
ގެވެށި އަނިޔާގެ ސަބަބުން މުޖުތަމައުގެ އިޖްތިމާއީ ފޭރާން ހަލާކުވެ، އެކުވެރިކަމާއި އެއްބާރުލުން ނެތިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި އަމަލުތައް އިތުރުވެދާނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެހެންކަމުން ގެވެށި އަނިޔާގެ ހުރިހާ ބާވަތަކުން ދުރުހެލިވުމަށް ދީނީ އިލްމުވެރިން ވަނީ ގޮވާލާފަ އެވެ."މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުހްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެ އެވެ. އެ ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭ ކަންކަމެވެ،"