ވިޔަފާރި
3 ރަށެއްގައި މަސް ފެކްޓްރީ ގާއިމުކުރަން ޗައިނާގެ ކުންފުންޏަކަށް
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --
ރާއްޖޭގެ 3 ސަރަހައްދެއްގައި މަސް ބަންދުކުރާ ކާރުހާނާ ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ 175 މިލިއަން ޑޮލަރު މަޝްރޫއު އެކެވެ. ސަރުކާރުން ބުނީ މި މަޝްރޫއުގެ ދަށުން ޅ. ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ގޮތުން ގދ. ފިޔޯރީ އާއި ދ. މާދެލީ ގައި މަސް ފެކްޓްރީ ހަދާނެ އެވެ. މިއީ މުޅިން އަލަށް މަސް ފެކްޓްރީ ހަދާ ދެ ރަށެވެ.

ޗައިނާ ކުންފުންޏަށް ހަވާލުކުރި މަޝްރޫއު ގައި ފެލިވަރުގެ ކެޕޭސިޓީ އިތުރު 100 ޓަނަށް ބޮޑު ކުރެވޭނެ މިންވަރަށް ތަރައްގީ ކުރާނެ އެވެ. ފިޔޯރީ ގައި ހަދާނީ 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީ އެކެވެ. މީގެ އިތުރުން މާދެލީ ގައި 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީއެއް އަޅަން ވަނީ ނިންމާފަ އެވެ. 

މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންސެޝަނަލް ނުވަތަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް ސޮއިކޮށްފައިވާ މަޝްރޫއުތަކެކެވެ.

މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެ އެވެ. މިއީ ދިވެހިރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. 

އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި އެމްއޯޔޫގެ ދަށުން ޅ. ފެލިވަރާއި ދ. މާދެލީގެ އިތުރުން ގދ. ފިޔޯރީގައި މަސް ބަންދު ކުރާ ފެކްޓްރީތައް ގާއިމުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެލިވަރުގައި 100 ޓަނުގެ ފެކްޓްރީއަކާއި މާދެލީގައި 50 ޓަނުގެ އިތުރުން ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް އަޅާނެ ކަމަށެވެ.

އޭގެއިތުރުން، ފެލިވަރުގައި އަޅާ ފެކްޓްރީއަށް 50 މިލިއަން ޑޮލަރާއި މާދެލީގައި ފެކްޓްރީ އެޅުމަށް 75-100 މިލިއަން ޑޮލަރު އަދި ފިޔޯރީ ފެކްޓްރީއަށް 50- 75 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ފެލިވަރުގެ މިހާރުގެ ކެޕޭސިޓީއަކީ 50 ޓަނުގެ ކެޕޭސިޓީއެއް ކަމަށް ވިޔަސް އެތަނުން ބަންދު ކުރެވެނީ 40 ޓަނުގެ މަސް ކަމަށާއި މާންދޫގައި ބަންދު ކުރެވެނީ 50 ޓަނު ކަމަށާއި ހުޅުމާލެ ފެކްޓްރީއިން 20 ޓަނު ބަންދު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން މި އޮތީ ދިވެހިރާއްޖޭގައި ގާތްގަނޑަކަށް މި ބާނާ 128،000 ޓަނު މަހުގެ ތެރެއިން ގާތްގަނޑަކަށް 63،000 ޓަނު އެވަރެޖްކޮށް އަހަރެެއްގެ ތެރޭގައި ރޯމަހުގެ ގޮތުގައި މި ބޭރުކުރެވެނީ،" ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު