ޚަބަރު
ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ
ވ. އާރަށު މައްސަލައިގެ ހުކުމް، ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް މަޑުޖެހިފައި އޮންނަ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ އެމަނިކުފާނު ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

"[މިކަމުން] ދޭހަވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު،" އަސްލަމް ވިދާޅުވި އެވެ. 

ޔާމީންގެ ޝަރީއަތަށް މި ސަރުކާރުން 'އަތްބާނާ' ކަމަށް ގަބޫލުުކުރެވެނީ، ޔާމީންގެ ޕީޕަލަސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް މިފަހުން ފުލުހުން ފޮނުވައިގެން ހުއްޓުވި ހުއްޓުވުމުން ކަމަށް އަސްލަމް ވިދާޅުވި އެވެ. ދެން ވިދާޅުވީ ސިޔާސީ އެއްވެސް ހަރަކާތެއްގެ ތެރެއަށް އޭރެއްގައި އޮންނަ ސަރުކާރަކުން ފޮނުވައިގެން ނޫން ގޮތަކަށް ފުލުހުން ނުވަންނާނެ ކަމަށެވެ. 

އަސްލަމް ވިދާޅުވީ ރައީސް ޔާމީނަކީ ކުރީގެ ރައީސެއް ކަމަށްވާތީ އެފަދަ ބޭފުޅަކަށް ދޭންޖެހޭ އިހްތިރާމާއި އިއްޒަތް ދޭން ވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް އިންސާފު ލިބުން ލަސްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން ބޭއްވީ ނޮވެމްބަރު 21، 2023 ގައެވެ. އެ ދުވަހު މައްސަލައިގެ ފަހު ބަސް އިއްވާފައިވާތީ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ހައިކޯޓުގައި މައްސަލަ ވަރަށް ބޮޑަށް ލަސްވެފައިވީ ނަމަވެސް ހުކުމް ކުރުން ލަސްވާ ސަބަބެއް ކޯޓުން ސާފުކޮށްނުދޭ ކަމުގެ ކަންބޮޑުވުންތައް ވެސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ދަނީ ފާޅުކުރަމުންނެވެ.

ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ރައީސް ޔާމީންގެ ޝަރީއަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތުމުން ކަމަށް ޔާމީންގެ ސަޕޯޓަރުން ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު