ވިޔަފާރި
ކުރީގެ މެނޭޖްމެންޓްއިން އަމަލުކުރީ މާލީގޮތުން ކުންފުންޏަށް ގެއްލުންވާގޮތަށް: އެމްޓީސީސީ
އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ
ކުރީގައި އޮތް މެނޭޖްމަންޓުން ޢަމަލުކޮށްފައިވާ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އެމްޓީސީސީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުންފުންޏަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމަށް މީޑިއާތަކަށް ތިލަކޮށްދީފައި އޮތް ނަމަވެސް، ކުންފުނި އޮތީ ވަރަށް ހާލަތު ގޯސްކޮށް ކަމަށެވެ.

އެމްޓީސީގެ މެނޭޖިންް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ، އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގަތް އާދަމް އާޒިމެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީން ހަމައެކަނި ޕުރޮޖެކްޓްތަކަށް ބަރޯސާނުވެ، ޓުރޭޑިން ފުޅާ ކުރުމަކީ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ވެސް އެ ކުންފުނިން ދައުރެއް އަދާކުރާނެ ކަމަށާއި އޭގެ ތަފްސީލު ފަހުން ހިއްސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީ މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ޗީފް ޕުރޮޖެކްޓް މެނޭޖްމެންޓް އޮފިސަރު އަހުމަދު ލަތީފް ވިދާޅުވީ އާ މެނޭޖްމެންޓްއިން ހަވާލުވިއިރު 195 މަޝްރޫއެއް ކޮންޓުރެކްޓް ކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ތިން މަޝްރޫއެއް މިދިޔަ ތިން މަސްތެރޭގައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 123 މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާކަމަށާއި 69 ޕުރޮޖެކްޓު ފަށާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ލަތީފް ވިދާޅުވީ، ކުރީގެ މެނޭޖްމެންޓްއިން 15 މަސަައްކަތެއް، ހުއްދަ ހޯދަން ޖެހޭ ފަރާތުން ހުއްދަ ނުހޯދައި ގޮތް ނިންމައިގެން ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ އަގަކީ 200 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

  • މަހާޖައްރާފު

އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މަހާޖައްރާފު ރަނގަޅަށް މެއިންޓެއިން ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވި މަހާޖައްރާފު 20 މަސް ދުވަސްވަންދެން ގްރައުންޑު ކޮށްފައިވާ ކަމަށެވެ. 2022 ޖޫން އިން ފެށިގެން މަހާޖައްރާފު ބޭނުންކޮށްފައިނުވާ ކަމަށެވެ.

"އެކަމުގެ ސަބަބުން 500 މިލިއަން ރުފިޔާ އާމްދަނީން ވަނީ ގެއްލިފަ. ޑޮކިން ޗާޖެސްގެ ގޮތުގައި 40 މިލިއަން ރުފިޔާ" އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.

މަހާޖައްރާފު އަލުން ބޭނުން ކުރަން ފަށައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައި ކަމަށެވެ. މިހާރު މަހާޖައްރާފު ވަނީ ރ. އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުން ކުރަން ފަށައިފައި ކަމަށް އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.

މަހާޖައްރާފު ބޭނުންނުކޮށް ހިނގި މުއްދަތުގައި ކުރީގެ މެނޭޖުމެންޓުން ވަނީ އެހެން ޑްރެޖަރެއް ކުއްޔަށް ހިފާފައި ކަމަށާއި އޭގެ މާނައަކީ ބިން ހިއްކުމުގެ މަސައްކަތް އެއިރު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް މަދު އާމްދަނީއެއް ލިބޭ ގޮތަށް ކަމަށް މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ. ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްޓީސީސީއަށް ލިބޭ ފައިސާއަކީ ކުންފުނީގެ ތިންބައިކުޅަ އެއްބައި އާމްދަނީ ކަމަށް މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.

"ކުރީގެ މެނޭޖުމެންޓުގެ މިސްމެނޭޖުމެންޓުތައް ތަހުގީގު ކުރުމަށް ހާއްސަ އޮޑިޓެއް ދަނީ ހަދަމުން،" އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.

"މީގެ ސަބަބުން ޑްރެޖިން ކެޕޭސިޓީ، މާނައަކީ ޑްރެޖިންއިން ލިބޭނެ ކަމަށް ބަލާ ރެވެނިއު މިވަނީ ގެއްލިގެން ގޮސްފައި. އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކުގެ ތިން ބައިކުޅަ އެއްބައި މި އަންނަނީ ޑްރެޖިން އިން. އެހެންމަ، މަހާޖައްރާފު [20 މަސް] ގްރައުންޑްވުމުން ލިބެންޖެހޭ ފައިދާ މިއޮތީ ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު