ކޮލަމް
ބޭންކާއި ޑޮލަރާއި އިޤްތިޞާދާ މެދު ނުދައްކާ ވާހަކަތަކެއް 2

މަޓާޓޯގެ ދެ ވާހަކަ؟  

މައްސަލަ ހޫނު ވެގެން ދިޔަ ވަގުތު، މިހާރުގެ ސަރުކާރުން މި މައްސަލައާ ގުޅޭގޮތުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އިޢުލާން ކުރެއްވިއެވެ. އެއް ކަމަކީ، ޑޮލަރުން އާމުދަނީ ލިބޭ ކުންފުނިތަކުން އާމުދަނީ ޓެކުހާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިޔުޓީ ފަދަ ދައުލަތަށް ދައްކާން ޖެހޭ ފައިސާ ދެން ދައްކާން ވާނީ ޑޮލަރުން ކަމަށް ހަމަޖެއްސުމަށް ނިންމެވި ނިންމެވުމެވެ. ދެވަނަ ފިޔަވަޅަކީ، ރާއްޖޭގެ ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ނުވަތަ އެހެން ވެސް ބޭރު ފައިސާއިން ލިބޭ އާމުދަނީ، ޑޮލަރުގެ ކަޅު ބާޒާރުގައި މާރު ކުރުން ހުއްޓުވައި، އެ ފައިސާ ބޭންކަށް މާރު ކުރުން މަޖުބޫރު ވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމެވި ނިންމެވުމެވެ. މި ވަގުތަށް އަޅާން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މި ދެ ކަންތައް ފާހަގަ ކޮށްލެވެނީ ލިސްޓުގެ އެންމެ ކުރީންނެވެ.

މި ނިންމެވުންތައް އިޢުލާން ކުރެއްވިތާ މާކަ ގިނަ އިރުތަކެއް ނުވެ، މީޑިއާއިން ފެނިގެން ދިޔައީ ޔޫއެސް ޑޮލަރުން އާމުދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކާން ޖެހޭ ފައިސާ ޑޮލަރުން ދެއްކުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އެ ނިންމެވުން މުރާޖަޢާ ކުރާން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ޖަމްޢިއްޔާ "މަޓާޓޯ" އިން ގޮވައިލެއްވި ޚަބަރެވެ. އެ ޚަބަރު ދެ ނޫހަކުން އަޅުގަނޑު ވެސް ދުށީމެވެ. ނަމަވެސް، މޫސަކުއްޓިގެ ކެޔޮގަނޑު ގެއްލޭހެން، އެ ދެ ޚަބަރު ވެސް ކުއްލިޔަކަށް "މިނިވަން" މީޑިއާއިން ގެއްލިއްޖެއެވެ. އެޔަށްފަހު، އިއްޔެ ފެނިގެން ދިޔައީ، ސަރުކާރުގެ ނިންމެވުމަށް މަޓާޓޯއިން ވެސް ތާއީދު ކުރައްވާ ކަމަށް މަޓާޓޯގެ އިސް ބެއިފުޅުން ވިދާޅުވި ޚަބަރެވެ. އެންމެ ފުރަތަމަ "ގްރީޑް ޓޭންޓްރަމެއް" އުއްކަވައިފައި، ފަހުން ބާރުގަދަ ބަޔަކު ލޯ އަޅައިގަތީމާ ނުވަތަ ވަރުގަދަ ހަދިޔާއެއް ލިބުނީމާ ޚިޔާލު ބަދަލުވީ ތޯއްޗެކެވެ. ކޮންމެއަކަސް، ބަޔަކު ފަހެ ޢަޖާއިބެއް ނުވާނެތޯއެވެ؟ ދިވެހި ޤައުމާއި ރައްޔިތުންނަށް ފައިދާއަކަށް ސަރުކާރަކުން މިއިން ޒަމާނެއްގައި ވެސް ނިންމި އެންމެ ރަނގަޅު ނިންމުންތަކުގެ ތެރޭގައި ހިމެނޭ ދެ ނިންމުމެއް މުރާޖަޢާ ކޮށް ބަދަލު ކުރާން ޖެހެނީ ކޮން ކަމަކާ ހުރެ ބާވައެވެ! ކޮން ސަބަބަކާ ހުރެ ބާވައެވެ! 

ސަރުކާރުގެ ދެ ނިންމެވުން މުރާޖަޢާ ކުރާކަށް ނުޖެހެއެވެ. ލަސް ކުރާކަށް ފަސް ކުރާކަށް ވެސް ނުޖެހެއެވެ. އެހެނެއް ނޫނެވެ! ދުވާލާއި ރެއިގަނޑު އެއް ކޮށްލައިގެން ކަމާ ބެހޭ މުއައްސަސާތައް މަސައްކަތް ކޮށްގެން ވެސް، އެ ދެ ނިންމެވުން ޖެހެނީ މާދަމާ ވެސް ހަމަ ތަންފީޒު ކުރާށެވެ. އެކަމަށް ހުރަސް އަޅާ އެންމެންނާ މެދު ޖެހެނީ ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅާށެވެ! 

ނިންމައިލަމުން

މި ލިޔުން ނިންމައިލަމުން ދެތިން ވާހަކައެއް ދަންނަވައިލާނަމެވެ. 

ފުރަތަމަ ވާހަކައަކަށް، ރިސޯޓުތަކާއި ގެސްޓްހައުސްތައް – ޚާއްޞަކޮށް ރިސޯޓުތައް – ހިންގާ ބިންތަކަކީ އެ ތަންތަނުގެ ވެރީންގެ ޢާއިލީ ވާރުތަ ބިންތަކެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންގެ މިލްކިއްޔާތެވެ. ދިވެހި ދައުލަތުގެ ބިމެވެ. ރައްޔިތުންގެ "ކޮމަން ވެލްތު" ގެ އެންމެ މުހިއްމު އެއް ބައެވެ. އެ ބިންތައް ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކަށް ދިގު މުއްދަތަށް ދޫ ކޮށްފައި ހުންނަނީ، އެންމެ އަސާސީ އަދި އެންމެ މުހިއްމު މަޤްޞަދެއްގެ ގޮތުގައި، ޤައުމާއި ރައްޔިތުންނަށް އެ ތަންތަނުން އިޤްތިޞާދީ ފައިދާ ހޯދުމަށް ޓަކައެވެ. އެ ތަންތަން ކުއްޔަށް ހިފައިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރީގެ މަޞްލަޙަތުތަކަކީ އަދި އެ ފަރާތްތަކަށް އެ ތަންތަނުން މާލީ ނަފާ ހޯދުމަކީ، އެހެންކަމުން، ދެވަނަ މަޤްޞަދެވެ. މި ޙަޤީޤަތް އެންމެނަށް ވެސް ނިކަން ރަނގަޅަށް އޮޅުން ފިލައި ސާފު ވެފައި އޮންނާން ޖެހެއެވެ. 

އާދޭހެވެ! ރިސޯޓުތައް ހަދައިފައި ހުރި ރަށްރަށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކަށް ރައްޔިތުންގެ ފަރާތުން ސަރުކާރުން ކުއްޔަށް ދިނުމުގެ އަސާސީ ބޭނުމަކީ އެތަންތަނުން ރައްޔިތުންގެ ޚަޒާނާއަށް ފައިސާ ހޯދުމެވެ. ރައްޔިތުންނަށް މާލީ އަދި އިޤްތިޞާދީ މަންފާތައް ހޯދުމެވެ. ޤައުމީ އިޤްތިޞާދާއި މާލިއްޔަތު ބިނާ ކުރުމެވެ. މި މަޤްޞަދުތައް ފުރިހަމަ ގޮތުގައި ޙާޞިލު ކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުން ހުރަސް އަޅަންޏާ، އޭގެ މާނައަކީ އެ ކުންފުނިތަކުގެ ވެރީން އެތިބީ މުދަލާއި މުއްސަނދިކަމުގެ ދަހިވެތިކަމުގައި ޙައްދުފަހަނައަޅައި ގޮސް، "ކޯރޕޮރޭޓް ގްރީޑް" ގެ ވަރުގަދަ ދަންމަޅިއެއްގައި ޤައުމު ދަން ޖައްސައި ޤުރުބާން ކުރާން ވެސް ފަސްނުޖެހޭ ހިސާބުގައި ކަމެވެ. މިއީ ކަމުގެ ޙަޤީޤަތް ކަމަށް ވަންޏާ، އެފަދަ ޚިޔާނާތްތެރި އަދި ޤައުމާއި ރައްޔިތުންނަށް ކުލުނެއް ނެތް ބައެއްގެ އަތްމައްޗަށް، ދިވެހި ރައްޔިތުންގެ މިލްކު ބިންތައް ދީގެން، އެމީހުން މުއްސަނދިކަމުގެ މައްޗަށް މުއްސަނދި ކުރުވައި، ދިވެހި ރައްޔިތުން ގަނަތެޅޭން ތިބޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ރިސޯޓުތަކުން ދިވެހި ރައްޔިތުންނަށް ލިބޭން ޖެހޭ ފައިދާ ފުރިހަމަ ގޮތުގައި ނުލިބެންޏާ، މުރާޖަޢާ ކުރާން ވީ އެކަމާ މެދު ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކެއް ނޫނެވެ! މުރާޖަޢާ ކުރާން ވީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކަށް ރާއްޖޭގެ ރިސޯޓުތައް ދޫކުރުމަށް ހަދައިފައި ހުރި އެއްބަސްވުންތަކެވެ! މަޝްވަރާ ކުރާން ވީ ރިސޯޓުތައް ނެޝަނަލައިޒް ކުރާންވީ ތޯ ނޫންތޯ މި ސުވާލާ މެދުގައެވެ! ރިސޯޓުތަކަށް ލިބޭ އާމުދަނީގެ ބޮޑު ބައެއް ޤައުމަށް ނުވައްދައި ބޭރުގެ ބޭންކުތަކުގައި ފޮރުވައިގެން، އޭގެ އިޤްތިޞާދީ ފައިދާއިން ޤައުމު މަޙުރޫމު ކޮށްގެން އުޅޭ މީހުންނާ މެދު އެޅޭން ހުރި ޖިނާއީ އަދި މަދަނީ ފިޔަވަޅުތަކަކީ ކޮބައިތޯ މި ސުވާލާ މެދުގައެވެ! މުރާޖަޢާ ކުރާން ވީ، ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ފިޔަވަޅުތަކެއް އެޅޭނޭ ގޮތަށް، ޤާނޫނުތަކެވެ! 

ދެވަނަ ވާހަކައަކަށް، ފަތުރުވެރިކަމުގެ ސިނާޢަތު އިޖުތިމާޢީ އަދި އިޤްތިޞާދީ ޢަދާލަތުގެ އަސާސްތަކުގެ މައްޗަށް އިޞްލާޙު ކޮށް، އެ ސިނާޢަތުން އަންނަނިވި ފައިދާތައް – އެންމެ ކުޑަމިނުން – ޤައުމާއި ރައްޔިތުންނަށް ލިބިދޭކަން ކަށަވަރު ކުރާން ޖެހެއެވެ. 

1. ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ފަތުރުވެރީން އަންނަ މިންވަރުން އަދި އެމީހުންނަށް ޚިދުމަތް ދޭ މިންވަރުން، ފަތުރުވެރީންގެ އަތުން ޙަޤީޤަތުގައި ނަގާ އަގުތަކާއި ފީތަކަށް ބަލައިގެން، އެއްވެސް އޮޅުވައިލުމެއް އަދި މަކަރު ހެދުމެއް ނެތި، ދައުލަތަށް ދައްކާން ޖެހޭ ފުރިހަމަ ޢަދަދަށް، އެކަށީގެންވާ ވަރުގެ ބޮޑު ނިސްބަތެއްގެ ޓެކުހެއް، ޤާނޫނާއި ޤަވާޢިދުގައި އެކަށައެޅޭ ގޮތެއްގެ މަތީން، ދައުލަތަށް ދެއްކުން. މި ނިޒާމު ޤާއިމު ވެގެން ދާން ވާނީ، "ޓްރާންސްފަރ ޕްރައިސިންގ" ގެ ޕްރެކްޓިސް މުޅީން ހުއްޓުވިގެންނެވެ. އެކަން ކުރާ ރިސޯޓުތައް ދައުލަތަށް ނަގައި، އެކަމުގައި ޝާމިލު ވާ ރިސޯޓު ވިޔަފާރިވެރީންނާއި މުއައްޒަފުންގެ މައްޗަށް ޖިނާއީ ތަޙްޤީޤު ކުރެވި، އެމީހުންގެ މުދަލުން ދައުލަތަށް ބަދަލު ވެސް ނެގޭނޭ ޤާނޫނީ އުޞޫލުތައް ޤާއިމު ކުރެވި ތަންފީޒު ކުރެވިގެންނެވެ. 

2. ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކަށް ލިބޭ ހުރިހައި އާމުދަނީއެއް، އެ އާމުދަނީ ލިބޭ ފައިސާއިން ރާއްޖެއަށް ވައްދައި، އެ ފައިސާ އެމްއެމްއޭއަށް ވިއްކުން – ފަތުރުވެރިކަމުގެ ކުންފުންޏަކުން ރާއްޖެއިން ބޭރުގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ފައިސާ ލެވޭން ވެސް ވާނީ، ލިބޭ އާމުދަނީ ރާއްޖެއަށް ގެނެސް އެމްއެމްއޭއަށް ވިއްކުމަށް ފަހު، ދެން ރާއްޖޭގައި އެ ކުންފުނިތަކުން ހިންގާ އެކައުންޓުތަކުން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ހުއްދަ ކުރާ ގޮތެއްގެ މަތީން ބޭރުގެ އެކައުންޓަށް ފޮނުވާ ފައިސާގެ ގޮތުގައި ނުވަތަ ރާއްޖޭގެ ބޭންކުތަކާއި ފައިސާ މާރު ކުރާ ތަންތަނުން ގަނެގެން ޤާނޫނު ހުއްދަ ކުރާ ގޮތެއްގެ މަތީން ރާއްޖެއިން ބޭރަށް ގެންދާ ފައިސާގެ ގޮތުގައެވެ. 

3. ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުގެ އާމުދަނީގެ ކަނޑައެޅޭ ވަރަށް ބޮޑު ނިސްބަތެއް ދިވެހި ބޭންކުގައި ޑިޕޮޒިޓު ކުރުން. 

4. ރިސޯޓުތަކުގެ ވަކި ފެންވަރަކުން މަތީގެ ވަޒީފާތައް ދިވެހީންނަށް ޚާއްޞަ ކުރުން – ރިސޯޓުތަކުގައި "އަންސްކިލްޑް ލޭބަރ" ގެ ގޮތުގައި ދިވެހީން ގެންގުޅުން މުޅީން ހުއްޓުވައި، ރިސޯޓެއްގައި ދިވެއްސަކަށް ވަޒީފާ އަދާ ކުރެވޭނީ ފުރަތަމަ ޑިގްރީއެއް ޙާޞިލު ކޮށްގެން މެނުވީ ނުކުރެވޭ ކަހަލަ މަސައްކަތްތަކަށް، ފުރިހަމަ ތަޢުލީމާއި ތަމްރީނު ހޯދުމަށް ފަހު ކަމަށް ހަމަޖައްސާން ވެސް ޖެހެއެވެ. އަދި، ރިސޯޓުތަކަށް ދިވެހީންނަށް ޚާއްޞަ ކުރެވިފައި ވާ މަތީ ރޭންކުގެ ވަޒީފާތަކުގެ ތެރެއިން ވަޒީފާއަކަށް ބިދޭސީއަކު ގެނެވޭނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާއެއް މެދުވެރި ކޮށް މަސައްކަތް ކޮށްގެން ދިވެއްސަކު ނުލިބިއްޖެ ޙާލަތެއްގައި އެކަނި ކަމަށް ހެދުމެވެ. 

5. "ކޯރޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން، ރިސޯޓުތަކުން ޤައުމުގެ ބައެއް ކަންކަމަށް ކޮންމެ އަހަރަކު ވެސް ވަކި މިންވަރަކަށް ޚަރަދު ކުރުން – މިގޮތުން ކުރާ ޚަރަދުގެ ފައިސާ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުން ގުޅިގެން ހިންގާ ފަންޑެއް ކަހަލަ އެއްޗަކަށް ޖަމާ ކޮށް، އެ ފަންޑުން  އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރާ ގޮތަށް ވެސް ހެދިދާނެއެވެ. އެ ފަންޑުން ކުރެވިދާނެ އެއް ކަމަކީ، މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ދަށުގައި ހުންނަ ފެކަލްޓީ އޮފް ޓުއަރިޒަމް ސްޓަޑީޒް ވަކި ކޮލެޖެއްގެ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ އާއި ޢާއްމު ގޮތެއްގައި ވިޔަފާރީގެ ދާއިރާގެ ކޯސްތައް ހިންގާ އިންޓަރނޭޝަނަލް ކޮލެޖެއްގެ ގޮތުގައި، ވަކި ރަށެއް އެއްކޮށް އެތަނުގެ ކެމްޕަސް ހަދައިގެން ހިންގުމަށް ޚަރަދު ކުރުމެވެ. 

އެއްވެސް ޝައްކެއް ނެތެވެ! ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް އެތަންތަނުން ފުރިހަމަ ފައިދާ، އެއްވެސް މިންވަރެއް އުނި ނުވާނޭ ގޮތުގެ މަތީން، ލިބިދޭ ސިނާޢަތަކަށް ވާން ޖެހެއެވެ. ދިވެހި ޤައުމާއި ރައްޔިތުންނަށް އިންޞާފުވެރި ފައިދާއެއް އެ ސިނާޢަތުން ނުލިބޭ ޙާލު، އެ ސިނާޢަތުގެ ބޮޑެތި ކުންފުނިތަކާއި ބޮޑެތި ސައުދާގަރުންގެ ޒާތީ ފައިދާތަކަށް ޓަކައި ދިވެހި ރައްޔިތުން ޤުރުބާން ވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ.
 
ތިންވަނަ ވާހަކައަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ އާމުދަނީގެ ފުރިހަމަ ފައިދާ ޤައުމަށް ލިބޭނޭ ގޮތް ހަދައި، ބޭނުން ވާ ވަރަށް ޤައުމުގައި ބޭރު ފައިސާ ހުންނަކަން ކަށަވަރު ކޮށް، ދިވެހި ބޭންކަށް ވެސް ޑޮލަރުގެ ތާށިކަމުގެ މައްސަލަ ކުރިމަތި ވިޔަނުދިނުމަށް ޓަކައި، މަތީގައި އަޅުގަނޑު ފާހަގަ ކުރި ހުރިހައި މައްސަލަތަކެއް ޙައްލު ކުރުމުގެ ޒަރޫރަތްތެރިކަމުގެ ވާހަކައެވެ. ސަރުކާރުން މި ވަގުތަށް އެޅުއްވި ފިޔަވަޅުތަކުން އެކަށީގެން ވާ ނަތީޖާއެއް ކުރު މުއްދަތުގައި ނުކުންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މައްސަލައިގެ ޙަޤީޤީ، ދެމެހެއްޓެނިވި، އަދި ފުރިހަމަ ޙައްލަކީ މަތީގައި ދެންނެވި ހުރިހައި ކަންކަން ރަނގަޅު ކުރުމެވެ. އާދެ، ފަތުރުވެރިކަމުގެ ސިނާޢަތުން ޤައުމުން ބޭރުގައި ފައިސާ ފޮރުވުން ހުއްޓުވުމެވެ. އެ ސިނާޢަތުގެ މުސާރަ ބޮޑު ވަޒީފާތަކަށް ބިދޭސީން ލުމުގެ ސިޔާސަތު ހުއްޓުވުމެވެ. ރިސޯޓުތަކަށް ބޭނުންވާ ތަކެތި ދިވެހި ވިޔަފާރިތަކުން ގަތުން މަޖުބޫރު ކުރުމެވެ. ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ކުރުމެވެ. ދިވެހިރާއްޖޭގައި ޑޮލަރަކީ ވިޔަފާރި އާއި މާލީ މުޢާމަލާތުތަކުގައި ލީގަލް ޓެންޑަރގެ ގޮތުގައި ޢާއްމުކޮށް ބޭނުން ކުރެވޭ ފައިސާއެއްގެ ގޮތުގައި އޮތް އޮތުން މުޠުލަޤުކޮށް ހުއްޓުވުމެވެ. ދެންވެސް، ސަރުކާރުތަކާއި މަޖިލިހުން ހަދަމުން އައި ގޯސްތައް އެކީއެކަށް ހުއްޓުވުމެވެ. ޑޮލަރަކީ ރާއްޖޭގައި މުޢާމަލާތު ކުރެވޭ ފައިސާއެއްގެ ގޮތުގައި އޮތް އޮތުން ހުއްޓުވައިގެންނާއި، ޑޮލަރުގެ ކަޅު ބާޒާރު ހިންގާ މީހުންނާއި އެ ބާޒާރުން ފައިދާ ހޯދާ މީހުންނަށް އަދަބު ދީގެން، ޑޮލަރުގެ ކަޅު ބާޒާރު މުލުން ލުހެ ވުޖޫދުން ފޮހެލުމެވެ. މި ހުރިހައި ކަންކަން ކޮށްގެން މެނުވީ، އަޅުގަނޑުމެންނަށް ކުރިމަތި ވެގެން އުޅޭ މި މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ނުލިބޭނެއެވެ.

(ނިމުނީ)

ނޯޓް: މި ލިއުމަކީ ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދުގެ ފޭސްބުކް ސަފުހާއިން ނަގައިފައިވާ ލިއުމެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު