޒިރުވާން އުޒުރުވެރިވީ ދުވަސްތަކުގައި، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުން ހިމެނޭހެން، އޭނާ މަގުމަތިން ފެނިގެން މީހުން ކޯޓަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި ކަމަށް ވެސް ހަބަރުތަކުގައި ވެ އެވެ.

މިއަދުގެ އަޑުއެހުމަށް ވެސް އޭނާ ހާޒިރު ކޮށްފައި ވަނީ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެގެންނެވެ. އެހެންވެ، މަންޑޭ ޝަރީއަތަށް އެއްބާރުލުން ނުދޭތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާޒީ ވަނީ އަމުރުކުރައްވާފަ އެވެ.

ކޯޓުން ކުރިން ވަނީ ޝަރީއަތް ނިމެންދެން މަންޑޭގެ މުދާތައް ހިފަހައްޓަން ވެސް އަމުރުކޮށްފަ އެވެ. ހިފަހައްޓާފައިވާ މަންޑޭގެ މުދާތަކުގެ ތެރޭގައި ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެއް ހިމެނެ އެވެ. އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. އެ ޕެންޓް ހައުސްގެ ތެރެއިން އަގުބޮޑެތި މުދާ ވަނީ ހޯދާފަ އެވެ. އެގޮތުން، ލަގްޒަރީ ބްރޭންޑެޑް ދަބަހާއި ގަހަނާ އަދި ސެންޓު ހިމެނެ އެވެ.

މި މައްސަލައިގައި ޖައިޝާންއަށް ކުރަނީ 74 ދައުވާއެކެވެ. އެއީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ އާއި ޓެކުމުގެ ބައިވެރިވުމުގެ ކުށުގެ 27 ދައުވާ އާއި ޓެކުމުގެ 30 ދައުވާގެ އިތުރުން އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ މި ދެ މީހުންގެ މައްޗަށް ވެސް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު