ވިޔަފާރި
މާފުށި ބްރާންޗުން ޑޮލަރު ނެގޭ ގޮތަށް ހަދައި ބީއެމްއެލްގެ ހިދުމަތް ފުޅާކޮށްފި
މާފުށީގައި ހުންނަ ބީއެމްއެލް ބްރާންޗް.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކ. މާފުށި ބްރާންޗުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާ ޚިދުމަތްތައް މިއަދު އިތުރަށް ފުޅާކޮށްފި އެވެ.

އެގޮތުން ފަރުދުންނާއި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އާ ހިދުމަތްތަކެއް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ބީއެމްއެލް ގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު، މި ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު ބޭންކިންގ ހިދުމަތަށް އޮތް ޑިމާންޑްވެސް ބޮޑުވެފައިވާ ކަމަށެވެ.

"މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި މިރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." މޫސާ ނިމާލް ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު މިހާރު 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗާއި، 86 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމުކޮށްފައެވެ. އަދި، 143 އޭޓީއެމާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު