ޚަބަރު
ގައްދޫ ކައުންސިލުން ރައީސާ ބައްދަލެއް ނުކުރި..!
ރައީސް މުއިއްޒު ގައްދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުންނާއި ބައްދަލުކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދެކުނުގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގދ. ގައްދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދާއި ނައިބު ރައީސް ހަދީޖާ އަހުމަދު ބައްދަލު ނުކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގައްދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ފިކުރު ކިތަންމެ ތަފާތު ނަމަވެސް، މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށެއްގެ ކައުންސިލަރުން ބައްދަލުކުރައްވައި، ރަށު ރައްޔިތުންގެ ކަންކަމުގައި މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ގައްދޫ ކައުންސިލުގެ ފަރާތުން ފެނުނީ "ވަރަށް ހިތާމަކުރަނިވި" މަންޒަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ގައްދޫ ކައުންސިލުން އަމަލުކުރި ގޮތަކީ ލާމަރުކަޒީ ނިޒާމެއް ހިނގަންޖެހޭ ގޮތް ނޫންކަމަށާއި، އެއަށް ވުރެ ޒިންމާދާރުވާންޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކައުންސިލުތަކަށް ގޮވާލާފަ އެވެ.

"ރައްޔިތުން އިންތިހާބެއްގަ މީހަކު ހޮވާއިރުގަ އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގަ ތެދުވެރިކަމާ އަމާނާތްތެރިކަން އިސްކުރަންޖެހޭނެ. ސިޔާސީ ފިކުރާ ސިޔާސީ ވިސްނުމަކީ ހުރަހަކަށް ހަދައިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީހަކު ހޮވާއިރު، ރައްޔިތުންގެ ހައްގުގައި ހިދުމަތްކުރައްވާނެ ބޭފުޅުން ހޮވުމަށް ވެސް ރައީސް މުއިއްޒު ވަނީ މިއަދު ގޮވާލާފަ އެވެ.

މިއީ، ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް ފެނުނު އާ މަންޒަރެކެވެ. މީގެކުރިން ރައީސް ވަޑައިގެންނެވި ރަށް ރަށުގެ ކައުންސިލްތަކުން ފެނުނީ އެމަނިކުފާނަށް އެއްބާރުލުން ދީ، ބައްދަލު ކުރެއްވި ތަނެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ހިމެނިވަޑައިގަންނަވައެވެ. މި ހުރިހާ ބޭފުޅުންނަކީ ވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. 

"ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާން ޖެހޭ ކަމަކަށް ހަދައިގެން ނުވާނެ." ގައްދޫ ރައްޔިތުންނާ އެކު ބޭއްވެވި ޖަލްސާ އަށް ފަހު ވަގުތު ހާޒިރުވެވަޑައިނުގަތީމަ، ކައުންސިލްގެ ތަމްސީލްވުމެއް ނެތް ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުންގެ ހައްގުގައި މަޖިލިހަށް ވިޔަސް، އަދި ކައުންސިލަށް ވިޔަސް ހޮވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު