ކޮލަމް
ބޭންކާއި ޑޮލަރާއި އިޤްތިޞާދާ މެދު ނުދައްކާ ވާހަކަތަކެއް 1
ނިމިގެން މި ދިޔައީ ބޮޑު ހަފުތާއެކެވެ. ދިވެހި ބޭންކުން ކުއްލިޔަކަށް އިޢުލާނެއް ނެރެ، ބޭންކުގެ ކަސްޓަމަރުން އެމީހުންގެ ދިވެހި ރުފިޔާ އެކައުންޓުތަކުން ބައިނަލްއަޤްވާމީ މުޢާމަލާތްތައް ކުރުމުން އެ މުޢާމަލާތްތަކަށް ޑޮލަރުން ފައިސާ ދައްކައިދިނުން ހުއްޓައިލާ ވާހަކަ އަންގައިފިއެވެ. އެކަމާ މެދު ސިޔާސަތުގެ މަރުކަޒުތަކުން ނޫނެކޭ ވިދާޅުވެ، އެ ނިންމުން ބަދަލު ކުރުމަށް އިރުޝާދު ދެއްވައިފިއެވެ. އެޔާއެކު، ބޭންކުން އެތަނުގެ ފުރަތަމަ ނިންމުން ބާޠިލު ކޮށް، ރުފިޔާ އެކައުންޓުތަކުން ރާއްޖެއިން ބޭރަށް ފައިސާ ދައްކާ މުޢާމަލާތުތަކަށް ކުރިއެކޭ އެއްފަދައިން ބޭންކުން ޑޮލަރު ހަމަޖައްސާނޭ ވާހަކަ އަންގައިފިއެވެ. މި ކަންކަން ހިނގައިގެން ދިޔަ އިރު، ރައްޔިތުން ތިބީ އައްޑިހައިގައެވެ. އެއް ބަޔަކު މީސްމީޑިއާގެ މަންސަތަކުގައި "ބީއެމްއެލް ބޮއިކޮޓު ކުރޭ" ފަދަ ގޮވެލިތައް ގޮވަމުން ގެންދިޔައެވެ. ނޫސްތަކުގައި ލިޔެފައި ހުރި ބައެއް ލިޔުންތަކުގައި ވެސް ދިވެހި ބޭންކު "ކަތިލާން" މަސައްކަތް ކޮށްފައި ހުއްޓެވެ. މުޅި ޤައުމުގެ ވެސް ހަފުތާގެ މައުޟޫޢަކީ މި މައްސަލައެވެ. 

އަޅުގަނޑުމެން އެންމެން ވެސް ހަމަޖެހިލައި، އެކި ކޮޅުކޮޅަށް ވިސްނުން ހިންގައި، މި ވަނީ ކިހިނެއްކަން ބަލައި އޮޅުން ފިލުވާން އެބަޖެހެއެވެ. 

އެންމެ ފުރަތަމަ ކަމަކަށް، ދިވެހި ބޭންކުން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތެއް – ޚާއްޞަކޮށް ރައްޔިތުންގެ އެތައް ބައެއްގެ ދިރިއުޅުމުގެ ބޭނުންތަކާ ގުޅި ލާމެހިފައި ވާ ޚިދުމަތެއް – ހުއްޓައިލާން ވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން ކަމަށް ދެކެމެވެ. އެންމެ މިސާލަކަށް ބަލަންޏާ، ބޭންކުގެ ރުފިޔާ އެކައުންޓުން ބައިނަލްއަޤްވާމީ މުޢާމަލާތްތައް ކުރާ އެތައް ސަތޭކަ ރައްޔިތުންނަކީ، ރާއްޖެއިން ބޭރުން ކިޔެވުމަށް ޓަކައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދަރިވަރުންނާއި އެކުދީންގެ ޢާއިލާތަކެވެ. އޭގެ ތެރެއިން ވަރަށް ގިނަ ކުދީންނަކީ، ސަރުކާރުގެ ފަރާތުން ދިވެހި ބޭންކު މެދުވެރި ކޮށް ދިވެހި ފައިސާއިން ކިޔެވުމާއި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސައިދޭ ކުދީންނެވެ. އެކުދީން ރާއްޖެއިން ބޭރުގައި ދިރިއުޅޭ އިރު، ޔުނިވަރުސިޓީ ފީ ދެއްކުމުން ފެށިގެން ގޮސް ގޭ ކުއްޔާއި ބިލުތައް ދެއްކުމުގެ އިތުރުން، ބައެއް ކުދީން ކެއިންބުއިމަށް ޚަރަދު ކުރަނީ ވެސް ދިވެހި ބޭންކުން ރުފިޔާ އެކައުންޓަށް ދޫ ކޮށްފައި އޮންނަ ޑެބިޓް ކާޑުންނެވެ. އެ ކާޑުން ރާއްޖެއިން ބޭރުން ޚަރަދު ނުކުރެވޭ ގޮތް ހެދުމަކީ، އެ ކުދީންގެ ދިރިއުޅުން ހުއްޓުވައިލުން ފަދަ ކަމެކެވެ. ބޭންކުގެ ނިންމުމާ އެކު، ބައެއް ޤައުމުތަކުގައި ތިބި ކުދީންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ހަދާނޭ ގޮތް ހުސް ވެ، ކިޔެވުން ހުއްޓައިލާން ޖެހުނީ ކަމަށް ޤަބޫލު ކުރި ކުދީން ވެސް ތިއްބެވެ. އެހެންކަމުން، އެ ވަރުގެ ނިންމުމެއް ދިވެހި ބޭންކުން ވިޔަސް ނިންމާން ވާނީ، ސަރުކާރާ މަޝްވަރާ ކޮށް، ދިމާ ވެގެން އުޅޭ މައްސަލައަށް ދެ ފަރާތް ގުޅިގެން ކުރާ މަސައްކަތުން ވެސް ޙައްލެއް ހޯދޭތޯ އެންމެ ފަހު ވަގުތާ ހަމަޔަށް ބެލުމަށް ފަހުގައެވެ. ބޭންކަށް ޑޮލަރު ނުލިބުމުގެ މައްސަލައަށް ސަރުކާރުގެ ފަރާތުން އެއްވެސް ޙައްލެއް ހޯއްދަވައިނުދެވިއްޖެ ޙާލަތެއްގައެވެ. އެހެންކަމުން، އެމްއެމްއޭއަށް ވިޔަސް އަދި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާއަކަށް ވެސް ނާންގައި، ބޭންކުން އެފަދަ ނިންމެވުމެއް ނިންމެވިއްޔާ، އެއީ ވަރަށް ވެސް ޣައިރުޒިންމާދާރު ނިންމެވުމެކެވެ. 

ބޭންކާއި ޑޮލަރު

ހަމަ އެޔާއެކު، ބޭންކުގައި ޑޮލަރު ނެތުމުގެ މައްސަލައިގައި ކުށްވެރި ވަނީ ދިވެހި ބޭންކު ތޯ މިއީ ވެސް އަޅުގަނޑުމެން އެ ސުވާލަކާ މެދު ވިސްނާން ޖެހިފައި އޮތް ސުވާލެކެވެ. ހަމަ އެޔާއެކު، މި ޙާލަތުގައި ރައްޔިތުންގެ ތެރެއިން ބައެއް މީހުން ދިވެހި ބޭންކު ބޮއިކޮޓު ކުރުމުގެ ވާހަކަ ދައްކައި، ބޭންކުގައި ހުރި ތިމާމެންގެ އެކައުންޓުތައް ބަންދު ކޮށް، އެހެން ބޭންކަކަށް ހިޖުރަ ކުރާ ވާހަކަ ދައްކަމުން ގެންދާތީ، އެއީ ރަނގަޅު ވިސްނުމެއްތޯ، އެކަން ކުރުމުގެ ނަތީޖާއަކީ ކޮބައިތޯ ވެސް އޮޅުން ފިލުވައި ދެނެގަންނާން ޖެހެއެވެ.

ދިވެހި ބޭންކުގައި ޑޮލަރު ނެތް ކަމާއި، ބޭންކު ޑޮލަރަށް ޖެހިފައި ވާކަން ސާފެވެ. ދިވެހި ރުފިޔާ އެކައުންޓުތަކުން ބައިނަލްއަޤްވާމީ މުޢާމަލާތްތައް ކުރުމުން އެ މުޢާމަލާތްތަކަށް ޑޮލަރުން ފައިސާ ދެއްކުން ހުއްޓައިލާން ބޭންކުން ނިންމި ނިންމުމުގެ ސަބަބަކީ ވެސް ބޭންކުގައި ޑޮލަރު ނެތުމެވެ. އެކަން، ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމަކް ވަނީ މީޑިއާއަށް ހާމަ ކޮށްދެއްވައިފައި ވެސް މެއެވެ. ނޫސްތަކުގައި ހުރި ޚަބަރުތަކާއި ރިޕޯޓުތަކުގައި އޭނާ ވިދާޅުވެފައި ވާ ކަމަށް ބުނެފައި ވަނީ "ބޭންކަށް ވިއްކޭނީ ބޭންކުގައި ހުރި ޑޮލަރެއް" ކަމުގައެވެ. "ބޭންކަށް ޑޮލަރު ގަންނާން ލިބޭ ވަރަކުން، ލިބުނު ޑޮލަރެއް" ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަހަރު ބޭންކަށް 60 މިލިއަން ޑޮލަރު ލިބިފައި ވާއިރު، އޭގެ ތިން ގުނަ ޑޮލަރު ބޭންކުން ކަސްޓަމަރުންނަށް ދޫ ކުރާން އެބަ ޖެހެއެވެ. 
ދިވެހި ބޭންކަކީ "ޑޮލަރު ޖަހާ މެޝިނެއް" ނޫނެވެ! "ޑޮލަރު ޗާޕު ކުރާ ސެންޓްރަލް ބޭންކެއް" ނޫނެވެ! މިއީ ދިވެހި ރައްޔިތުން ކުރެ މި މައްސަލައިގައި ދިވެހި ބޭންކު ކުށްވެރި ކޮށް ބޭންކަށް އެއްޗެތި ގޮވާ މީހުން އެންމެ ފުރަތަމަ ދަންނާން ޖެހޭ އެއް ޙަޤީޤަތެވެ. ދިވެހި ބޭންކުގައި ހުންނަ ޑޮލަރަކީ އެމްއެމްއޭއިން އެ ބޭންކަށް ވިއްކާ ޑޮލަރާއި، ބޭންކުގެ ކަސްޓަމަރުން ބޭންކަށް ޑިޕޮޒިޓުގެ ގޮތުގައި ލާ ޑޮލަރާއި، ބޭންކުގެ ވަސީލަތްތައް ހުއްދަ ކުރާ މިންވަރަކުން ބޭރުގެ ފައިނޭންޝަލް އިންސްޓިޓިޔުޝަންތަކުން ބޭންކަށް ގަންނަ ޑޮލަރެވެ. މި މަޞްދަރުތަކުން ދިވެހި ބޭންކަށް ޑޮލަރު ލިބޭ މިންވަރަކުން މެނުވީ، ބޭންކަކަށް ބޭންކުގެ ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށެއްނުދެވޭނެއެވެ. މިއީ ދެނެގަންނާން އުނދަގޫ މަފްހޫމެއްތޯއެވެ؟ ދޭހަ ކޮށްނުގަނެވޭ ވަރުގެ ބޮޑު އަދި އުނދަގޫ އަރަތެއްތޯއެވެ؟ 

ގޯސް ހަދާ މީހުންނަކީ ކޮބައިތަ؟ 

ދިވެހި ބޭންކުގެ ކަސްޓަމަރުންނަށް ކަސްޓަމަރުން އެދޭ ވަރަކަށް ޑޮލަރު ފޯރު ކޮށްނުދެވުމުގައި ބޭންކުގެ ކުށެއް ނެތެވެ. އެކަން އެންމެން ވެސް ޤަބޫލު ކުރަމާ ހިނގާށެވެ! ދެން އޮތް ސުވާލަކީ، ގޯސް ހަދަނީ ދެން ކޮން ބައެއް ހެއްޔޭ މިއެވެ. ދިވެހި ޤައުމު ބޭރު ފައިސާއަށް ޖެހި، ޤައުމުގެ ބޭންކުގައި ޑޮލަރު ނެތި، މާލީ މުޞީބާތެއްގެ ތެރެޔަށް ޤައުމު މި ވެއްޓެނީ ކޮން ބަޔަކު ކުރާ ކޮން ކަންތައްތަކެއްގެ ސަބަބުން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ވެސް އިބްނު ސީނާގެ ސިކުނޑި ވަރުގެ ސިކުނޑިއެއް ނެތަސް ދެނެގަނެވޭނެ ޖަވާބެކެވެ. އެއީ މައިގަނޑު ގޮތެއްގައި  ހަތަރު ބައެކެވެ. އެއީ ކޮން ބައެއްކަން ދެނެގަތުމާއި، އެމީހުން ޖަވާބުދާރީ ކުރުވުމަކީ ދިވެހި ޤައުމުގެ އެންމެ މަތީ މަޞްލަޙަތު މިއަދު ނިޔާ ކުރާ އެއް ކަންތަކެވެ. ހަމައެކަނި ބޭރު ފައިސާގެ މައްސަލަ ޙައްލު ކުރުމަށް ޓަކައެއް ނޫނެވެ. ޤައުމުގެ ދެމިއޮތުމާއި މިނިވަންކަމާއި އިސްތިޤްލާލާއި، ރައްޔިތުންގެ މާލީ އަދި އިޤްތިޞާދީ "ސަރވައިވަލް" އަށް ޓަކައި ވެސް މިއީ ޒަރޫރަތަކަށް ވެފައި އޮތް ކަމެކެވެ. 

ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތައް

ގޯސް ހަދާ މައިގަނޑު އެއް ބަޔަކީ، ފަތުރުވެރިކަމުގެ ސިނާއަތަށް ނިސްބަތް ވާ ވިޔަފާރިވެރީންނެވެ. ކުންފުނިތަކެވެ. އެ ސިނާޢަތުގެ ބޮޑެތި މުއްސަނދީންނެވެ. އެމީހުން ހަދާ މައިގަނޑު ގޯސްތަކަކީ ކޮބައިބާވައެވެ!

ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުންފުނިތަކަށް – ޚާއްޞަކޮށް ރިސޯޓުތަކަށް – ލިބޭ އާމުދަނީގެ ބޮޑު ބައެއް ދިވެހި ޤައުމަށް ނުވައްދައި، ރާއްޖެއިން ބޭރުގައި ހުންނަ އެ ކުންފުނިތަކުގެ ބޭންކް އެކައުންޓުތަކާއި މާލީ އެސެޓުތަކުގައި ބަހައްޓާ ބެހެއްޓުމެވެ. ނަތީޖާއެއްގެ ގޮތުން އެ ފައިސާ ރާއްޖޭގެ އިޤްތިޞާދަކަށް ނުވަދެއެވެ. އެ ފައިސާ ރާއްޖޭގެ ބޭންކުތަކުގައެއް ނުބެހެއްޓެއެވެ. އެ ފައިސާއަކުން ދިވެހި ދައުލަތަކަށް ޓެކުހެއް ވެސް ނުނެގެއެވެ. އެ ފައިސާ ހުންނަނީ އަދި ދައުރު ވަނީ ބޭރުގެ ކޮންމެވެސް ޤައުމެއްގެ އިޤްތިޞާދުގައެވެ. މިކަން ކުރުމަށް ބޭނުން ކުރާ މައިގަނޑު މެތަޑަކީ "ޓްރާންސްފަރ ޕްރައިސިންގ" އޭ ކިޔާ ބަދުމުޢާމަލާތު (malpractice) އެވެ. މީގެ ތަފްޞީލުތައް މި ލިޔުމުގައި ކިޔައިދޭކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ސަބަބަކީ މި ލިޔުން މިހާރު ވެސް ހެޔޮވަރު ވަރަށް ވުރެ ދިގު ވެފައި ވުމެވެ. އިޤްތިޞާދުގެ ދާއިރާއިން އޭލެވެލާ ހަމަޔަށް ކިޔަވައިގެން ހުރި ކުއްޖަކާ ސުވާލު ކޮށްލެއްވިޔަސް މިއީ ކިހިނެއް ހިނގާ ކަމެއްކަން ބުނެދޭނެއެވެ. ކޮންމެއަކަސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުން "ޓްރާންސްފަރ ޕްރައިސިންގ" އާއި އެހެނިހެން ވެސް ބަދުމުޢާމަލާތުތަކުގެ ވަސީލަތުން ރާއްޖެއަށް ވަނަނުދީ ހިފަހައްޓަނީ ކިހައި މިންވަރެއްގެ ފައިސާކަމާއި، އެކަން ކުރާ ގޮތުގެ ތަފްޞީލުތަކާއި، އޭގެ ސަބަބުން ޤައުމަށް ލިބޭ މާލީ އަދި އިޤްތިޞާދީ ބޮޑު ގެއްލުމުގެ ޙަޤީޤީ މިންވަރެއް ނޭނގެއެވެ. ސަބަބަކީ، މި ބޮޑު ޚިޔާނާތާއި ގޯސް ހިންގާ މީހުންނާއި ހިންގާ ގޮތްތަކާއި ހިންގާ މިންވަރު ދެނެގަނެ އެކަން ހުއްޓުވާން، ފާއިތު ވި ސާޅީހަކަށް ފަންސާހަކަށް އަހަރުގެ ތެރޭގައި ވެސް ދިވެހި އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރުމެވެ. ތިމާމެންގެ "ނޫސްވެރިކަމުގެ" ޓެގާއި ޙައްޤުތައް ދިއްލާރު ކުރަމުން އެތަންމިތަނުގައި އަބަދާއި އަބަދު އަޑު އުފުލާ "މިނިވަން" މީޑިއާ އިދާރާތަކުގެ "މޮޅު ނޫސްވެރީން" ވެސް މި ކަމުގެ ޙަޤީޤަތް ހޯދައި ބަލައި ލިޔެ ރައްޔިތުންނާ ހަމަޔަށް ގެންގޮސްދޭން ނުއުޅުމެވެ. އަޅުގަނޑު ބައިވެރި ވި ކްލަބްހައުސް ބައްދަލުވުމެއްގައި، މީގެ ދެތިން އަހަރެއް ކުރީން، ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންކަން ރީތިކޮށް ފެނިވަޑައިގަންނަވާ ހިސާބުގެ ވަޒީފާއެއްގައި ގިނަ ދުވަސްތަކަކު އުޅުއްވައިފައި ހުންނެވި ބެއިފުޅަކު މިކަން ހިނގާ ގޮތުގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެއްކެވިއެވެ. އޭނާ ލަފާ ކުރައްވައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ އާމުދަނީގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތަ ހުންނަނީ ރާއްޖޭގެ އިޤްތިޞާދަށް ވަނަނުދީ ބޭރުގެ ބޭންކުތަކާއި އެސެޓުތަކުގައި ހިފަހައްޓައި ފޮރުވައިފައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުން ހަދާ ދެވަނަ ބޮޑު ގޯހަކީ، ރިސޯޓުތަކުގެ މަތީ ފަންތީގެ އަދި މުސާރަ ބޮޑު ވަޒީފާތަކަށް، ރާއްޖެއިން ބޭރު މީހުން ގެނައުމެވެ. އެމީހުންނަށް ދޭ މުސާރައިގެ ގޮތުގައި ވެސް އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދިވެހި އިޤްތިޞާދުން ބޭރު ވެގެން ދެއެވެ. މަތީގައި ދެންނެވުނު ފަދައިން، ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ރާއްޖޭގައި ފޮރުވައިފައި، ރާއްޖެ ގެންނަ ކުޑަކުޑަ މިންވަރުން ވެސް ބޮޑު ބައެއް ބޭރު ވެގެން ދަނީއެވެ. ޤައުމަށް ލިބުނަސް، ނުލިބުނު އެއްޗެއްގެ ގޮތުގައެވެ. 

ތިންވަނަ ކަމަކީ، ރިސޯޓުތަކަށް ގަންނަ ކާބޯތަކެއްޗާއި ދެންވެސް އެފަދަ ތަކެތި، ރާއްޖެއިން ނުގަނެ ބޭރުން އިމްޕޯޓު ކުރާކުރުމެވެ. އަޅުގަނޑުމެން އެންމެން ވެސް ޤަބޫލު ކުރާނޭ ފަދައިން، ރިސޯޓުތައް ހެދުމަށާއި ރިސޯޓުތައް ހިންގުމަށް ބޭނުންވާ އެއްޗެއް ރާއްޖޭގައި ނުއުފެއްދެންޏާ، އެ އެއްޗެއް ރާއްޖެއިން ބޭރުން އިމްޕޯޓު ކުރުމުގައި ހަމަ އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ ރާއްޖޭގައި އުފެއްދޭ، އަދި އުފައްދާ ތަކެތި ވެސް ރިސޯޓުތަކަށް ނުގަނެ، އެ ތަކެތި ވެސް ކައިރި އަދި ދުރު ޤައުމުތަކުން އެތެރެ ކުރާކުރުމެވެ. ވަރަށް ރަނގަޅު އެއް މިސާލަކީ ދިވެހިރާއްޖޭގައި އުފައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ. މި ތަކެތި ރިސޯޓުތަކަށް ގަންނަ ނަމަ، އެއީ ދިވެހި ދަނޑުވެރީންނަށް ލިބޭނެ ވަރަށް ބޮޑު އާމުދަނީއެކެވެ. ދިވެހި ދަނޑުވެރިކަން ކުރިއެރުވުމާއި ފުޅާ ކުރުމަށް ހުޅުވިގެން ދާނޭ ތަނަވަސް ދޮރެކެވެ. ރިސޯޓުތަކުން ޤައުމަށް ވައްދާ މަދު މިންވަރެއްގެ ބޭރުފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ދައުރު ކޮށް، ދިވެހި މަސައްކަތްތެރީންނަށް އޭގެ ފައިދާ ކުރާނޭ ސަބަބެކެވެ. ނަމަވެސް މި ކަމުގައި ވެސް ރިސޯޓުތަކުން ޢާއްމު ގޮތެއްގައި ޢަމަލު ކުރަމުން ގެންދަނީ – މަދު އިސްތިސްނާ ޙާލަތުތަކެއް ހުއްޓަސް – ރާއްޖެއަށް އެތެރެ ވާ ބޭރު ފައިސާކޮޅު އިސަހިތަކު ބޭރު ވެގެން ދާ ގޮތަށެވެ. ބިދޭސީ މުއައްޒަފުންގެ މުސާރައިގެ ގޮތުގައި އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭރު ކުރާ ފަދައިން، ރިސޯޓުތަކަށް ބޭނުން ވާ ތަކެތި ރާއްޖެއިން ނުގަނެ ބޭރުން އެތެރެ ކުރުމަށް ޓަކައި ވެސް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭރަށް ޕަންޕު ކުރަނީއެވެ! 

ސަރުކާރުތަކާއި މަޖިލިސް

ދިވެހި ޤައުމުގައި ބޭރު ފައިސާ މަދު ވެ، ބޭރު ފައިސާއަށް ޖެހުމުގެ މައްސަލައިގައި ގޯސް ހަދާ ދެވަނަ ބަޔަކީ، ފާއިތު ވި ސާޅީހަކަށް ފަންސާހަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ވެރިކަން ކުރި ވެރީންނެވެ. ރާއްޖޭގައި އޮތް ސަރުކާރުތަކެވެ. އެ މުއްދަތުގައި އައި ރައްޔިތުންގެ މަޖިލިސްތަކެވެ. 

ސަރުކާރުތަކާއި މަޖިލިހުން ތަކުރާރު ކުރަމުން އަންނަ އެންމެ ބޮޑު ގޯހަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުން ހިންގާ ކަމަށް މަތީގައި ދެންނެވި ގޯސްތައް ހިންގުމުގެ ފުރުޞަތު ދީގެން ތިބުމެވެ. އެ ގޯސްތަކަށް ލޯ މަރައިލައިގެން ނުފެންނަ ކަމަށް އަދި  ނޭނގޭ ކަމަށް ހެދިގެން ތިބުމެވެ. "ޓްރާންސްފަރ ޕްރައިސިންގ" ފަދަ ބަދުމުޢާމަލާތުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ އާމުދަނީ ރާއްޖެއިން ބޭރުގައި ފޮރުވަނީ، އަދި ރިސޯޓުތަކުގެ އިސް މަޤާމުތަކުގައި މުޅީންހެން ބިދޭސީން ގެންގުޅެނީ، އަދި ރިސޯޓުތަކަށް ބޭނުންވާ ގިނަ ތަކެތި ރާއްޖެއިން ނުގަނެ ބޭރުން ގަންނަނީ ސަރުކާރާއި މަޖިލިހަށް ނޭނގިއެއް ނޫނެވެ. އަދި ކީއްތޯއެވެ! އެކަން ކުރަނީ ސަރުކާރާއި މަޖިލިހުގެ އެއްބާރުލުމާ އެކުގައެވެ. އެ އެއްބާރުލުން ދެނީ އެއިރަކު ބާރުގައި ތިބޭ ބައެއްގެ ސިޔާސީ އަދި ޒާތީ ފައިދާތަކަށް ޓަކައެވެ. ވިޔަފާރިވެރީންގެ ފަރާތުން ލިބޭ "ޢިނާޔަތްތަކަށް" ޓަކައެވެ. ދެބައިމީހުންގެ ދެމެދުގައި އޮންނަ "އެކުވެރިކަމާއި ރަޙުމަތްތެރިކަމަށް" ޓަކައެވެ. އެއް ބަޔަކު އަނެއް ބަޔަކުގެ ބުރަކަށި ކަހައިދޭ އުޞޫލުންނެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޮޑެތި ވިޔަފާރިވެރީން ނުވަތަ އެމީހުންގެ "ޕްރޮކްސީން" ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަން ފަދަ ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭތިބުމަކީ، އެމީހުން ބޭނުންވާ ގޮތަށް "ކުޅިބައި" އެތުރުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވާ ކަމެކެވެ. މި ކަންކަން މިހެން އޮތުމުން، ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުން ހަދަމުން ދާ ގޯސްތަކާ ދެކޮޅަށް ހަރުދަނާ ޤާނޫނުތަކެއް ނުހެދެއެވެ. އެ ގޯސްތައް ހުއްޓުވުމުގެ ޤާބިލިއްޔަތާއި އިރާދާ ހުރި ތަންފީޒީ މުއައްސަސާތަކެއް ނުހުރެއެވެ. އެމީހުންގެ ގޯސްތައް ބަލައި އެކަމާ މެދު ޢަދުލުވެރި ނިޔާތައް އިއްވާނޭ ފަނޑިޔާރުގެއެއް ނުހުރެއެވެ. މުޅި ނިޒާމު ފަރުމާ ކުރެވި ހިނގަމުން ދަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ކެޕިޓަލިސްޓުންގެ މާލީ މަޞްލަޙަތުތައް ޙިމާޔަތް ކުރުމުގެ މަގަށެވެ. ނަތީޖާއަކީ، އެ ސިނާޢަތުން ޤައުމަށް ވަދެ، ޤައުމުގެ އިޤްތިޞާދުގައި ދައުރު ވެ، ޤައުމުގެ ބޭންކުތަކުގައި ހުންނާން ޖެހޭ ބޭރު ފައިސާއިން ޤައުމު މަޙުރޫމު ވުމެވެ. ރައްޔިތުންނަށް އެ ބޭރު ފައިސާގެ މަންފާ ނުލިބުމެވެ. ނުވަދިހަ ނުވައެއް އިންސައްތަ އާމުދަނީގެ ފައިދާ އެއް އިންސައްތަ މީހުންނަށް ލިއްބައިދޭ، "ކޯރޕޮރޭޓް ގްރީޑް" ގެ މިއްލަތަށް ހިނގާ އިޤްތިޞާދީ ނިޒާމެއް އުފެދި، އިޤްތިޞާދީ ޢަދާލަތު ނެތިދިޔުމެވެ. 

ސަރުކާރުތަކުގެ މައިގަނޑު ދެވަނަ ގޯހަކީ، އެމެރިކާ ޑޮލަރަކީ ދިވެހިރާއްޖޭގައި "ލީގަލް ޓެންޑަރެއް" ކަމުގައި ބަލައިގަނެގެން ތިބުމެވެ. ޔޫއެސް ޑޮލަރުން ވިޔަފާރި ކުރުމާއި، ކުލީގެ މުޢާމަލާތުތައް ހިންގުމާއި، މުސާރަ ދިނުން ފަދަ ކަންކަން ހުއްދަ ކޮށްގެން ތިބުމެވެ. މީގެ ސަބަބުން ދިވެހި ފައިސާ ބަލިކަށި ވެއެވެ. އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ ތަންޒީމު ނުކުރެވޭ ސިނާޢަތެއް ކަޅު ބާޒާރެއްގެ ގޮތުގައި ޤައުމުގައި އުފެދެއެވެ. އެ ކަޅު ބާޒާރު މަސައްކަތް ކުރަނީ ދިވެހި އިޤްތިޞާދުގެ ތެރޭގައި ހިމެނޭ އެކަމަކު ދިވެހި އިޤްތިޞާދަށް ގެއްލުން ދޭ ކެންސަރެއްގެ ގޮތުގައެވެ. ޤައުމަށް އެތެރެ ވެ، ރިސޯޓުތަކުން ބިދޭސީންގެ މުސާރަ އާއި ރާއްޖެއިން ބޭރުން ތަކެތި ގަތުމަށް ޚާއްޞަ ކުރާ ބޭރު ފައިސާގެ އިތުރުން ދެން ޤައުމުގައި ހުންނަ ބޭރު ފައިސާގެ ބޮޑު ބައެއް ދަނީ އެކިއެކި މަގުމަގުން އަދި ދޮރުދޮރުން މި ކަޅު ބާޒާރަށެވެ. އެ ފައިސާ ދިވެހި ޤައުމުގެ މަރުކަޒީ ބޭންކަކަށް ނުލިބެއެވެ. ދިވެހި ބޭންކާ ހަމަޔަކަށް ނުދެއެވެ. އެ ބާޒާރުގައި ދައުރު ވާ ޑޮލަރު ވެސް އިސާހިތަކު ރާއްޖެއިން ބޭރު ވަނީއެވެ. ބޭސް ފަރުވާއަށާއި، ވިޔަފާރި ކުރުމަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ޚަރަދާއި، ރާއްޖެއިން ބޭރުގައި ތަޢުލީމަށް ހޭދަ ކުރުން ފަދަ ކަންކަމަށް ރައްޔިތުން އެ ޑޮލަރު ބޮޑު އަގުގައި ގަނެގެން ރާއްޖެއިން ބޭރު ކުރާތީއެވެ. 

ސަރުކާރުތަކުގެ ގޯސްތަކުގެ ލިސްޓު މި ހިސާބަކުން ނުނިމެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ އާމުދަނީގެ ވަރަށް ބޮޑު ބައެއް، ރާއްޖޭގައި ރިސޯޓު ހިންގާ ބައިނަލްއަޤްވާމީ ކުންފުނިތަކުގެ އާމުދަނީގެ ގޮތުގައި އެ ކުންފުނިތައް ނިސްބަތް ވާ ޤައުމުތަކަށް ބޭރު ވެގެން ދާ މައްސަލައަށް ވެސް ސަރުކާރުތަކުން އެއްވެސް ޙައްލެއް ނުހޯދައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބަޔަކީ ފަތުރުވެރީން ދަތުރުފަތުރަށް އެއަރލައިންތަކަށް ދައްކާ ފައިސާ ކަމަށް ވީހިނދު، ރާއްޖޭގެ ޤައުމީ އެއަރލައިން ތަރައްޤީ ކޮށްގެން އެ ދިމާއިން ފައިދާ ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްފައެއް ނެތެވެ. ރިސޯޓުތަކުގައި މަތީ ފަންތީގެ އަދި މުސާރަ ބޮޑު ވަޒީފާތަކުގައި ބިދޭސީން ތިބެގެން، މުސާރައިގެ ގޮތުގައި އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޤައުމުން ބޭރު ކުރާ މައްސަލަ ޙައްލު ކުރުމުގެ ބަދަލުގައި، ސަރުކާރުތަކުން އަބަދުވެސް ޢަމަލު ކުރަމުން އައީ އެކަމާ ނުބެހި، "އަންސްކިލްޑް ލޭބަރ" ގެ ގޮތުގައި ކުޑަ މުސާރަ ލިބޭ ވަޒީފާތަކަށް ދިވެހި ޒުވާނުން ފޮނުވައި އެމީހުންގެ ޙަޔާތް ބޭކާރު ކޮށް ބަރުބާދު ކުރުމުގެ މަގުގައެވެ. "މިނިމަމް ވޭޖް" ގެ ނިޒާމެކޭ ކިޔައިގެން ވެސް ކުރި ކަމަކީ، ރިސޯޓުތަކުން ދިވެހި މުއައްޒަފުން ނެގުން އިހުނަށް ވުރެ މަދު ވާނޭ ގޮތެއް ތަޢާރަފު ކުރުމެވެ. ރިސޯޓުތަކަށް ބޭނުން ވާ އެކިއެކި އެއްޗެތި ރާއްޖޭގައި އުފައްދައި ރިސޯޓުތަކަށް ސަޕްލައި ކުރުމުގެ ސިނާޢަތްތައް ޤާއިމު ކޮށް، ރިސޯޓުތަކުން ދިވެހި އުފެއްދުންތައް ގަތުމަށް ބާރު އެޅުމަށް ސަރުކާރުތަކުން ރަނގަޅު ފިޔަވަޅުތަކެއް އަޅައިފައެއް ނުވެއެވެ. ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޓްރެވަލް އަދި ޓުއަރ އޭޖެންޓުންގެ ބާޒާރު ބޭރުގެ ކުންފުނިތަކުން ކޮންޓްރޯލް ކުރާ އިރު، އެކަމާ ގުޅިގެން ސަރުކާރުތަކުން އެދެވޭ އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރި ވާ ކުންފުނިތަކާއި އިންވެސްޓަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، އަދި އެމީހުން އިތުބާރާއި ހިތްހަމަޖެހުމާ އެކު ރާއްޖޭގައި ބޭރު ފައިސާ ބަހައްޓައިގެން ގެންގުޅޭ ވަރަށް، ރާއްޖޭގެ ބޭންކިންގ ދާއިރާ އާއި މާލީ މުއައްސަސާތައް ތަރައްޤީ ކޮށް ހަރުދަނާ ކުރުމުގެ މަސައްކަތެއް ވެސް ސަރުކާރުތަކުން ކޮށްފައެއް ނުވެއެވެ. ހަމަ އެހެންމެ، އެއްވެސް ދާއިރާއެއްގައި ސިނާޢަތްތެރިކަމާއި ވިޔަފާރި އެއްވެސް ޤައުމެއްގައި ކުރި އަރައިގެން ދަނީ، ވިޔަފާރި އާއި މާލީ ދާއިރާގެ މައްސަލަތައް އަވަސް ގޮތެއްގައި ބަލައި އިންޞާފުވެރި ޝަރީޢަތްތަކުން އިންޞާފު ޤާއިމު ކޮށްދޭ ޤާބިލު ފަނޑިޔާރުގެއެއް ޤައުމުގައި ހުރެގެން ކަމުގައި ވާއިރު، މި ކަމަށް ވިސްނުން ބަހައްޓައިގެން ރާއްޖޭގެ ޖުޑީޝަރީ ތަރައްޤީ ކޮށް ހަރުދަނާ ކުރާން ހަމަ އެއްވެސް މަސައްކަތެއް ފާއިތު ވެދިޔަ ސާޅީހަކަށް ފަންސާހަކަށް އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން އެއްވެސް ސިފައެއްގައި ކޮށްފައެއް ނެތެވެ. 

ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޭރުން ވެސް، ރާއްޖެއަށް ބޭރު ފައިސާއިން ލިބޭ އާމުދަނީ އިތުރު ކުރުމަށް ސަރުކާރުތަކުން ކުރާން ޖެހޭ އެކަމަކު ނުކޮށް އިހުމާލު ވެފައި ވާ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގެ ވާހަކަ ވެސް ދައްކައިލަމާ ހިންގަވާށެވެ! އެއް ކަމަކީ، އެއްވެސް ކަހަލަ ހަރުދަނާ އުޞޫލުތަކެއް ހަމަތަކެއް ނެތި، ހިތުހުރި ގޮތަކަށް އަދި ހިތުހުރި ބީދަޔަކުން ބިދޭސީން ރާއްޖެއަށް އައިސް ހުއްދަ ގޮތްގޮތުންނާއި މަނާ ގޮތްގޮތުން މަސައްކަތް ކޮށް، ރާއްޖޭގައި ހުންނަ ބޭރު ފައިސާކޮޅު މުސާރައިގެ ގޮތުގައްޔާއި އެހެނިހެން ގޮތްގޮތުން ޤައުމުން ބޭރު ކުރުމަށް ފުރުޞަތު ދޭދިނުމެވެ. ދެވަނަ ކަމަކީ، އާސަންދައޭ ކިޔައިގެން ހިންގާ މާފިއާއެއް ކަހަލަ ނިޒާމުގެ ތެރެއިން، ފަޅައިގެން ގޮސްފައި ހުންނަ މައިނާރަކުން އިންސާނެއްގެ ހަށިގަނޑުގެ ލެއި ކޯދު ލައިފައި ބޭރު ވަމުންދާ މިސާލުގައި، ޤައުމަށް ލިބޭ އާމުދަނީ ޤައުމުން ބޭރު ވާ ޙާލަތެއް އުފައްދައިފައި އޮންނައޮތުމެވެ. ތިންވަނަ ކަމަކީ، ޤައުމުގެ އިޤްތިޞާދު ފުޅާ ކޮށް ސިންދަފާތު ކުރުމާއި، ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރުމާއި، ޤައުމުގައި ހުރި ޤުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ކޮށްގެން އެއިން ފުރިހަމަ އިޤްތިޞާދީ ފައިދާ ނެރުން ފަދަ ކަންކަން ނުކުރުމެވެ. އެންމެ މިސާލެއްގެ ގޮތުގައި، މަޝްހޫރު "ޓްރާންސްޝިޕްމަންޓް ބަނދަރު" ގެ ކަންކަން ހިނގާ ގޮތް ބައްލަވާށެވެ! ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ބިނާ ކުރުމުގެ މަސައްކަތަކީ ވަގުތުން ވަގުތަށް ފަށައިގެން ކުރިޔަށް ގެންދާން ޖެހޭ މަސައްކަތެކެވެ. ނަމަވެސް މިކަން ކުރެވޭ ގޮތެއް ނުވެއެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ވެސް މި މަސައްކަތް ފެށުމުގެ ތައްޔާރީތައް ކުރެވުނެވެ. ނަމަވެސް ދުރުގައި ތިބި މީހުންނަށް ވީނުވީއެއް ނޭނގޭ ފަދައިން ކުއްލިޔަކަށް އެ މަސައްކަތް ހުއްޓުނީ ކަމަށް ބުނާތީ އަޑު އިވެއެވެ. އޭގެ ފަހުން ވެސް އެއްވެސް ސަރުކާރަކަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ބުނާތީ އަޑު އިވެނީ، ދިވެހިރާއްޖޭގައި އެފަދަ ބަނދަރެއް ޤާއިމު ކޮށްގެން ދިވެހިރާއްޖެއަށް ތަނަވަސްކަމާއި ކުރިއެރުމާއި އިޤްތިޞާދީ ތަރައްޤީ އައުމަށް ނުރުހޭ ބޭރުގެ ފަރާތްތަކަކުން އެކިއެކި ނާޖާއިޒު އަދި ޖިނާއީ ވަސީލަތްތަކާއި ގޮތްގޮތް ބޭނުން ކޮށްގެން، އެކަން ވިޔަނުދީ ހުއްޓުވަނީ ކަމުގައެވެ. އެގޮތުން، އެ ޤައުމުން ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އެޅިޔަނުދޭން، އެ އިރަކު ވެރިކަމުގައި އޮންނަ ޕާޓީއަކާއި ސަރުކާރެއްގެ އިސް ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ރިޝްވަތު ދެމުން އަންނަ ވާހަކަ ވެސް ތުންތުންމަތީން އިވެއެވެ. މީގެ ޙަޤީޤަތް ވެސް ބަލާ ބަޔަކު ނެތެވެ! 

ޖުމުލަކޮށް ދަންނަވަންޏާ، ދިވެހި ޤައުމަށް އާމުދަނީ އިތުރު ވެ ބޭރު ފައިސާ ލިބޭނޭ ގޮތަށް ޤައުމުގެ އިޤްތިޞާދު ތަރައްޤީ ކުރުމުގެ ހަރުދަނާ، ޝާމިލު، އަދި ވަށައިޖެހޭ ޕްލޭނެއް އެއްވެސް ސަރުކާރަކުން ނުގެންގުޅެއެވެ. ފަހަކަށް އައިސް އުފެދޭ ސަރުކާރުތަކުގެ މުގުލުގައި އަދި ގިޔާދަތުގައި ތިބެނީ ޤައުމުގައި ތިބި ޢިލްމާއި ތަޖުރިބާގެ އަހުލުވެރީން ކޮއްޕައި ގަޅުވައި އިނދަ ޖައްސައިފައި އުސް ގޮނޑިތަކަށް އަރައި ތިބޭ ޕާޓީ އެކްޓިވިސްޓުން ކަމުގައި ވާތީ، އެ ސަރުކާރުތަކަކު މި ދަންނަވާ ފަދަ ޕްލޭނެއް ހަދައި ތަންފީޒު ކުރުމުގެ އެއްވެސް ޤާބިލިއްޔަތެއް ވެސް ނުހުރެއެވެ. ދެން ފެންނަނީ، ޤައުމުގެ އާމުދަނީ ދަށް ވެ ދައުލަތުން ކުރާން ޖެހޭ ޚަރަދުތައް ވެސް ނުކުރެވޭ ވަރު ވުމުން، ފައިސާ ޗާޕު ކުރުން ފަދަ މޮޔަ އަދި ފަނާކުރަނިވި ކަންކަން ކުރާ މަންޒަރެވެ. ރިކަރެންޓް ޚަރަދުތައް ކުރުމަށާއި، މި ވަގުތަށް އެއްވެސް ޒަރޫރަތެއް ބޭނުމެއް ފައިދާއެއް ނެތް ރައުސްމާލީ ޚަރަދުތައް ކުރުމަށް ޓަކައި އެތަންމިތަނުން ދަރަންޏަށް ފައިސާ ނަގައި، ދަރަނީގެ ބަރުން ޤައުމުގެ މައިބަދަ ބިންދާލާ ހިސާބަށް ގެންދާ މަންޒަރެވެ. ހަމަ އެޔާއެކު، މި ފާހަގަ ކުރާ ކަންކަމުގައި ޑީއާރްޕީ/ޕީޕީއެމްގެ ސަރުކާރުތަކަށް ވުރެ، އެމްޑީޕީގެ ދެ ސަރުކާރުގެ ނާޤާބިލުކަމާއި ޚިޔާނާތްތެރިކަމާއި ދޯދިޔާކަން އެތައް ގުނައެއް ބޮޑުކަން ފާހަގަ ކުރާން ޖެހެއެވެ. މިހެން ދެންނެވުމުން، ޤައުމަށް ވުރެ ތިމާގެ ސިޔާސީ ޤަބީލާއަށް ލޯބި ކުރާ އަދި ސިޔާސީ ތަޢައްޞުބުން ކަނު ވެފައި ތިބޭ މީހުން ކިތަންމެ ރުޅި އަޔަސްވެހެވެ. އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގެ ދެމެދަށާއި ފަހަށް ޕީޕީއެމްގެ ސަރުކާރުތަކެއް ނައި ނަމަ، މިހާރު ދިވެހި ޤައުމު އޮތީހީ އިޤްތިޞާދީ އަދި މާލީ ގޮތުން މުޅީން އިނދަ ޖެހި ބަނގުރޫޓު ވެފައިކަމާ މެދަކު ޝައްކު ކުރާނޭ އެއްވެސް ޖާގައެއް ނެތެވެ. 

ސިޔާސީ ޕާޓީތައް 

ދިވެހި ޤައުމުގައި ބޭރު ފައިސާ މަދު ވެ، ބޭރު ފައިސާއަށް ޖެހުމުގެ މައްސަލައިގައި ސަރުކާރުގެ ޒިންމާގެ ވާހަކަ ދެއްކުމަށް ފަހު، އަނެއްކާ ވަކި ބައެއްގެ ގޮތުގައި ސިޔާސީ ޕާޓީތައް ފާހަގަ ކޮށް ސިޔާސީ ޕާޓީތަކުގެ ވާހަކަ ދައްކާން ޖެހެނީ ކީއްވެގެން ހެއްޔޭ ބައެއް ބެއިފުޅުން ސުވާލު ކުރައްވައިފާނެއެވެ. އެހެނީ، ސަރުކާރުތަކުން ކުރާ ކަންތައްތަކަކީ ޕާޓީތަކުން ކުރާ ކަންކަން ކަމުގައި ވާނެތީއެވެ. ނަމަވެސް، ދިވެހި ޤައުމުގެ އިޤްތިޞާދާއި މާލިއްޔަތު – އެހެނިހެން ކަންކަމެކޭ އެއްފަދައިން – މުޅީން ޚަރާބު ވެގެން ދިޔުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު ބޮޑު ކަމުން، ސަރުކާރުގެ ވާހަކަ ދައްކައިފައި ސިޔާސީ ޕާޓީތަކުގެ ޒިންމާގެ ވާހަކަ ނުދެއްކުމަކީ ޙަޤީޤަތުގެ މުހިއްމު ބައެއް ގެއްލިގެން ފޮރުވިގެން ދާނޭ ސަބަބަކަށް ވާތީ، ސިޔާސީ ޕާޓީތަކުގެ ވާހަކަ ވަކީން ދައްކާން ޖެހެއެވެ. ހަމަ އެހެންމެ، ފާއިތު ވި ވިއްސަކަށް އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ޤައުމުގެ އިޤްތިޞާދާއި މާލިއްޔަތާއި އެހެނިހެން ކަންކަން ހަލާކު ކުރަމުން ފަނާ ކުރަމުން އައިސްފައި ވާއިރު، އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކޮށް، ޤައުމަށް އެންމެ ގިނަގުނަ ގެއްލުންތަކާއި ނުޤުޞާންތައް ދިން ޕާޓީއަކީ އެމްޑީޕީކަން ވެސް ފާހަގަ ކުރަމެވެ. ފާއިތު ވެދިޔަ ސޯޅަ ވަރަކަށް އަހަރުގެ ތެރޭގައި ޤައުމުގެ އިޤްތިޞާދު ސުންނާފަތި ކުރީ އެމްޑީޕީން ކަމަށް ބުނުމަކީ ވެސް ޙަޤީޤަތާ ދުރު ބުނުމެއް ކަމަށް ނުފެނެއެވެ. ޕީޕީއެމްގެ ސަރުކާރުތަކުން ވެސް ވަރަށް ގިނަ ގޯސްތައް ހަދައިފައި ވުމާ އެކުގައި ވެހެވެ. 
އެންމެ ފުރަތަމަ ކަމަކަށް، ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ހެދި ކަމަށް މަތީގައި ދެންނެވި ކޮންމެ ގޯހަކީ، ޕާޓީތަކުން ހެދި ގޯސްތަކެކެވެ. އެހެނީ، ރާއްޖޭގައި "މަލްޓިޕާޓީ ސިސްޓަމް" ޤާއިމު ކުރެވުނީއްސުރެ، ޤާނޫނުތައް ހެދެނީ، އަދި ސަރުކާރުތަކުގެ ސިޔާސަތުތައް އެކަށައެޅެނީ، އަދި އެ ސިޔާސަތުތައް ތަންފީޒު ކުރެވެނީ ޤައުމީ ނަޒަރަކުން ކަންކަން ބެލުމުގެ ބަދަލުގައި، ޕާޓީތަކުގެ ސިޔާސީ އަމިއްލަ އެޖެންޑާތަކުގެ މަންޒޫރުން ބެލިގެން، ޕާޓީތަކުގެ ގިޔާދަތުގެ ސިޔާސީ އެދުންވެރިކަމާ އެއްގޮތަށް ކަމުގައި ވުމެވެ. ވީމާ، ސަރުކާރާއި މަޖިލިސްގެ ފޭލިވުމަކީ ވެސް ޙަޤީޤަތުގައި ޕާޓީތަކުގެ ފޭލިވުމެވެ. ޕާޓީތަކުގެ ޚިޔާނާތެވެ. 

އެއްވެސް ކަމެއްގައި ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުތަކާއި ފައިދާއަށް ރިޢާޔަތް ނުކޮށް، އަމިއްލަ "ސިޔާސީ ޤަބީލާ" ގެ އެދުންތަކަށް ކަންކަން ކުރަމުން ދާ ސިޔާސީ ޕާޓީތަކުން ހިންގާ އެންމެ ބޮޑު އެއް ޖަރީމާ އަކީ، ދިވެހި ދައުލަތުގެ މުއައްސަސާތައް ފޭލި ކުރުމެވެ. ޤައުމީ މުއައްސަސާތައް ހަލާކު ކޮށް ސުންނާފަތި ކުރުމެވެ. މައިގަނޑު ގޮތެއްގައި އެކަން ކުރަނީ، ޕާޓީއަށް ވެރިކަން ލިބުމާ އެކު، ދައުލަތުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ޕާޓީގެ ސިޔާސީ އެކްޓިވިސްޓުންނާއި ޕާޓީގެ ލީޑަރުންނާއި ލީޑަރުންގެ އެކުވެރީންނާއި އާލުން އައުލާދުން އެމީހުންގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމެއް ނެތި ލުމުގެ ފާސިދު، ފާސިޤު، އަދި ޚިޔާނާތްތެރި ޢަމަލުގެ ވާސިޠާއިންނެވެ. މިކަން ފެށީ އަދި ދައުލަތުގެ ނިޒާމުގައި މިކަން ސަގާފަތަކަށް ހެދީ 2008 އިން 2012 އަށް އެމްޑީޕީން ކުރި ވެރިކަމުގައި އެ ޕާޓީންނެވެ. އޭގެ ފަހުން، ޕީޕީއެމުން ވެސް ވަނީ އެމްޑީޕީގެ ސުންނަތާ އެއްގޮތަށް އެ ފަނާކުރަނިވި ސަގާފަތް ދަމަހައްޓައިފައެވެ. ދުވަހެއް ދުވަހަކަށް އެ ސަގާފަތް ދަނީ ފުޅާ ވަމުން ވަރުގަދަ ވެސް ވަމުންނެވެ. މިހާރު، ދިވެހި ޤައުމުގައި އެއްވެސް ދާއިރާއަކުން އެއްވެސް މުއައްސަސާއެއްގައި ކިޔަވައިގެން ތަޢުލީމާއި ތަމްރީނު ހޯދައިގެން، ޤައުމަށް ޚިދުމަތް ކޮށް ތަޖުރިބާ ހޯދައިގެން ތިބި ޤާބިލު ދަރީންނަކަށް ފުރުޞަތެއް ނެތެވެ. ދައުލަތުގެ އިސް މަޤާމުތަކަށް މުއައްޒަފުން ޢައްޔަން ކުރުމުގައި ޢަދުލުވެރިކަމުގެ ކަންފުޅެއް ވެސް ނެތެވެ. ޤާބިލު ދިވެހި ދަރީންނަށް އޮތީ އަމިއްލަ މަސައްކަތުން އުޅެވޭ ގޮތަކަށް އުޅުން، ނުވަތަ ޤައުމުން ބޭރަށް ފެއްސިގަނެގެން ދިޔުމެވެ. ޤައުމުގެ މުއައްސަސާތަކުގެ ހުންގާނުގައި – އެކަކު ހިފާން ޖެހޭ ހުންގާނެއްގައި ދޮޅަސް މީހުން ތިބޭ ގޮތަށް – ހިފައިގެން ތިބީ ޤާބިލިއްޔަތުގެ ތަރުތީބުގައި އެންމެ ފަހަތު ދެތިން ސަފުން މެނުވީ ޖާގަ ނުދެވޭނޭ، ސިޔާސީ އެކްޓިވިސްޓުންނެވެ. ނަތީޖާއެއްގެ ގޮތުން، ޤައުމުގެ ގާތްގަނޑަކަށް ކޮންމެ މުއައްސަސާއެއް ވެސް ހިނގަމުން ދަނީ ވެރިކަން ކުރާ ޕާޓީގެ ފައިދާއަށެވެ. އެއިން ތަނަކުން ޤައުމާއި ރައްޔިތުންނަށް ކުރާ ފައިދާއެއް ނެތެވެ. ރައްޔިތުންނާއި ޤައުމަށް ފައިދާ ހުރި ގޮތަށް ކަންކަން ކުރުމުގެ ޤާބިލިއްޔަތެއް ވެސް އެއިން ތާކު ނެތެވެ. 

ސިޔާސީ ޕާޓީތަކުން ހިންގާ އަނެއް ޖަރީމާ އަކީ، ސިޔާސީ މަޤުބޫލުކަމާއި ތާއީދު ހޯދުމަށް ޓަކައި، ދިވެހި ދައުލަތަށް ލިބޭ އާމުދަނީއާ ނުބައްދަލު ޚަރަދުތައް ދައުލަތުގެ ބަޖެޓުން ކުރުމެވެ. މިކަން ފެށެނީ ޕާޓީއަށް ވެރިކަން ހޯދުމަށް ޓަކައި ހިންގާ ކެންޕޭނުގެ ތެރެއިންނެވެ. ވާ ވަޢުދުތަކުގެ ތެރެއިންނެވެ. ހަދައި ނެރޭ މެނިފެސްޓޯގެ ތެރެއިންނެވެ. ރިޔާސީ އިންތިޚާބެއް ކައިރި ވެގެން އަންނަ އިރު ޕާޓީތަކުން ވަޢުދުތައް ވަމުން ދަނީ ޤައުމުގެ ޙާލަތާއި ޤައުމުގެ ވަސީލަތްތަކާއި ދައުލަތުގެ އާމުދަނީ އާއި ޚަރަދުތައް ހުރި ގޮތަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށެވެ. މި ވަޢުދުތަކުގެ ޒަރީޢާއިން ރައްޔިތުންގެ ލޯތައް ޙަޤީޤަތަށް ކަނު ކޮށްލުމަށް ފަހު، ރައްޔިތުން ދޭ ވޯޓުން ވެރިކަމަށް އާދެވުމުން، ދެން ކަންކަން ކުރަނީ ވެސް ދައުލަތް މާލީ އަނދަވަޅުތަކަށް ވެއްޓޭނޭ ގޮތަށެވެ. ދައުލަތުގައި ފައިސާ ނެތުމުގެ ސަބަބުން، ވަޢުދު ވާ ގޮތަށް ނުކުރެވޭ ކަންކަން ބައިވަރެވެ. ނަމަވެސް ވަޢުދުތައް ފުއްދުމުގެ ނަމުގައްޔާ ވެސް އެކު، ދައުލަތުގެ އާމުދަނީގެ މިންގަނޑުގެ ބޭރުން ކުރާ ބޭކާރު އެތައް ޚަރަދެއްގެ ވާހަކަ ދެއްކިދާނެއެވެ. އެއް ކަމަކީ "ހުސް ނުވާ އާސަންދަ" އެވެ. އެކަނި މައިންނަށް ދޭ ޢިނާޔަތާއި، މުސްކުޅީންނަށް ދޭ ޢިނާޔަތާއި، ހިލޭ ޑިގުރީ ޕްރޮގްރާމަކީ އިތުރު މިސާލުތަކެވެ. މިއިން އެއްވެސް ކަމަކީ ދިވެހި ދައުލަތުގައި އެކަން ކުރުމުގެ މާލީ ކެރިފޯރުންތެރިކަން ހުރެގެން ކުރާ ކަމެއް ނޫނެވެ. ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގައި ވެސް ނުކުރާ މިންވަރަށް މި ކަންކަން ކުރަނީ، ދައުލަތް ދަރައި ވިކިގެން، ނުލިބޭ ފައިސާ ޚަރަދު ކޮށްގެނެވެ. ޤައުމުގެ މާލީ ކުރިމަގާއި އަންނާން އޮތް ޖީލުތަކުގެ މުސްތަޤުބަލުން ޖުވާ ކުޅެގެނެވެ. ޚާއްޞަކޮށް، އާސަންދަ އަކީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ބޭރު ފައިސާ ކޮރަޕްޝަނާއި އެކި ކަހަލަ ބަދުމުޢާމަލާތުތަކުގެ ތެރެއިން ޤައުމުން ބޭރަށް ބުރުވާ މާފިއާ ކުޅިގަނޑެއް ކަހަލަ އެއްޗެކެވެ. މީގެ އިތުރުން ވެސް، ދިގު މުއްދަތުގެ ތަރައްޤީގެ ޕްލޭންތަކެއް ނުހަދައި، ރައްޔިތުން ހައްލައިގެން ވޯޓު ހޯދުމަށް ޓަކައި ކުދިކުދި ރަށްރަށުގެ މަގުތަކުގައި ތާރު އެޅުމާއި، ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، ނަރުދަމާ އެޅުން ފަދަ ކަންކަން ކުރަމުން ގެންދަނީ ޤައުމުގެ އިޤްތިޞާދީ މަޞްލަޙަތުތަކަށް ކަނޑައެޅިގެން ގެއްލުން ހުރި ގޮތުގައެވެ. މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ފާލަންމަގުގެ މަޝްރޫޢަށް ބައްލަވާށެވެ! އެތައް ސަތޭކަ މިލިއަން ޑޮލަރަކުން ޤައުމު ދަރުވައިލައިގެން، އެތައް ސަތޭކަ މިލިއަނެއް އިސްރާފު ކޮށްގެން ފެށި މި މަޝްރޫޢަކީ ހަށަވާދަ ޖެހުމާއި "މަށަށް ވެސް ވާނެ" ކަން ދެއްކުމަށް ޓަކައި ފެށި "ވެނިޓީ ޕްރޮޖެކްޓެއް" ނޫން ދެން ކޮން އެއްޗެއްތޯއެވެ؟ 

އެމްޑީޕީގެ ވެރިކަމެއް އޮންނަ ނަމަ، އެ ޕާޓީގެ ފަރާތުން ތަކުރާރުކޮށް ފެންނަ އެއް ކަމަކީ، ދިވެހި ޤައުމުގެ ކަންކަން ބިދޭސީ ބައެއް ބާރުތައް އެދޭހައި ގޮތަކަށް، އެ ޤައުމުތައް ރުހޭހައި ގޮތަކަށް ކުރުމެވެ. މިކަން ކުރަނީ، އެ ޕާޓީގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ހުޅަނގުގެ ބައެއް ޤައުމުތަކާއި އަވަށްޓެރި ބޮޑުބާރުގެ މަދަދާއި އެހީތެރިކަން ހޯދުމުގެ ގޮތުންނެވެ. މި ގޮތުން ހިންގައިފައި ވާ ޚިޔާނާތްތަކުގެ ސަބަބުން ވެސް ދިވެހި ޤައުމަށް މާލީ އަދި އިޤްތިޞާދީ ގޮތުން ހިމަނައިނުގަނެވޭ ވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. އެއް މިސާލަކީ، އެމްޑީޕީގެ ފުރަތަމަ ރިޔާސީ ދައުރުގައި، ޤައުމީ މަޞްލަޙަތު ކަތިލައިފައި، ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ ދަށަށް ދޫކޮށްލި ދޫކޮށްލުމެވެ. އަޅުގަނޑުމެންގެ އެކަކު ވެސް އަދި ހަނދާން ނުނެތޭނޭ ފަދައިން، އެ ކަންތައްގަނޑު ނިމިގެން ދިޔައީ ދިވެހި އިޤްތިޞާދަށް އެތައް ގެއްލުމެއް ލިބި، އާޚިރުގައި ދިވެހި ރައްޔިތުންގެ ޚަޒާނާއިން ޖީއެމްއާރަށް 250 މިލިއަން ޑޮލަރު ދައްކާން ޖެހިގެންނެވެ. މިދިޔަ އެމްޑީޕީ ވެރިކަމުގެ ދައުރުގައި އެތައް ބިލިއަން ޑޮލަރަކުން ޤައުމު ދަރުވައިލައިފައި ވަނީ، ޤައުމީ މަޞްލަޙަތު މުޅީން ޤުރުބާން ކޮށްފައެވެ. ވެރިކަމުގައި ތިބޭ އިރު މި ޒާތުން، ބިދޭސީ ދަރަނި ދަންތުރައަށް ޤައުމު ފައްތައި، ރިކަރެންޓް ޚަރަދުތަކަށް ވެސް ލޯނު ނަގައި ހެދި އިރު، ވެރިކަމުގައި ނުތިބެންޏާ ޤައުމުގެ އިޤްތިޞާދު ހަލާކު ކުރުމަށް ޓަކައި ދިވެހި ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ޔޫރަޕާއި އެހެނިހެން ތަންތަނުގައި ޕްރޮޕެގެންޑާ ފެތުރުމަކީ ވެސް އެމްޑީޕީގެ އާދައެކެވެ. 

ކަޅު ބާޒާރުގެ އަހުލުވެރީން

ދިވެހި ޤައުމުގައި ބޭރު ފައިސާ މަދު ވެ، ބޭރު ފައިސާއަށް ޖެހުމުގެ މައްސަލައިގައި ޒިންމާ އުފުލާން ޖެހޭ ހަތަރުވަނަ ފަރާތަކީ ދިވެހިރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު އުފައްދައި އެ ބާޒާރު ހިންގާ އެންމެންނެވެ. އެކަމުގައި ޝާމިލު ވަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައެއް ކުންފުނިތަކާއި، ޑޮލަރުން މުސާރަ ލިބޭ ޢާއްމުން ފަދަ ފަރާތްތަކެވެ. އަދި ޑޮލަރުގެ ކަޅު ބާޒާރެއް، ދިވެހި އިޤްތިޞާދުގައި އަޅައިފައި ވާ ކެންސަރެއްގެ ގޮތުގައި ވުޖޫދުގައި އޮތުމުގެ ފުރުޞަތު ދީގެން ތިބޭ ސަރުކާރުތަކެވެ. މި އެންމެން ވެސް، އަމިއްލަ ފައިދާ ހޯދުމުގައި ޙަލާލު އަދި ޖާއިޒުކަމުގެ އިންތައް ފަހަނައަޅައި ދަހިވެތިކަން އިސް ކޮށްގެން ކުރާ ކަންތަކުގެ ނަތީޖާ އަކީ، ރާއްޖެއަށް ވަންނަ އެމެރިކާ ޑޮލަރު ވެސް އެމްއެމްއޭއަށް މާރު ނުކުރެވި، އޭގެ ފައިދާއިން ޤައުމު މަޙުރޫމު ވުމެވެ.
* * * * *
މި ދެންނެވި ޙަޤީޤަތްތައް މިހެން ހުރީމާ، ދިވެހިން ހިތާ ވާ އަދި ދިވެހީން ބޭނުންވާ މިންވަރަށް ދިވެހި ބޭންކުން ޑޮލަރު ނުލިބުމުން ދިވެހި ބޭންކު ކުށްވެރި ކޮށް، ބޭންކު ބޮއިކޮޓް ކޮށް، ބޭންކު ހަލާކު ކޮށްލާން ވީ ކޮން ސަބަބަކާ ހުރެ ބާވައެވެ؟ ޤައުމުގައި ހުރި މުއައްސަސާތައް 2005 އާއި 2008 އާ ދެމެދުގައި ފެށި "އިޞްލާޙީ" ޙަރަކާތުގެ ތެރެއިން ފާއިތު ވި ފަނަރަ ސޯޅަ އަހަރުގެ ތެރޭގައި، ތަނަކަށް ފަހު ތަނެއް ހަލާކު ކުރަމުން އައިސް، ހަލާކު ނުވެ ބާކީ ހުރި މަދު ތަންތަނުގެ ތެރެއިން އެއް ތަނަށް ބޭންކު ވާތީ، އެތަން ވެސް ސަލާމަތުން ހުއްޓަނުދޭން ވެގެން ބާވައެވެ! ދިމާ ވެގެން މި އުޅޭ ބޮޑު މައްސަލައިގެ ޙަޤީޤީ މުޞައްނިފުންގެ ނަން ކިޔާން، އެމީހުންގެ ފަހަތުން ދާން، އެމީހުން ޖަވާބުދާރީ ކުރުވާން ބިރު ގަންނަނީ ބާވައެވެ! ނުވަތަ ކަންކަން ހިނގަމުންދާ ގޮތާ މެދު އަޅުގަނޑުމެންގެ ހެއިލުންތެރިކަން ހަމަ ދަށީ ބާވައެވެ!  

(ނުނިމޭ)

ނޯޓް: މި ލިއުމަކީ ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދުގެ ފޭސްބުކް ސަފުހާއިން ނަގައިފައިވާ ލިއުމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު