
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 24 ގަޑިއިރު އެހީތެރިކަން ލިބޭ 1677 ހެލްޕްލައިން ތައާރަފްކޮށްދެއްވީ ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.މިނިސްޓްރީން ބުނީ އެ ހެލްޕްލައިންގެ މަގުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމާއި ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިވާ މީހުންނަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުން ކަމަށެވެ.މިނަންބަރުން ނަފްސާނީ ސިއްހަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުސޫލްގެ ތެރެއިން ގުޅުން ހުރި ހިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.