ދުނިޔެ
ޖަލުގައި ހުންނެވި ރަޝިޔާގެ އިދިކޮޅު ލީޑަރު އަވަހާރަވެއްޖެ
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނީ ޖަލުގައި އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ, 'ޕޯލާ ވުލްފް'ގެ ނަން ދީފައިވާ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ. 47 އަހަރުގެ ނަވާލްނީ ކުއްލި ގޮތަކަށް އަވަހަރާވެފައިވާ ކަން ހާމަކޮށްފައި ވަނީ ރަޝިޔާގެ ޖަލުތަކާ ބެހޭ އިދާރާއިންނެވެ.

ނަވަލްނީގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ އޯގަސްޓް މަހު އިއްވާފައި ވަނީ ހަރުކަށި ފިކުރާ ގުޅޭ ދައުވާތައް ސާބިތުވުމާ ގުޅިގެންނެވެ.

މި ހުކުމުގެ ކުރިން ނަވަލްނީ ދިޔައީ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއްވެސް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ލެޑިމިއަ ޕުޓިންއާ ދެކޮޅަށް ބޮޑު އެއްވުންތަކެއް ބޭއްވުމުގެ ފަހަތުގައި ހުންނެވި ނަވަލްނީގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން އޭނާ އޭރުވެސް ގޮވާލީ ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ.

ނަވަލްނީ އެންމެ ފަހުން ހައްޔަރު ކުރީ ޖަރުމަނުން ރަޝިއާއަށް ދަތުރު ކުރުމުން 2021 ގަ އެވެ.

އޭގެ ކުރިން ވިހަވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ނަވަލްނީ ޖަރުމަނުގައި ފަރުވާ ހޯއްދަވާފައިވާއިރު، އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ވިހަކުރުމުގެ ފަހަތުގައި އޮތީ ރަޝިއާ ސަރުކާރެވެ.

ނަވަލްނީގެ މަރާ ބެހޭ ގޮތުން ރަޝިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ގޯސްވީ ހިނގަން ނުކުމެ އުޅުއްވުމަށް ފަހު ކަމަށެވެ. ކުއްލިއަކަށް ހޭނެތި ހާލު ބޮޑުވީ ކަމަށާއި ވަގުތުން މެޑިކަލް ސްޓާފުން ގެނެސް ފަރުވާދީ އަދި އެމްބިއުލާންސް ޓީމުން ވެސް ފަރުވާ ދިން ކަމަށާއި އެކަމަކު ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ. 

ނަވާލްނީއަށް ތާޢީދު ކުރާ މީހުން ބުނީ, އޭނާ އަވަހާރަވެފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. އަދި, އޭނާ އަވަހާރަ ކޮށްލާފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާއަށް ތާޢީދު ކުރާ މީހުން ބުނެއެވެ. ނަވާލްނީގެ ތަރުޖަމާނު ކީރާ ޔަރްމުޝް ވެސް ވިދާޅުވީ, އޭނާ އަވަހާރަވެފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި, އެ ކަން ކަށަވަރު ކުރުމަށް ނާވަލްނީގެ ޤާނޫނީ ވަކީލު އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ޖަލަށް ވަޑައިގަންނަވާނެ ކަމުގައެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ނަވާލްނީ އަވަހާރަވީ, ޖަލުގައި ތަޙައްމުލު ކުރަން ޖެހިވަޑައިގަތް ހާލަތާ ގުޅިގެން،" ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ ރަޝިޔާގެ ނޫހެއްގެ އެޑިޓަރެއް ކަމުގައިވާ ދްމިތްރީ މުރާތޮފް ވިދާޅުވިއެވެ. ނަވާލްނީގެ އިސް މުޝީރު, ލިއޮނިދް ވޯލްކޮފް ވިދާޅުވީ, އޭނާ އަވަހާރަ ކޮށްލާފައިވާ ކަމަށް އެއްބަސްވެ, ރަޝިޔާގެ އިދާރާތަކުން ބަޔާނެއް ނެރެފައިވާ ކަމުގައެވެ. ނަވާލްނީ އަވަހާރަވެފައި ވަނީ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު