ޚަބަރު
އީ-ޕެޓިޝަން ނިޒާމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
އީ-ޕެޓިޝަން ނިޒާމާ ގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތު ކަރުދާހަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިދާރާ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅުގެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސްގެ ޒަރިއްޔާއިން އަދި މަޖިލީހުގެ އިދާރާއަށް ލިންކެއް ފޮނުވައިގެން ނުވަތަ މި ފޯމުގެ ޒަރިއްޔާއިން ހިޔާލު ހުށަހެޅޭނެ އެވެ.

އީ-ޕެޓިޝަން ނިޒާމު ގާއިމުކުރުމަށް އެކުލަވާލާފައިވާ ކަރުދާހުގައިވާގޮތުން އީ-ޕެޓިޝަނެއްގައި ރާއްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކޮށްފިނަމަ އެ މައްސަލަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކުރުމަށްފަހު ފިޔަވަޅު އެޅުމާއެކު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. އަދި ޕެޓިޝަން ހުށަހަޅާތާ 21 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް މަޖިލީހުން ޖަވާބުދާރީވާން ޖެހެއެވެ.

މީގެ އިތުރުން އާބާދީގެ 0.5 އިންސައްތަ މީހުން އީ-ޕެޓިޝަންގައި ސޮއިކޮށްފިނަމަ އެ ޕެޓިޝަނަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ފޮނުވާނެއެވެ. އަދި 50 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް މަޖިލީހުން ޖަވާބުދާރީވާން ޖެހޭނެއެވެ.

މި ނިޒާމާ ގުޅޭ ކަރުދާހަށް އާންމުން ހުށަހަޅަން ބޭނުންވާ ޚިޔާލު 29 އޭޕްރިލްވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އީމެއިލްގެ ޒަރިއާއިން ފޮނުވުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ. އަދި މި ނިޒާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އީ-ޕެޓިޝަންގެ ސިޔާސަތު ކަރުދާހުގެ ހުލާސާއެއް މި ލިންކުން ލިބޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު