ޚަބަރު
މަޖިލިސް ތެރޭގައި މާރާމާރީ ހިންގައި މެމްބަރު ޝަހީމްގެ ބޯ ފަޅައިލައިފި
މަޖިލިސް ހޫނުވެ މެމްބަރު ޝަހީމަށް އަނިޔާކުވުން --
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޫނުވެ، މަޖިލިސް ތަޅުމުގައި ސަރުކާރު ހިންގައި މައި ޕާޓީ ޕީއެންސީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ދެމެދު މާރާމާރީ ހިންގައި، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯ ފަޅައިިގެން ގޮސްފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމްޑީޕީގެ މެމްބަރު އީސާ އާއި ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާ ދެމެދު ވަނީ މާރާމާރީއެއް ހިނގާފަ އެވެ. އީސަގެ ފައިގައި ޝަހީމް އޮޅުލައިގެން ހުންނަވައި ދެ ބޭފުޅުން އެއްކޮށް ވެއްޓޭ މަންޒަރު އެއް ވީޑިއޯއިން ފެންނައިރު، ޝަހީމުގެ ކަރަށް އީސަ ފައިން އަރާ ބޮލުގެ އިސްތަށިގަނޑަށް ދަމާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެ އެވެ.

އެހެން ވީޑިއޯއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރައީސްގެ ގޮނޑީގައި އިންނަވަނިކޮށް ޝަހީމު ވަޑައިގެން އޭނާ ކޮއްޕާލަން އުޅޭ މަންޒަރު ފެނެ އެވެ. އަދި އެހެން މެމްބަރުންތަކެއް ވެގެން ޝަހީމް އެ ސަރަހައްދުން ބޭރު ކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ޝަހީމުގެ ކަންފަތް ކައިރިން ލޭ އައިސްފައި ހުރި މަންޒަރު ވެސް ވީޑިއޯއަކުން ފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އަނިޔާވެގެން އެމްބިއުލޭންސެއްގައި މިހާރު ވަނީ ގެންގޮސްފަ އެވެ. ބެލެވޭ ގޮތުގައި އެއީ މެމްބަރު ޝަހީމެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ ބައެއް މެމްބަރުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވެސް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވެ އެވެ. މި ދެ މެމްބަރުންނަކީ ވެސް އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ނަމަވެސް ވެރިކަން ބަދަލުވި ފަހުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ދެ މެމްބަރުންނެވެ.

ޝަހީމަށް އަނިޔާވެގެން އޭނާ މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ސަރުކާރަށް ތާއީދުކުރައްވާ ޕީޕީއެމް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެމަނިކުފާނުގެ ކޮޓަރިކޮޅުގައި އިންނެވީ ޗެމްބަރު ތެރޭގައި މެންބަރުން މާރާމާރީ ހިންގަވަން ފުރުސަތު ދެއްވައިގެންނެވެ.

މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފައި ވަނިކޮށެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު