ޚަބަރު
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

ބާ ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން ކައުންސިލްގެ އެސްޖީއަކު ހޯދަން މި މަހުގެ ފަސް ވަނަ ދުވަހު ކުރި އިއުލާނަށް ތަރުހީބު ލިބިފައެއް ނުވެ އެވެ. އެހެންވެ އަނެއްކާވެސް ވަނީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

އިއުލާނުގައިވާ ގޮތުން މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ. މުސާރައިގެ ގޮތުގައި 40،500ރ. ކަނޑައަޅާފައި ވާއިރު، މަސައްކަތާއި ގުޅޭ ގޮތުން ދެވޭ އެހެނިހެން އެލަވަންސާއި ރޯދަ އެލަވަންސް އަދި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި ހަތް އަހަރު ދުވަހު މަސައްކަތްކޮށްފައި ވުން ހިމެނެ އެވެ.

ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެެރޭގައި ހިމެނެ އެވެ.

މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވެސް އިއުލާނުގައި ހިމަނާފައި ވާއިރު، މައިގަނޑު މަސްއޫލިއްޔަތެއް ކަމަށް ބުނެފައިވަނީ ބާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންތައްތައް ހިންގުމެވެ.

އަދި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަކީ ވެސް އެސްޖީގެ ޒިންމާއެއް ކަމަށް އިއުލާނުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު