ޚަބަރު
މަޖިލީސް މެންބަރުންގެ އަދަދު ކަނޑައެޅީ ގޯސްކޮށް: ސުޕްރީމް ކޯޓް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނާ ހިލާފަށް ގެނައި އިސްލާހު ތަނެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ. އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ބޭނުންވާ ކޯރަމް ހަމަ ކުރެވޭނެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް މަޖިލީހުން ވަނީ އެ އަކުރުތައް ބާތިލުކޮށްފަ އެވެ. ނަމަވެސް، ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ އެ އިސްލާހު ގެނެސްފައި ވަނީ ރަގަޅު ނިޔަތެއްގައި ނޫން ކަމަށެވެ.

އެ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ބަންޑާރަނައިބުގެ އޮފީހުންނެވެ. ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 އެވެ. އެމްޑީޕީން ދެކޭ ގޮތުގައި ގަވައިދު އިސްލާހު ކުރުމުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ މިހާރު 80 އެވެ. އެކަމަކު، ގަވައިދަކަށް ގެންނަ އިސްލާހު ގާނޫނުއަސާސީއަށް ވުރެ މަތި ނުވާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގެ ތެރެއިން ވަނީ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނިމެންދެން މަޖިލީހުން ގެނައި އިސްލާހަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް އެދިފައިވާއިރު، ސުޕްރީމް ކޯޓުން އޮތީ އެފަދަ އަމުރެއް ނެރެފައެވެ.

"...ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ގޮނޑިއެއް އެއީ އިންތިޚާބީ ދާއިރާ ތަމްސީލުކުރާ އެއްޗެކެވެ. އެންމެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބެއެވެ. އެންމެ ގޮނޑިއެއް ތަމްސީލުކުރާ މެންބަރަކީ އެތައް ހާސް ރައްޔިތުންނެއްގެ މަސްލަހަތު ތަމްސީލުކުރާ މަންދޫބެވެ. މިއީ އެ މެންބަރަކު ޖަލްސާއަކަށް ހާޒިރުވިޔަސް ނުވަތަ ނުވިޔަސް ނުވަތަ ހާޒިރުވެ ނިންމުމެއްގައި ބައިވެރިވިޔަސް ނުވަތަ ނުވިޔަސްވެސްމެއެވެ. ކޮންމެ މެންބަރަކަށް އެ އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުން ހަވާލުކުރަނީ މަތިވެރި ވާޖިބެކެވެ. ބޮޑު މަސްއޫލިއްޔަތެކެވެ،" ހުކުމްގައިވެ އެވެ.

އެހެންކަމުން، މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި އެއްކޮށް ތަމްސީލް ކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. ގޮނޑީގައި މެންބަރަކު ނެތުމުން ވަކި ގޮތަކަށް އެ ދާއިރާއަށް ވޯޓު ނުދެވިދާނެ ކަމަށާއި ނަމަވެސް، އެ ހުސް ގޮނޑި ވެސް ހުރިކަމާއި ރައްޔިތުންތަކެއް ތިބިކަން އިހްސާސް ކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

އެ މައްސަލައިގައި ހުކުމްކުރަން މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ގަވާއިދަށް ގެނައި އިސްލާހަކީ ބާތިލު އިސްލާހުތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެކަމަކު، ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މިހާރު ބާތިލުކޮށްފައިވާތީ އެ މައްސަލައިގައި އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ. 

ހުކުމްގައި ފާހަގަކުރީ:

- ހުސް ގޮނޑިތައް ނުހިމަނައި ޖުމްލަ މެންބަރުން ގުނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް

- ގާނޫނުއަސާސީ 71 ވަނަ މާއްދާއަކީ ހުސް ގޮނޑި ނުގުނަން ފަހިކޮށްދޭ މާއްދާއެއް ނޫން

- ހުސް ގޮނޑި ނުހިމަނައި ޖުމްލަ މެންބަރުން ގުނުމުގެ ނަތީޖާއަކީ ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ދިޔުން

- ޖުމްލަ މެންބަރުންގެ އަދަދު ގުނާކޮށް ބަދަލުކުރީ މަޖިލީހުގެ ހުދޫދުގެ ބޭރުން

- ފަހުން އިސްލާހު މަޖިލީހުން ބާތިލްކޮށްފައިވާތީ މިކަމުގައި އަޅާނެ ފިޔަވަޅެއް ނެތް


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު