ޚަބަރު
މަރުހޫމް ވިޝާމްގެ ނަމުގައި ޒުވާން ވަކީލުނަށް ހާއްސަ އެވޯޑެއް ދެނީ
"އިސްމާއީލް ވިޝާމް އަޕް-އެންޑް-ކަމިންގ ލޯޔަރ"ގެ ނަމުގައި އެވޯޑެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ތައާރަފްކޮށްފި އެވެ. މިއީ ބާ ކައުންސިލްގެ ރައީސް މަރުހޫމް އިސްމާއިލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން އޭނާއަށް ހާއްސަކޮށް ތައާރަފް ކުރި އެވޯޑެކެވެ.

މި ނިންމުން ނިންމާފައި ވަނީ އިއްޔެ ބޭއްވި ބާ ކައުންސިލްގެ އާންމު އަހަރީ ޖަލްސާގަ އެވެ.

އެ ކައުންސިލުން ބުނީ ވިޝާން އަކީ ގާނޫނީ ދާއިރާ އާ އަލަށް ގުޅޭ ފަރާތްތަކުގެ ކުރި އެރުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވައި، އެ މީހުން ތަމްރީނުކޮށް ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އަދި އެ ވަކީލުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ބޭފުޅަކަށް ވާތީ "އިސްމާއީލް ވިޝާމް އަޕް-އެންޑް-ކަމިން ލޯޔާ" ގެ ނަމުގައި އެވޯޑެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.

މި ޖަލްސާގައި ބާ ކައުންސިލުގެ ރައީސް އިސްމާއީލް ވިޝާމްގެ ހަނދާނުގައި، ޓްރިބިއުޓެއް ވަނީ އަރުވާފައެވެ. މި ޓްރިބިއުޓްގައި އޭނާ ބާ ކައުންސިލަށާއި އޭނާގެ ޚިދުމަތުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ވީޑިއޯއެއް ޙިއްސާކުރުމުގެ އިތުރުން، ގާނޫނީ ފަންނު ކުރިއެރުވުމަށް ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް ބާ ކައުންސިލުން އަރުވާ އެންމެ މަތީ ދަރަޖައިގެ ރިކޮގްނިޝަން އެވޯޑް، އެކްސްޓްްރާ އޯޑިނަރީ ސާރވިސް އެވޯޑް" ވަނީ މި ޖަލްސާގައި އޭނާއަށް އަރުވާފަ އެވެ.

ވިޝާމް ކުއްލި ގޮތަކަށް އަވާހަރަވީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ ބާ ކައުންސިލްގެ ރައީސް ކަމަށް އައްޔަން ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ބާ ކައުންސިލުގެ ރައީސްކަމަށް ވިޝާމް އައްޔަން ކުރީ 2022 ވަނަ އަހަރުގެ ޖޫން 12 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެޓާނީ ޖެނެރަލްގެ ނައިބުކަން ވެސް ކުރެއްވި އެވެ.

ވިޝާމް އަކީ ކުޅިވަރުގެ ދާއިރާގައި ވެސް އެކި މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން އެކި މަސައްކަތްތައް ކުރެއްވި އެވެ. ހަމަ އެހެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ވެސް އެޑްމިނިސްޓްރޭޓިވް ކަންކަމާއި ގާނޫނީ މަސައްކަތްތަކެއް ކުރައްވައި، ނިއުގެ މެނޭޖަރެއްގެ ގޮތުގައި ވެސް ހިދުމަތްކުރެއްވި އެވެ،

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު