ޚަބަރު
ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހަކީ ކަޅު ދުވަހެއް: ދަ ޑިމޮކްރެޓްސް
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި ދުވަސްކަމަށްވާ ފެބްރުއަރީ ހަތެއް، 2012އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެންމެ ގެއްލުން ބޮޑު ދުވަސް ކަމަށް، އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން މިރޭ ބުނެފިއެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނުތާ 12 އަހަރު ފުރުމާ ދިމާކޮށް ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިސްލާހީ ހަރަކާތްތެރިންނާއި ރައްޔިތުންގެ ބުރަ މަސައްކަތާއި ލިބުނު ގިނަގުނަ އަނިޔާތަކުގެ ތެރެއިން ގެނެވުނު ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބަގާވާތްކޮށް ވެރިކަން މަގުމަތިން ވައްޓައިލާފައި ވަނީ އެއިރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެން ކަމަށެވެ.

"އެހެންކަމުން، އެއީ ރާއްޖޭގެ ޑިމޮކްރެސީ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު، ކަޅު ދުވަހެވެ،" އެ ބަޔާނުގައިވެ އެވެ.

ޑިމޮކްރެޓުން ވަނީ 7 ފެބްރުއަރީ އަށްފަހު ޖެހިގެން އައި 8 ފެބްރުއަރީގައި ހަތިޔާރު އެޅި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ރައްޔިތުން ގައިގާ ތަޅައި އަނިޔާވެރިވެފައިވަނީ އިންތިހާ ދަރަޖައަށް ކަމަށްވެސް ބުނެފަ އެވެ.

ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތައް ބެލުމަށް، ނަޝީދަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު ވަހީދު އަހުމަދުގެ ސަރުކާރުން ރިޔާސީ ކޮމިޝަނެއް އެކުލަވާލިއެވެ. އެ ކޮމިޝަނުން ނެރުނު ކޯނީ ރިޕޯޓުގައި ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ނަޝީދު ވަނީ ސިޔާސީ މަސައްކަތާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން އިއުލާންކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު