ޚަބަރު
"ރިވެލި އެވޯޑު 2026" އަށް ކުރިމަތިލާން ހުޅުވާލައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ސިއްހަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި އެފަރާތްތަކަށް އިގްތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުންކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމައު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ގައުމީ ހަރަކާތެކެވެ. މި އެވޯޑު ދިނުމުގެ މަގުސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކުރުމެވެ. 

މި އެވޯޑު ދޭނީ ހަ ކެޓަގަރީއަކުންނެވެ. މި ކެޓަގަރީ ތަކަކީ ނުކުޅެދުންތެރިކަން ހުން ނަމީހުންގެ ދާއިރާ އާއި އެކިގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމުއިއްޔާ އާއި ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުން އިގްތިޞާދީ ގޮތުން ބާރުވެރި ކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ބުނީ މި އެވޯޑުން ހާސިލްކުރުމަށް ބޭނުންވާ ނަތީޖާ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ލާބަޔަށް އެކި ފަރާތްތަކުން މަސައްކަތްތަކުގެ އަގުވަޒަން ކުރުމާއި އެކަމަށް ހިތްވަރު ދިނުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާއްގުތަކާއި ބެހޭ ގޮތުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް މުޖުތަމައުގެ ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމާއި ނުކުޅެދެންތެރިކަން ހުންނަފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިކުރުމެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް އަދި އެވޯޑު ދިނުމުގެ އުޞޫލު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، އުމަރު ޒާހިރު އޮފީސް ބިލްޑިން ގެ ކައުންޓަރުންނާއި، އެ މިނިސްޓްރީގެ ވެބްސައިޓް އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ގާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބޭނެ އެވެ.

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތަކާއި ގުޅުންހުރި ލިޔުންތައް މިނިސްޓްރީގެ ކައުންޓަރަށާއި އަދި މެއިލް އެޑްރެސް disability@health.gov.mv އަށް ހުށަހެޅޭނެ އެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު