ވިޔަފާރި
ޗައިނާ އީސްޓަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައި މިވަނީ ކޯވިޑާއި ގުޅިގެން އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެވެ.

ޗައިނާ އީސްޓާންގެ އެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް އައިސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ވޯޓާ ސެލިއުޓަކާ އެކު އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގު ލިޒިން އެވެ.  

މިހާރު ރާއްޖެ އާއި ޗައިނާއާ ދެމެދު ޖުމްލަ ފަސް އެއާލައިނަކުން ދަނީ އުދުހުންތައް ބާއްވަމުންނެވެ. މީގެ ތެރޭގައި އެ ގައުމާއި ޔޫރަޕާ ގުޅުވައިދޭ ބޮޑެތި އެއާލައިން ތަކެއް ވެސް ހިމެނެ އެވެ. މިރޭ ޗައިނާއިން ފަށާ މި އެއާލައިންއަކީ މި އަހަރު ފެށުނުފަހުން ރާއްޖެއަށް ފަށާ ޗައިނާގެ ތިން ވަނަ އެއާލައިން އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 51,984 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިހާރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމްގެ 13.7 ޕަސެންޓް ހިއްސާ ކުރެ އެވެ. 

މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު