ޚަބަރު
މަސްވެރިންނަށް އަދިވެސް 147 މިލިއަން ރުފިޔާ ނުލިބޭ
މިދިޔަ އަންގާރަދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރަމަޟާން މަސް ފެށުމުގެ ކުރިން ދައްކާ ނިންމަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ މިހެން ބުނީ "ހަފްތާ-14" މަގު ޗާޓުގައި މަސްވެރިކަމާއި ބެހޭ ވުޒާރާއަށް މަތިކޮށްފައިވާ ކަންތައްތަކުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޭން ބެލިއިރު އެންމެ ބޮޑު ގޮންޖެހުމަކީ 17 ރުފިޔާއަށް މަސް ކިލޯއެއް ގަންނަމުން ދަނިކޮށް ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 25 ކިލޯއަށް މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރުން ކަމަށެވެ. މިފްކޯ އަށް މަސް ގަންނަ އަގު ބޮޑުކުރިއިރު ވެސް މިފްކޯ އަށް ދިޔައީ ގެއްލުންވަމުން ކަމަށްވާތީ މަސްވެރިންނަށް ފައިސާ ދިނުމުގައި ގޮންޖެހުން ކުރިމަތިވީ ފަހުން ބޮޑުކުރި ފައިސާ ދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުން މިދަނީ. އެދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާ ވާނީ ދޫކޮށްފައި. އުއްމީދަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ބެކްލޮގް ކްލިއާ ކުރުން،" ޝިޔާމު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމެވެ. ވަޒީރު ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަން ހާސިލްކުރުމަށްކަމަށެވެ.

" މިބެކްލޮގް އެއްކޮށް ކްލިއާ ކުރެވުނީމަ، ކޭޝްފްލޯ ހަމައަކަށް އެޅުނީމަ، ކިރާމަހަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަން ފަށާނެ،" މިނިސްތަރު ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ފަހުން މިހާތަނަށް މަސްވެރިންނަށްވަނީ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރައްވާފަ އެވެ.

މިފްކޯއަށް މަސް ގަންނަމުންދިޔަ އަގު މުރާޖަޢާ ކުރެއްވުމަށްފަހު، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރެއްވުމަށް މިދިޔަމަހުގެ 11ވަނަ ދުވަހު ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު