ޚަބަރު
މިނިސްޓްރީތަކާއި ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ފާސް ކުރަނީ..!
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން:
ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައި ވަޒީރުންނާއި އެ ނޫން ވެސް ސިޔާސީ ބޭފުޅުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ކޮންމެ ދައުރަކު ވެސް ފާސްކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އެ އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާ އަށް ދެވިދާނެ ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރަން މި ސަރުކާރުން ވައުދުވި ނަމަވެސް ގިނަ އަދަދެއްގެ މިނިސްޓްރީތައް އުފައްދައި ނައިބު އަދި ސްޓޭޓް މިނިސްޓްރީ ފެންވަރުގެ ގިނަ މަގާމްތައް އުފެއްދުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަންހުރި ސިޔާސީ މަގާމުތަކުގެ އަދަދު 300 އަށްވުރެ ގިނައިރު، އެއީ ހައްތަހައި ވެސް ބޮޑެތި މުސާރަ ލިބޭ މަގާމުތަކެވެ. އެގޮތުން، ރައީސް އޮފީހުގައި އެކަނި ވަޒީރު ފެންވަރުގައި 12 ބޭފުޅުން އަދި އޭގެ އިތުރުން ވެސް އިތުރު އަށް ބޭފުޅަކު ވަޒީރު ފެންވަރުގައި މަގާމުތަކަށް އައްޔަންކޮށްފައި އެބަތިއްބެވިއެވެ. ސްޓޭޓު މިނިސްޓަރު ފެންވަރުގައި ވެސް ރައީސް އޮފީހުގައި ހަތް ބޭފުޅުން އެބަތިއްބެވި އެވެ.

ވުޒާރާތަކުގައި ވެސް 90 އެއްހައި ސްޓޭޓު މިނިސްޓަރުން ތިއްބެވިއިރު، ނައިބު ވަޒީރުންގެ ގޮތުގައި ވެސް 150 އެއްހައި ބޭފުޅުން އެބަތިއްބެވި އެވެ.

  •  ރައީސް މުހައްމަދު ނަޝީދުގެ ދައުރު - 16 މިނިސްޓަރުން
  •  ރައީސް އަބްދުﷲ ޔާމީންގެ ދައުރު - 16 މިނިސްޓަރުން
  •  ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު - 19 މިނިސްޓަރުން
  •  ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިހިނގާ ދައުރު - 22 މިނިސްޓަރުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު