ޚަބަރު
ޝަރީއަތް ނިމެންދެން ޔުނާން އަލުން ޖަލު ބަންދަށް
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށްފަހު ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން އަނެއްކާވެސް ހައްޔަރުކޮށް, ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް އޭނާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ ޑިސެންބަރު، 14 2023 ގައެވެ.

އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް ޔުނާންގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ޝަރުތުތަކާ ހިލާފުވެފައިވާތީ އޭނާ އަލުން ބަންދުކޮށް ދިނުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމާ ހަމައަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޔުނާންގެ ބަންދު މުރާޖައާ އަޑުއެހުން ތާވަލު ކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހައިކޯޓުން ނިންމަވާފައި ވަނީ ޔުނާންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވުމުގެ އިހްތިމާލު އަދިވެސް އޮތް ކަމަށެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ޔުނާންގެ ބަންދާގުޅޭ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަށީގެންވާ އަވަސްމިނެއްގައި އެ ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ނިންމަންވާނެ ކަމަށެވެ.

ހައިކޯޓުގެ ނިންމުމާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެރަލްގެ އިރުޝާދުގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ އެވެ.

އަދި މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. 

ޔުނާނާއި ރިހުލާގެ މައްޗަށް ދައުވާކުރާ މައްސަލަ ހުޅުމާލޭ ކޯޓުގައި މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު