ޚަބަރު
އިންޑިއާ ސިފައިން މަސްދޯނިތަކަށް އެެރީ އޮޅިގެން: ޑިފެންސް މިނިސްޓަރު ޣައްސާން
ރާއްޖޭގެ ކަނޑު ސަރަހައްދުގައި އޮތް ތިން މަސް ދޯންޏަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރީ "މިސް ކޮމިއުނިކޭޝަން"އެއްގެ ތެރެއިން ކަމަށް އެ ގައުމުން ރަސްމީކޮށް އަންގާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އެރި މައްސަލައާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އެ ދޯނިތައް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށެވެ. އަދި އެ ދޯނިތައް ރާއްޖެ ސަރަހައްދުން ބޭރަށް ނުދާކަން ދޯނިތަކުގައި ހުރި ޓްރެކިން ޑިވައިސްތަކުން ކަށަވަރުކުރެވޭ ކަމަށެވެ.

މަސްދޯނިތަކަށް އަރާ ބޯޑިން ޓީމުން ކޮށްފައި ވަނީ އާދައިގެ ސާޗެއް ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ. އެގޮތުން، މަސްދޯނިތައް ބަލައި، އެމީހުންގެ ފޯނުތައް ޗެކުކޮށްފައިވާ ކަމަށާއި، އެމީހުން އެރި ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ޑިލީޓް ކުރުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

 އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ސެޓަލައިޓް ފޯނު ބޭނުންކުރުމަކީ މަނާކަމެއްކަމަށްވާއިރު އެ މަސްދޯނިތައް ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާ ސިފައިން ދޯނިތަކަށްއަރާ މަސްވެރިންގެ ފޯނުތައް ބަލާ، ސިފައިން އެރި ބައެއް ފޮޓޯ އަދި ވީޑިއޯ ފޯނުތަކުން ޑިލީޓް ކޮށްފައިވާ ކަމަށެވެ. 

މިފަދަ ހާދިސާތައް ހިނގުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި އެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ދައުލަތުގައި ނެތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރުން. ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެހެނިހެން ގައުމުތަކަށް ވެސް ލިއްބައިދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކުރައްވަމުން ކަމަށާއި އެކަން ކާމިޔާބުވާނެ ކަމަށެވެ.

އޭނާ އިޝާރަތް ކުރެއްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގެނައި އަސްކަރީ ޑްރޯންތަކަށެވެ. އެ ޑްރޯންތަކުގެ އެހީގައި މިހާރު ދިވެހި ސިފައިން ގެންދަނީ ކަނޑުގެ ސަރަަހައްދު ޕެޓްރޯލް ކުރަމުންނެވެ. ނަމަވެސް، ގައުމީ ސަލާމަތަށްޓަކައި ޑްރޯންތަކާ ގުޅޭ މައުލޫމާތު ހާމަ ނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޣައްސާން ވިދާޅުވީ އެ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު