ޚަބަރު
އެންސްޕާއަށް ކުރާ ތުހުމަތު އޭސީސީއިން ބަލަން ފަށައިފި
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: -- ފޮޓޯ/ ރައީސް އޮފީސް
ތުހުމަތުތަކަކާ ގުޅިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބަލައިދޭން އެދި ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

މިކަން އޭސީސީން ކަށަވަރުކޮށް ދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ބައެއް ފަރާތްތަކުން ވަނީ ދާދި ފަހުން ލޯންޗްކުރި އެމްއެމް ޓީވީ ހިންގަމުން އންނަ އެންސްޕާގެ ފައިސާ އިން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާއި އެތަނަށް ކުލި ދައްކަނީ ވެސް އެންސްޕާ އިން ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ

އަދި އެ ޗެނަލަށް އެންސްޕާ އިން 34 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެ ތުހުމަތުތަކަށް ރައްދުދީ އެންސްޕާއިން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ އެ އެޖެންސީ ހިންގަން އިމާރާތް ހޯދަން ކުރި މުއާމަލާތަކީ މާލީ ވުޒާރާއާއި އެ އެޖެންސީއާ ދެމެދު ގަވައިދާއެއް ގޮތަށް ހިންގި މުއާމަލާތެއް ކަމަށެެވެ. އެ ކަމުގައި އިތުރު އެހެން ފަރާތެއް ބައިވެރިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ގޮތުން އޮފީސް ހިންގަން އިމާރާތެއް ހޯދަން ކުރި މުއާމަލާތްތަކާ ގުޅޭގޮތުން ތުހުމަތު ކުރެވޭ މައްސަލަ ބަލައިދިނުމަށް އެންސްޕާއިން ވަނީ އޭސީސީގައި އެދިފައެވެ.

ހީނާ ސޮއިކުރައްވައި އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުއްވި ސިޓީގައި ވަނީ އެ ތުހުމަތުތައް ތަހުގީގުކޮށް ވީ އެންމެ އަވަހަކަށް އެ ކަމާ ގުޅޭ ރިޕޯޓު ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު