
އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ނިންމީ މިދިޔަ އަހަރުގެ މެއި މަހު އެވެ.މައުމޫން މުސްތަޝާރުކަން ކުރައްވާ، އަދި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން، ރައީސްކަން ކުރައްވާ ޕާޓީ އުވާލަން ނިންމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގާޒީ މުހައްމަދު އީސާފުޅު އިއްޔެ ކުރެއްވި ހުކުމްގައި ވަނީ ޕާޓީ އުވާލަން އީސީން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށެވެ."އެ މާއްދާއިން ކޮންމެ ހަމަކުން އެއް ފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަން ޖެހޭ ޒިންމާދާރު ގޮތަށް މާޒީގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމް އިން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ނޫން" ކަމަށް ހުކުމްގައިވެ އެވެ.މީގެ އިތުރުން، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ އީސީގެ ފަރާތުން އެމްއާރުއެމަށް ދެއްކުމުގެ ގޮތުން، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ކޯޓުން އީސީގެ މައްޗަށް އަމުރުކުރި އެވެ.އެމްއާރުއެމްގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް އެ ޕާޓީ އުވާލި މައްސަލަ ކޯޓުގައި އޮތުމުން އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.