ޚަބަރު
ބެޓު ކުރުމަކީ ވެސް ޖުވާ: ހުކުރު ހުތުބާ
ބެޓު ކުރުމަކީ ވެސް ޖުވާކުޅުން ކަމަށާއި އެހެން ކަމުން ޖުވާގެ ނުބައި އާފާތުން ދަރިން ސަލާމަތްކުރުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހުއްސަކޮށްފައި ވަނީ "ޖުވާކުޅުމަކީ ހަރާމް ކަމެއް"ގެ މައްޗަށެވެ.

ހުތުބާގައި ފާހަގަކޮށްފައިވަނީ މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތއް މެދުވެރިކޮށް ޖުވާކުޅުން އާންމުވަމުންދާ ކަމަށެވެ. އެގޮތުން ޖުވާކުޅޭ ވެބްސައިޓުތަކާއި ގޭމުތަކާއި އެޕުތައް ތައާރަފުވަމުންދާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ޖުވާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާ އުމުރުގެ ކުދިން ވެގެންދާ ކަމަށެވެ. 

"މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި، ޒުވާނުންނާއި، ކިޔަވާކުދިން ވެގެންދާކަމީ ނުހަނު ހިތާމަވެރި ކަމެއް. މިކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ހުތުބާގައި ބުނެފައިވެ އެވެ. 

މާތްﷲ ޖުވާ ހަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންކަމަށް ހުތުބާގައި ބުންޏެވެ. ހަމައެއާ އެކު ޖުވާކުޅުމަކީ މާތް ﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެކެވެ. ޖުވާކުޅުމުން ލިބޭ ގެއްލުންތަކުގެ ތެރޭގައި:

  • ޖުވާކުޅުމުން ދޭދޭ މީހުންގެ މެދުގައި އަރައިރުންތަކާއި މާރާމާރީތައް ހިނގުމަށް މަގުފަހިވޭ.
  • ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލެވޭ.
  • ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ، މީހާ ބަނގުރޫޓުވެ ދަރަނިވެރިވޭ.
  • ރިޝްވަތުނެގުމަށް މަގުފަހިވޭ.
  • ދޮގުހެދުމާއި ވައްކަންކުރުމަށް މަގުފަހިވޭ.
  • މަސްތުވާތަކެތީގެ އަޅަކަށްވުމަށް މަގުފަހިވޭ.
  • ޖުވާ ކުޅުމުން ތިމާގެ ލޮބުވެތި އާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވުމަށް މަގުފަހިވޭ.
  • ނަފުސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ދުއްވައިލަން މަގުފަހިވޭ
ޖުވާ ކުޅުމުގެ ސަބަބުން މީހުން ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވާ ކަމަށާއި، ޖުވާއަކީ މާތްﷲ ހަރާމްކުރައްވާފައިވާ އެހެނިހެން ބޮޑެތި މުންކަރާތްތަކަށް މަަގުފަހިކުރާ ކަމެއް ކަމުގައި ހުތުބާގައި ބަޔާންކުރި އެވެ. 

އަދި ބެޓުކުރުން ނުވަތަ ބާޖުމެރުމަކީވެސް ޖުވާގެ ބާވަތެއްކަން ހުތުބާގައި ފާހގަކުރި އެވެ. އަދި ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި ފަތުރަމުންދަނީ އިބިލީހުގެ އަނދަވަޅުތަކެއް ކަމަށާއި، އޭގެ ބޭނުމަކީ ދީނީ ޝިއާރުތަކުން މުސްލިމުން ދުރުހެލިކޮށް، ޝައިތާނާގެ އެކުވެރިންނަށް ހެދުން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. 

އަނބިދަރިންނަށް ކާންދޭ ތަކެއްޗާއި ހޯދާ މުދަލަކީ ހަލާލު ގޮތުގައި ހޯދާ ރިޒްގުކަމުގައި ހެދުމަށް ހުތުބާގައި އިލްތިމާސްކުރި އެވެ. 

ކީރިތި ރަސޫލާ ހަދީސްކުރައްވައިފައިވާ ގޮތުގައި، އަޅާ އޭނާ މުދާ ހޯދީ ކޮންތާކުންތޯއާއި އެ މުދާ ހޭދަކުރީ ކޮންކަމަކުތޯ ސުވާލުވެވިއްޖައުމަށް ދާންދެން ގިޔާމަތް ދުވަހުގައި އޭނާގެ ދެފައި ހުރިތަނުން ގުޑުވާނުލެވޭނެކަމަށް ހުތުބާގައި ބުނެ، ޖުވާގެ ނުރައްކާ ވަނީ ހަނދާންކޮށްދީފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު