ދުނިޔެ
އީރާނުގައި ދިން ހަމަލާ އދ އިން ކުށްވެރިކޮށްފި
އީރާންގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި ބޮން ގޮއްވާލީ ދެކުނުގެ ސިޓީއެއް ކަމަށްވާ ކެރްމަންގައި
އީރާނަށް ދިން އެ ބޮމުގެ ހަމަލާ އދގެ ސަލާމަތީ މަޖިލީހުން ވަނީ ކުށްވެރިކޮށްފިއެވެ. 

"ސަލާމަތީ މަޖިލީހުން ކަރްމާން ސިޓީގައި ދިން ބިރުވެރި ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރި" ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

އައިއެސްސުން މިހާރު ޒިންމާ ނަގާ މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އަވަހާރަ ކޮށްލާފައިވާ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ މަޤުބަރާ ކައިރީގައެވެ. ބޮންތައް ގޮއްވައިލާފައި ވަނީ ސުލައިމާނީގެ މަރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް އޭނާއަށް އިޙުތިރާމު އަދާ ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މަޤުބަރާ ކައިރިއަށް ޖަމާވެފައިވާ ވަގުތެއްގަ އެވެ. 

ދެ ބޮން ގޮއްވައިލައި ދިން އެ ހަމަލާއަކީ 1979 ވަނަ އަހަރަށްފަހު އީރާނަށް ދިން އެންމެ ވަރުގަދަ ހަމަލާ އެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނީ 2020 ވަނަ އަހަރު އެމެރިކާއިން އިރާގުގައި ދިން ޑްރޯން ހަމަލާއެއްގަ އެވެ. 

ޓެރަރިޒަމަކީ ހުރިހާ ގޮތަކުން ވެސް ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް ސަލާމަތީ މަޖިލީހުގެ ބަޔާނުގައިވެއެވެ. ސަލަމާތީ މަޖިލީހުގެ މެންބަރުންގެ ފަރާތުން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރްދީއާ ތައުޒިޔާ ވެސް ފޮނުވައިފައިވެ އެވެ.

އޭގެ އިތުރުން ޓެރަރިޒަމްގެ އެ ހަމަލާގައި ބައިވެރިވި އެންމެން ޖަވާބުދާރީ ކުރުވުމަށް ގައުމުތަކުން އީރާނަށް އެއްބާރުލުން ދިނުމަށް ވެސް އެ ބަޔާނުގައި ގޮވައިލައިފައިވެ އެވެ.

މި ހަމަލާދީފައި މިވަނީ އީރާނަށް ތާއީދުކުރާ ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ލުބުނާގައި ހުންނަވަނިކޮށް ޔަހޫދީ އިޒުރޭލުން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުވުމާ ގުޅިގެން އެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު