ޚަބަރު
50 އަހަރުން މަތީގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިފި
އާސަންދައިގެ ދަށުން މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ބުނީ، މިހާރު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އަދި، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާ އެކު މެޑިކަލް ދެވަނަ މެޑިކަލް ޗެކަޕެއް ވެސް އާސަންދައިގެ ދަށުން ހެދޭނެ އެވެ.

މިހާރު ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުނަސް،

  • އޭޕްރީލް 1 އިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • އޭޕްރީލް 1 އިން ފެށިގެން 19 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
  • ޖުލައި 1 އިން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
މި ހިދުމަތް ލިބޭ ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ރަށްރަށުގެ ޞިއޙީ މަރުކަޒުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ. އެތަންތަނަށް ގުޅައި މެޑިކަލް ޗެކަޕް ހެދުމަށް ނަންނޯޓު ކުރުމުން އެ ޚިދުމަތް ލިބިގެންދާނެއެވެ.

މެޑިކަލް ޗެކަޕް ހަދަން އެޕޮއިންޓްމަންޓު ހަދަން ގުޅާނީ، 7226614 ނަންބަރަށެވެ.

މެޑިކަލް ޗެކަޕް ފުރިހަމަ ކުރިކަމަށް އާސަންދައިން ބަލަނީ، ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތެއް ލިބިގަތުމުންނެވެ. މެޑިކަލް ޗެކަޕްގެ ނަތީޖާ އެންސްޕާއިން ކަނޑައަޅާ ގޮތެއްގެ މަތިން، ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާ ކުރާނެ އެވެ.

މި ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވީ، މި މަހުގެ ފަސްވަނަ ދުވަހުއެވެ. ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު