ޚަބަރު
ގެއަށް ދާއިރު، އަންހެނުން އޮންނަނީ ކަސޯޓީ ބަލަން: މެންބަރު ހުސައިން
މެންބަރު ހުސައިން ޝަރީފު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަނބިމީހާ- އަންހެނުން އޮންނަނީ، ގޭގައި ރީތިކޮށް ކޮންމެސް ކަސޯޓީއެއް ކޮންމެސް އެހެން އެއްޗެއް ބައްލަވަން ކަމަށް ވިދާޅުވެ، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން ވަޒިފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ޝަރީފް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ހައްޔަރުކޮށްގެން ގެނެސް އެމީހުން ޑީޕޯޓް ކުރުމަށް ދައުލަތުން އެތައް ހަރަދެއް ކުރަންޖެހޭ ކަމަށެވެ.

އެގޮތަށް ބިދޭސީން ތިބޭ ތަންތަން ފާހަގަކުރަމުން ދެން އޭނާ ވިދާޅުވީ އަންހެނުން ވެސް ގޭތެރޭގައި ކަމެއް ނުކުރާ ކަމަށާއި، ފިރިމީހާ އަށް ކައްކާ ކާން ދިނުމަށް ވެސް ގޭގޭގައި ގެންގުޅެނީ ބިދޭސީން ކަމަށެވެ.

"އަޅުގަނޑުމެން ގޭގަ ކައްކާ ކާ އެތިކޮޅު އަޅުގަނޑުމެންނަށް ފޯރުކޮށްދޭން ޖެހޭ އަނބި މީހާގެ ބަދަލުގަ މިހާރު ހުރީ ބިދޭސީއެއް. އަނބި މީހާ އޮންނަނީ ގޭގަ ދެފައި ދަމާ، އޭނަ އޮންނަނީ ރީތިކޮށް ކަސޯޓީއެއް ނޫނީ ކޮންމެސް އެހެން އެއްޗެއް ބަލަން. އަޅުގަނޑުމެންގެ ފިރިމީހާ ގެއަށްދާއިރުގަ ފިރިމީހާ އަށް ކާއެތިކޮޅު ފޯރުކޮށްދޭން ހުންނަނީ ވެސް ބިދޭސީއެއް. އަދި މީގަ މަޖާ ތަންކޮޅަކީ ހުންނަނީ ވެސް ބިދޭސީ ފިރިހެނެއް،" މެންބަރު ވިދާޅުވި އެވެ. 

މެންބަރު ޝަރީފް ވިދާޅުވީ ރާއްޖޭގެ ތަންފީޒީ އިދާރާތަކުން ހެޔޮނިޔަތުގައި ރަނގަޅަށް މަސައްކަތް ކުރާނަމަ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި އަދި ރާއްޖޭގެ ނަފާ ދިވެހިންނަށް އެންމެ ފުރިހަމައަށް ލިބޭނެ ކަމަށެވެ.

ހުސެއިން ވާހަކަ ދެއްކެވި، ވީޑިއޯ ހިއްސާ ކުރަމުން މީހަކު ސޯޝަލް މީޑިއާގައި މިފެންވަރުގައި އިންތިޒާމްވެގެން އަންހެނުންނަށް ފުރައްސާރަ ކުރަން އަޑުއުފުލި ދުވަހެއް އޭނާ ނުދެކޭ ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން މުޖްތަމައިގައި އަންހެނުންގެ ގަދަރު ގެއްލި ފިރިހެނުންނަށް އިތުބާރު ކުރަން ދަތިވާ ކަމަށެވެ.


އެހެންމީހަކު ބުނީ ދެ އަންހެނާކާއި ކައިވެނިކޮށްގެން އުޅޭ ހުސެއިން އަށް ގޭގައި ދަރިން ބަލަން އަދި ދަރިން ތަރުބިއްޔަތު ކުރަން އަންހެނުން ކުރާ މަސައްކަތް ސާފުނުވުމަކީ ހުސޭނުގެ މައްސަލައެއް ކަމަށެވެ، 

އިތުރު މީހަކު ބުނީ "ގިނައިން ފައިސާ ލިބޭ ބޭފުޅުންނަށް ހީވެދާނެ އެބޭފުޅުން އަތަކަށް ފަޔަކަށް މެއިޑުން ގެންގުޅޭތީ އަޅުގަނޑުމެންވެސް މި ދިރިއުޅެނީ އެހެންނޭ. ދަންނަވަންތޯ އަޅުގަނޑުމެންނަށް ކާހިތުން ކެވެނީ އަމިއްލަ އަށް ކައްކައިގެން. އަބަދު ބޭރުން ގެނެސްގެން ކާނެހާ ފައިސާއެއް އަޅުގަނޑުމެން އަތުގަ ނުހުރޭ. ވަޒީފާ އަދާކުރުމާއި ދަރިން ބެލުމާއި ފިރިމީހާއަށް ކާންދިނުމުން ފެށިގެން ގޭތެރޭގެ ހުރިހާކަމެއް ކުރަން ތިބެނީ އަޅުގަނޑުމެން. ތިޔަ ވިދާޅުވާ ކަސޯޓީ އަކާއި ސީރީޒްތައް ބަލަން އަޅުގަނޑުމެންނަށް ވަގުތެއް ނުވޭ... " އޭނާ އެފްބީގައި ކުރި ޕޯސްޓެއްގައި ވެއެވެ.

އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ހުސެން ފަހުން ވިދާޅުވީ އޭނާގެ ވާހަކަތަކުގެ މާނަ މީޑިޔާތަކުން ގެނެސްދިން ގޮތް ގޯސްކަމަށެވެ. އަދި އޭނާގެ ވާހަކައެއްގެ މާނަ އޮޅުވާލައިގެން ގެނެސްދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ހުސައިން ޝަރީފް ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު