ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
ހުމާ ނަސީމް
22 ޖެނުއަރީ 2024 - 17:24
0 comments
އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ފީފާގެ ރައީސް އިންފަންޓީނޯ.--
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މަހު 31 ގައި ބާއްވަން ނިންމާފައި އޮތް، އިންތިހާބުގައި ރައީސް ކަމަށް ވާދަކުރަން ހުށަހެޅި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ބާތިލްކުރަން، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ނިންމިއިރު، އެ ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ނިންމައި، ފީފާ އާއި އޭއެފްސީން އެފްއޭއެމް އިންތިހާބުގެ ކަންކަން ހުއްޓާލަން އަންގައިފި އެވެ.ކްލަބް ވެލެންސިއާގެ ތާއީދު ސިޓީތަކާ ގުޅިގެން އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ގަޑުބަޑު ވެފައި ވާއިރު، އިންތިހާބުގައި ވާދަކުރާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގެ ކެންޑިޑެސީ ވަނީ ބާތިލް ވެފަ އެވެ.ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރި މައްސަލައިގައި އޭނާ އެޕީލް ކޮށްފައި ވެ އެވެ. ނަމަވެސް އެފްއޭއެމްގައި އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން އެ މައްސަލައަށް އޮތީ ގޮތެއް ނުނިންމިފަ އެވެ.އެހެންވެ، އެފްއޭއެމުން ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް އެދުނީ އެވެ. އޭގެ ޖަވާބުގައި ފީފާ/ އޭއެފްސީ އިން ވަނީ އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް އެޑްރެސްކޮށް ޖަވާބެއް ފޮނުވައިފަ އެވެ.އެފްއޭއެމް އިންތިހާބަށް ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ. ނަމަވެސް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ޓޮމްގެ ކެންޑިޑޭސީ ބާތިލުކޮށްފަ އެވެ. މިގޮތަށް ނިންމީ ޓޮމްއާ ވާދަކުރާ މުފާ އަށް ވެސް ކްލަބް ވެލެންސިއާއިން ތާއީދުކޮށް ސިޓީއެއް ދީފައިވާ މައްސަލާގަ އެވެ. އެއާއެކު ވެލެންސިއާގެ ތާއީދު އެއްވެސް ކެންޑިޑޭޓަކަށް ކަށަވަރުކުރެވިފައި ނުވާކަމަށް އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމާފަ އެވެ.އެފްއޭއެމްގެ މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވަނީ އިތުރު ދައުރަކަށް ކުރިމަތިނުލާން ނިންމާފަ އެވެ. ބައްސާމްއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް މިހާރު އަންނަނީ ހިންގަމުންނެވެ. އެއީ އެފްއޭއެމް އަށް ލިބޭ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ އެވެ.
ކިޔުންތެރިންގެ ޝުއޫރު